އިކޮނޮމިކް މިނިސްޓަރު ސައީދު ވިޔަފާރިވެރިން ހިމެނޭ ކޮމިޓީއެއްގެ ބައްދަލުވުން ޗެއާ ކުރައްވަނީ: ސައީދުގެ މިނިސްޓަރުކަމުގައި ޒުވާނުން އެ މިނިސްޓްރީއަށް ހުށަހެޅި ހިޔާލުތައް ފަހުން ސަރުކާރުން ބޭނުންކުރި ކަމުގެ ތުހުމަތު ކުރޭ

ޒުވާނުން

ދިވެހި ހުނަރުވެރިންގެ ހިޔާލުތައް ސަރުކާރުތަކުން 'ވަގަށް ނެގި' ގޮތް

މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް ދިވެހި ޒުވާނުން އެކި ސަރުކާރުތަކުގައި ހުށަހެޅި ހިޔާލުތައް ފެށުމަށް އެ ޒުވާނުންނަށް މަގުފަހިކޮށް ނުދީ ސަރުކާރުތަކުން ވަނީ އެ ހިޔާލުތައް ފަށާފައި
7 އޭޕްރީލު 2026
3

މީގެ 9 އަހަރު ކުރި އެވެ. މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ހައްލެއް ގެނެސް، ސައިކަލު ދުއްވާ މީހުންނަށް އާމްދަނީއެއް ހޯދައިދިނުމުގެ މަގުސަދުގައި ޒުވާނުންތަކެއް ހިޔާލެއް އުފަންކޮށް ހަގީގަތެއް ހަދަން ނުކުތެވެ. އެ މީހުންގެ އުފެއްދުމަކީ، ރާއްޖެއަށް އޫބާ ފަދަ ހިދުމަތެއް ތައާރަފްކުރުމަށް ތައްޔާރުކުރި 'ރައިޑް މޯލްޑިވްސް' އެވެ.

އެ ޓީމުގެ އެކަކީ މިހާރު ދެކުނު ކޮރެއާގައި ހުރެ، ދުނިޔޭގެ މަޝްހޫރު 'ލޮޓީ ފައިލްސް'ގެ ފައުންޑަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ނަސްރުﷲ އަދުނާން (ނައްޓު) އެވެ. އޭނާ ވަނީ އެ ހިޔާލު އޭރުގެ ސަރުކާރުން ވަގަށް ނަގައި މަރާލި ގޮތް ދާދި ފަހުން އެކްސްގައި ކިޔައިދީފަ އެވެ.

"އެޕްލިކޭޝަން އޮތީ ލޯންޗުކުރަން ތައްޔާރަށް. 200އަށް ވުރެ ގިނަ އަންހެން އަދި ފިރިހެން ޑްރައިވަރުން ވެއިޓްލިސްޓުގައި ތިބި،" ނަސްރުﷲ ބުންޏެވެ.

ރައިޑް މޯލްޑިވްސްގެ ޓީމުން ބޭނުންވީ އެ ހިދުމަތް ފެށުމުގެ ކުރިން އެޕްލިކޭޝަން ދައްކާލައި ސަރުކާރުގެ އެއްބާރުލުން ހޯދުމަށެވެ. އެހެންވެ، އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ އެ ޓީމުން ބައްދަލުކުރި އެވެ. ކަންވީ ހީކުރި ގޮތާ މުޅިން ހިލާފަށެވެ.

ރައިޑް މޯލްޑިވްސްގެ ހިޔާލު އުފަންކުރި ޓީމް: ސަރުކާރުގެ ހުރަސްތަކާ އެކު އެ ޓީމުން ޖެހުނީ މަސައްކަތް ހުއްޓާލަން

ޖެހިގެން އައި ދުވަހު ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އިކޮނޮމިކް މިނިސްޓްރީން ނޫސްބަޔާނެއް ނެރެ، ސައިކަލް ޓެކްސީގެ ހިދުމަތް ސަރުކާރުން ފަށަން އުޅޭ ކަމާއި އާ ގަވާއިދެއްގެ ދަށުން ކުންފުނިތަކަށް ކުރިމަތިލެވޭނެކަން އިއުލާންކުރި އެވެ. މިނިސްޓްރީން އެ މީހުންނަށް އެންގީ އާ ގަވާއިދުގެ ދަށުން ކުރިމަތިލުމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އެ ގަވައިދު ހަދަން ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނެގި އެވެ.

އެންމެ ހިތާމަވެރި ކަމަކީ، އެ ޒުވާނުންގެ އަސްލު ހިޔާލު ވަގަށް ނެގުމުގެ އިތުރަށް އެ ޒުވާނުންގެ ރައިޑް އެޕްގައި ހިމަނާފައިވާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅުތައް ސަރުކާރުން އާންމުކުރި ގަވައިދުގައި ނެތުމެވެ. ފަހުން ސަރުކާރުން އެ މީހުންނާ ބައްދަލުކޮށް، ހިޔާލު ހޯދަން ވެސް ބޭނުމެއް ނުވި އެވެ.

