ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން (ފޮޓޯ/އައިއޭއެސް)
ދަރަވަންދޫ އެއާޕޯޓު ހިންގުން އައިއޭއެސް އާ ހަވާލުކޮށް ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފި
ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް، ތަރައްގީކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ދަރަވަންދޫ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރަވަންދޫ އެއާޕޯޓުގެ ހިންގުން ވަނީ އައިލެންޑް އޭވިއޭޝަން އާ ހަވާލުކޮށްފަ އެވެ. އެއާޕޯޓުގެ ހިންގުން އައިލެންޑް އޭވިއޭޝަން އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ
-
ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަަލް އަހުމަދު ޝަމީމް
-
އައިލެންޑް އޭވިއޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް
ތަފްސީލް - ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އަމީން އެވެ.
މި މަޝްރޫއުގެ ދަށުން ޒަމާނީ ޓާމިނަލެއް ތަރައްގީކުރަން ނިންމާފައިވެ އެވެ. ފަސިންޖަރުންނަށް ހިތްހަމަޖެހޭނެފަދަ ހުރިހާ ކަމެއް ހިމަނައިގެން އާ ޓާމިނަލް ތަރައްގީކުރާއިރު ހުންނާނެ ފެސިލިޓީޓަކުގެ ތެރޭގައި
-
ސެލްފް ޗެކްއިން ކިއޮސްކުތައް ހުންނާނެ
-
އެޑްވާންސް ސެކިޔުރިޓީ ސްކްރީނިން
-
ޖާގަ ތަނަވަސް ޑިޕާޗާ ހޯލެއް
-
3 ބޯޑިން ގޭޓް
-
އެކްސްކްލޫސިވް ލައުންޖު
-
ޑެޑިކޭޓެޑް ބޭބީކެއާ ފެސިލިޓީ
-
އޯޕަން އެއާ ރިޓްރީޓް ސަރަހައްދެއް
އައިލެންޑް އޭވިއޭޝަނުން ބުނީ މި މަޝްރޫއަކީ ހަމައެކަނި އިމާރާތަކަށް އަންނަ ބަދަލެއް ނޫން ކަމަށާއި މިއީ ހިދުމަތުގެ ފެންވަރު މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ ބަދަލެއް ކަމަށެވެ.
އެނގުން މުހިއްމު - ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ. އެއާޕޯޓު ހުޅުވާ ހިދުމަތް ދޭން ފެށީ 2012 ވަނަ އަހަރު އެވެ. ދަރަވަންދޫ އެއާޕޯޓުގެ ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް އެތަން ތަރައްގީ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.