ރައްކާތެރި ހިދުމަތަކަށް އެޕްލިކޭޝަން އަޕްޑޭޓްކުރަން ކުރި މަސައްކަތަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ހުރަސްއެޅި އެވެ. ނަތީޖާއަކަށްވީ އެ ޕްރޮޖެކްޓް އެކީ ހުއްޓާލަން އެ ޒުވާނުންނަށް މަޖުބޫރުވުމެވެ. ފަހުން އޭރުގެ ސަރުކާރާ ގުޅުން އޮތް ބަޔަކު ސައިކަލް ޓެކްސީގެ މި ހިދުމަތް ފެށި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ވެސް ހުއްޓުނީ އެވެ.

ރައިޑް މޯލްޑިވްސް އެޕާއި އޭގެ ބްރޭންޑިން
ރައިޑް މޯލްޑިވްސް އެޕާއި އޭގެ ބްރޭންޑިން

ޓްރާންސްޕޯޓް މިނިސްޓްރީން ފަހުން އެ މީހުންނަށް ގުޅައި ބޭނުންވާ ގޮތަށް ބަދަލުތައް ގެނެސްދޭނެ ކަމަށް ބުނި ނަމަވެސް، އޭރު ވަގުތު ފާއިތުވެއްޖެ އެވެ. އޭރު އެ ޓީމު އޮތީ އެމީހުންގެ އާ ޕްރޮޖެކްޓްތަކުގައި ބިޒީވެ ޝައުގުވެރިކަން ވެސް ގެއްލިފަ އެވެ.

ނަސްރުﷲ ސިފަކުރި ގޮތުގައި، އެ މީހުން އޫބާ ފަދަ ޒަމާނީ ސިސްޓަމެއް ތައާރަފްކުރަން އުޅުނުއިރު، ޓްރާންސްޕޯޓް އަދި އިކޮނޮމިކް މިނިސްޓްރީ އޮތީ ތައިލެންޑުން ސައިކަލް ޓެކްސީގެ ކޮންސެޕްޓް ދަސްކުރާށެވެ.

ވެމްކޯއަކީ ވެސް ދިން ހިޔާލެއް

މިއީ ހަމައެކަނި ޒުވާނުން ފައްކާކުރި އެއް ހިޔާލަކަށް ދިމާވި ގޮތެއް ނޫނެވެ. މުހައްމަދު ރިލްވާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ވެމްކޯއަކީ ވެސް އޭނާގެ ރައްޓެއްސެއް ކަމަށްވާ އާސިފް ރަޝީދުގެ ހިޔާލެއް ވަގަށް ނަގައިގެން ސަރުކާރުން އުފަންކުރި ހިދުމަތެކެވެ. އެ ހިޔާލު ފައްކާކޮށް އިކޮނޮމިކް މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅައި އިންޓަވިއު ވެސް ކުރި އެވެ. އަދި ދެވަނަ އިންޓަވިއުއަކަށް ގުޅާނެ ކަމަށް ބުނި ނަމަވެސް، ފަހުން ފެނުނީ އެ ހިޔާލުގެ މައްޗަށް ސަރުކާރުން އަމިއްލައަށް ހިދުމަތެއް ފަށާކަމުގެ ސުރުހީތައް ނޫސްތަކުންނެވެ.

މިއީ ޒުވާނުންގެ ހިޔާލުތައް މަރާލުން

މި ވާހަކަތައް އެކްްސްގައި ފެންމަތިވުމާ އެކު މިއީ ރާއްޖޭގައި އާންމު ކަމަކަށް ވެފައިވާ ކަމަށް ބުނެ އެތައް ބައެއްގެ ތަޖުރިބާތައް ބަންޑުން ކުރި އެވެ. މިކަމާ ގުޅޭ ގޮތުން އެކްސްގައި ހިޔާލު ފާޅުކުރި ފަރާތްތަކުން ސިފަކުރި ގޮތުގައި، އިކޮނޮމިކް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލްއަކީ ޒުވާނުން އިސްނަގައިގެން ގެންނަ ހިޔާލުތައް ގެއްލޭ 'ބާމިއުޑާ ޓްރައިއޭންގަލް'އެއް ފަދަ ތަނަކަށް ވަނީ ވެފަ އެވެ.

"އަހަރެންނަށް ލިބުނު ފިލާވަޅަކީ ދުވަހަކު ވެސް ސަރުކާރަށް އެއްވެސް އެއްޗެއް ޕިޗު ނުކުރުން،" ފިޝީގެ ނަމުގައި އެކްސްގައި ހަރަކާތްތެރިވާ ޑިވަލޮޕަރެއް އޭނާގެ ހިޔާލު ފާޅުކުރަމުން ބުންޏެވެ.

އަނެއް ބަޔަކު ބުނީ މިއީ "ރާއްޖޭގައި ހުނަރުވެރިންގެ އަގު ވަޒަންކުރާ ގޮތް" ކަމަށެވެ. ހުނަރުވެރި އުފެއްދުންތެރި ޒުވާނުންގެ އަގު ވަޒަންކުރާ ގޮތެވެ. އެހެންވެ މިފަދަ އެތައް ޒުވާނުންނެއް ރާއްޖެ ދޫކޮށް ގޮސް ދިރިއުޅެނީ ބޭރު ގައުމުތަކުގަ އެވެ.

"ދިވެހި ސަރުކާރުތަކަކީ އަބަދު ވެސް މީހުންގެ ހިޔާލުތައް ވަގަށް ނަގަން ތައްޔާރަށް ތިބޭ މިނިކާ ދޫނިތަކެއް ފަދަ ބައެއް،" މީހަކު ހިޔާލު ފާޅުކުރި އެވެ.

މިފަހުން ބޭއްވި ހެކަތޯންއެއްގައި ޒުވާނުންތަކެއް ބައިވެރިވަނީ

އެކަމަކު، ސަރުކާރުތަކުން ހަދާން ނެތޭ ކަމަކީ އާންމުން ފައްކާ ކުރާ ހިޔާލެއް ވަގަށް ނެގިއަސް އެ ހިޔާލު އަސްލު އުފެއްދި މީހުން ނެތް ނަމަ އަދި އެ މީހުން އެކަން ނުކުރާ ނަމަ އެ ވިޔަފާރި ކުރިއަށް ނުދާނެ ކަމެވެ. އަދި އެ ޖޯޝު ވެސް ނުހުންނާނެ ކަމެވެ. އަމިއްލަ ޒުވާނުންގެ ހުނަރާއި އީޖާދީ ވިސްނުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި، އެމީހުންގެ މިންނެތް މަސައްކަތް ވަގަށް ނެގުމުގެ ނަތީޖާ އަކީ ނަސްރުالله ފަދަ އެތައް ޒުވާނުންނެއް ރާއްޖެ ދޫކޮށް ދިޔުމެވެ. ޒުވާނުންގެ ހިޔާލުތަކަށް އެހީތެރިވުމުގެ ނަމުގައި ހުޅުވާލާ ފުރުސަތުތަކަކީ އެމީހުންގެ ހިޔާލުތައް ވަގަށް ނަގަން ފަހިކުރާ މަގަކަށް ވެގެން ނުވާނެ އެވެ.

ކޮމެންޓް (3)

ެިއިބްރާހިމް

8 އޭޕްރީލު 2026
ބަހުގައި ކޭޝްކާރޑުން ފައިސާދެއްކަަން ފެށުން ، ސަރުކާރުން ޓެކްސީ ހިދުމަތް މިއީ އާދަމް އާޒިމް އެމް.ޓ.ީ.ސީ.ސ ގެ އެމް.ޑީ އަކަށް ހުރިއިރު ޓުވީޓާގައި މީހަކު އަލީ އާޒިމް އަށް އާއި އެމްޓީ.ސީސީ އަދި ޓްރާންޕޯރޓް މިނިސްޓްރީ އަށް ޓެގުކޮށް ލިޔުނު ޕޯސްޓަކުން އުފަންވި ހިޔާލެއް
1 0

ޕާޓީ އުވާލާ

8 އޭޕްރީލު 2026
މިގައުމު ރައްޔިތުްނ ބޭނުންވާ ގޮތަށް ހިނގާނަމަ އީރާނުހެން ތިޔަ ކުދިން ތިބޭނީ ގައުމު ޓެކް މިނިސްޓްރީ އެންމެ އިސްސަފުގައި ފޭކް ބުކާ އެކުސް އާ އިންސްޓާ އާ ނުލާ އަމިއްލަ އުފެއްދުމުން ގަުއމުގެ އެފަދަ ކަންކަން ހިންގެ ގޮތް ހަަދަން. ޗައިނާ އީރާނުހެން. އެހެން ނުވުމަކީ ޒަޔޯ އުގަށ ްރާއްޖެ ވެއްޓުން މިތަން ޔޫއޭއީއަށް ހަދަން ހަދައިގެނ.ް އެހެނ ވެފައި މިއޮތީ! މަމެން ބޭނުންވަނޭ ރާއްޖޭގެ އެންމެ ބެސްޓް މައިންޑްސް ސަރުކާރ ހަވާލުވާން. ޕާޓީއޮވެގެން އެކަމެއް ނުވާނެ. އެއީ ގައުމީ ކުލަ ހުރުމަކީ އެމެން ރުހޭ ކަމަމަށ ްވާތީ ކިތަންމެ މޮޅު މީޙަކުވެސް ލެވެން ނެތީތީ ޕާޓީ ނޫންނަނަ.
6 0

ތެފައާސާ.

7 އޭޕްރީލު 2026
ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކުރާ ބަޔަކު، ދިވެހި ހުނަރުވެރިންގެ ޚިޔާލުތަކުން ވައްކަންކުރުމަކީ އަހަރެމެން އެއްގޮތަކަށް އަންތަރީސްވާ ކަމެއް ނޫން.
19 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް