އިރުއޮއްސެމުން ދިޔަ ވަގުތު، ތެޔޮ ބައުޒަރަކުން ހުޅުމާލެ ޖެޓީގައި އޮތް އުޅަނދަކަށް ތެޔޮ އަޅަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ފެކްޓް ޗެކް - މި ވަގުތަށް ތެލަށް ނުޖެހިދާނެ؛ އެކަމަކު މިތިބީ ކަނޑީގެ މިޔަމަތީ
ރާއްޖެ މިގެންނަ ސާކޮށްފައި ހުންނަ ޑީސަލާއި ޕެޓްރޯލް ފީފާއެއް ދުނިޔޭގެ ބާޒާރުން ގަންނަން މިހާރު ލިބެނީ އެވްރެޖްކޮށް 127-128 ޑޮލަރަށެވެ. ތެލުގެ ވިޔަފާރި ރާއްޖޭގައި ކުރާ ފަރާތްތަކުން ބުނަނީ އެ އަގުގައި ދުނިޔޭގެ ބާޒާރުން ތެޔޮ ގަނެގެން ފައިދާގައި ރާއްޖޭގައި ތެޔޮ ވިއްކާ ނަމަ ވިއްކަން ޖެހޭނީ:
-
ޑީސަލް ލިޓަރެއް: 25ރ. އަށް
-
ޕެޓްރޯލް ލިޓަރެއް: 22-23ރ. އަށް
އެހެންކަމުން އެސްޓީއޯއިން ވެސް އަދި އާންމުންނަށް ތެޔޮ ވިއްކާ އަމިއްލަ ފަރާތްތަކުން ވެސް ތެޔޮ ޝެޑްތަކުން މިހާރު ތެޔޮ ވިއްކަމުން އެ ދަނީ ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގާ އަޅާބަލާއިރު ގާތްގަނޑަކަށް ލިޓަރެއް 5ރ.ގެ ގެއްލުމުގަ އެވެ. އެހެންވީމާ ތެލާ ގުޅޭ ނަމްބަރުތައް މި ހުރީ ބިރުވެރިކޮށެވެ.
އަގުހެޔޮކޮށް އާންމުންނަށް ތެޔޮ ވިއްކުމަށް އަހަރުމެންގެ ޓެކްސް ފައިސާއިން ސަރުކާރުން ބޮޑު އަގެއް ވެސް ދައްކަން ޖެހެ އެވެ. ކަންބޮޑުވުމަކީ ޓޫރިޒަމް ދަށްވެ އާމްދަނީން މަހަކަށް 400-500 މިލިއަނެއްހާ ރުފިޔާ މަަދުވާއިރު ތެޔޮ އެތެރެކުރަން ހިނގާ ހަރަދު މައްޗަށް ދާތީ އެވެ. އެގޮތުން:
-
ތެޔޮ އެތެރެކުރަން އެސްޓީއޯއިން މަހަކަށް ހިނގާ ހަރަދު 40 މިލިއަން ޑޮލަރުން 60 މިލިއަން ޑޮލަރަށް އިތުރުވާނެ؛ މަހަކަށް އިތުރު 20 މިލިއަން ޑޮލަރު ތެޔޮ ބިލަށް އެކަނި ބޭނުން ވާނެ
-
މިއަހަރު ތެލުގެ ސަބްސިޑީއަށް ބަޖެޓްކުރީ 1.9 ބިލިއަން ރުފިޔާ ނަމަވެސް، ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރި 3.5 ބިލިއަން ރުފިޔާ އެކަމަށް ހަރަދުކުރަން ޖެހިދާނެ
އެ ނަމްބަރުތަކުން ބިރުވެރި މަންޒަރުތަކެއް ކުރަހައިދޭއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ރާއްޖެ ތެލަށް ޖެހިދާނޭ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ. އެކަމަށް ތައްޔާރުވެ ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު އިންޒާރުކުރެއްވި އެވެ.
ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ ވިޔަފާރި ހިންގާ ގޮތާއި ތެލަށް ފައިސާ ދައްކާ ގޮތަށް ބަލާއިރު އެ ހާލަތް އޮތީ ކިހާ ކައިރީގައި ހެއްޔެވެ؟
ރާއްޖެއަށް ތެޔޮ ގެންނަނީ އޮމާންގެ ދެ ބަނދަރަކުން
އެސްޓީއޯއިން ރާއްޖެއަށް ތެޔޮ އެތެރެކުރަނީ އޮމާންގެ ސަލާލާ ބަނދަރާއި ސޮހާރު ބަނދަރުންނެވެ. އެހެންކަމުން އެސްޓީއޯގެ އުޅަނދުތައް ތެޔޮ ބަރުކުރަން އީރާނުން ބަންދުކޮށްފައިވާ ހޮރުމޫޒް ކަނޑުއޮޅި ހުރަސް ކުރާކަށް ނުޖެހޭނެ އެވެ.
ނަމަވެސް އެ ބަނދަރުތަކަށް މިދިޔަ ހަފްތާ ތެރޭ އީރާނުގެ ހަމަލާތަކެއް އަމާޒުވި އެވެ. އަދި މުސްތަގުބަލުގައި އިތުރު ހަމަލާތަކެއް ވެސް ދީފާނެ އެވެ. ނަމަވެސް މިވަގުތަށް އެ ބަނދަރުތަކުން ތެޔޮ ބޭރުކުރުން ހުއްޓިފައެއް ނުވެ އެވެ. ހަނގުރާމަ ފެށުނުތަނާހެން ތެޔޮ އަގުބޮޑު ނުވެ ހުރިއިރު އެސްޓީއޯގެ ބޯޓުތައް ތެޔޮ ބަރުކޮށް ރާއްޖެއަށް ދަތުރު ފެށި އެވެ. އެ ބޯޓުތައް މި ހަފްތާ ރާއްޖެ ވަންނާނެ ކަމަށް ބެލެވެ އެވެ.
އޮމާން ސަރުކާރާއި ރާއްޖޭގެ ސަރުކާރާ ވާހަކަ ދައްކައިގެން ޒަމާނުއްސުރެ އޮމާންގެ ތެޔޮ ކުންފުނި އޯކިއުއާ އެކު ހާއްސަ އެއްބަސްވުމެއް ހަދާފައި އޮވެ އެވެ. އެހެންކަމުން، އެ އެއްބަސްވުން ދެމި އޮތްހާ ހިނދަކު އަދި އެ ދެ ބަނދަރު ނުހުއްޓޭހާ ހިދަކު ރާއްޖެއަށް ތެޔޮ ގަންނަން ލިބެން ހުންނާނެ އެވެ.
ތެލުގެ އަގު ބޮޑުވުމާއި ދެން ވަށައިގެން ހުރި ކަންކަމަށް ބަލާ ނަމަ ރާއްޖެ މިވަގުތަށް އަދި ތެލަށް ނުޖެހުނަސް އިގްތިސާދީ އަދި މާލީ ނުރައްކާތައް ރާއްޖެއަށް ބޮޑެވެ. ހަކަތައިގެ ތާށިކަމެއް އަދި މިވަގުތަށް ކުރިމަތި ނުވެދާނެ އެވެ. އެކަމަކު ތެލުގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ބޭއްވުމަށް އެހެން ދިމަ ދިމާ ވެސް ބަލަން ޖެހެ އެވެ.
މައްސަލައަކީ ތެލުގެ އަގު؛ ބުރަ 6 މަސް ފަހުން
ރާއްޖެއަށް ކުރިމަތިވާނޭ އެންމެ ބޮޑު ގޮންޖެހުމަކީ ތެޔޮ ގަންނަން ނުލިބުން ނުވަތަ ތެޔޮ ބަރުކޮށްގެން އަންނަ ބޯޓަށް ރާއްޖެއާ ހަމައަށް އާދެވޭނެ ގޮތެއް ނެތުމެއް ނޫނެވެ. ތެލުގެ އަގު ބޮޑުވެ ދެން އެ އުފުލަން ޖެހޭ މާލީ ބުރަ އެވެ. ނުވަތަ ތެޔޮ ގަންނަން ލިބެން ހުއްޓަސް ތެޔޮ ގަންނަން ފައިސާ ނެތިދާނޭ ހާލަތެއް ކުރިމަތިވެދާނެތީ އެވެ.
ނަމަވެސް ތެޔޮ ގަތުމަށް ހިނގާ ހަރަދު ސަރުކާރުން އަބަދުވެސް ހަމަޖައްސަނީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއި އެސްޓީއޯއާ ދެމެދު ހަދާފައިވާ 175 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ނުވަތަ ލޯނެއް މެދުވެރިކޮށެވެ. އެ ފެސިލިޓީގެ ދަށުން އަބަދުވެސް ހަ މަސް ދުވަހުގެ މުއްދަތެއް ތެޔޮ ބިލަށް ފައިސާ ދައްކަން ރާއްޖެއަށް ލިބެ އެވެ. އެހެންކަމުން މިހާރު އަގުބޮޑުކޮށް ގަންނަ ތެލަށް ރާއްޖެއިން ފައިސާ ދައްކާނީ މީގެ ހަ މަސް ފަހުންނެވެ. ބޮޑު ތެޔޮ ބިލްގެ ބުރަ އުފުލަން ޖެހޭނީ އޭރުންނެވެ.
އެހެންވެ، މިވަގުތަށް ތެޔޮ ގެންނަން ފައިސާގެ ތާއްޓެއް ނައި ނަމަވެސް ހަ މަސް ފަހުން އެ ފައިސާ ދައްކަން މިވަގުތު ފައިސާ ރައްކާކުރަން ޖެހެ އެވެ. އަދި ސަރުކާރުން ތެޔޮ ގަންނަން އިތުރަށް ހޯދަން މަސައްކަތް ކުރާ 100 މިލިއަން ޑޮލަރު ލިބިއްޖެ ނަމަ، ފަސް މަހުގެ ތެޔޮ ބިލަށް ފައިސާ ދެއްކޭ ވަރަށް ފައިސާ ހަމަޖެއްސިދާނެ އެވެ.
ނަމަވެސް އާމްދަނީ ދަށްވުމާ އެކު މީގެ ހަ މަސް ފަހުން އަންނަ ބޮޑު ތެޔޮ ބިލަށް ފައިސާ ދެއްކުމަށް ރައްކާކުުރުމުގެ ގޮތުން ބޭރު ފައިސާއިން ސަރުކާރުން ކުރާ ހަރަދުތައް މަޑުޖައްސާލުމާއި ބޭރު ފައިސާ ރާއްޖެއިން ބޭރުންވާން ހުރި ގޮތްތައް މަދުކުރަން ޖެހެ އެވެ. މިސާލަކަށް:
-
ބިން ހިއްކުން ފަދަ ބޭރު ފައިސާ ހިނގާ ބޮޑެތި މަޝްރޫއުތައް މިވަގުތަށް ހުއްޓާލުން
-
ބޭސް ފަރުވާ އަށާއި މިވަގުތު ބޭރުގައި ކިޔަވާ ކުދިންނަށް ދޭ ޑޮލަރު ފިޔަވާ ބޭންކް މެދުވެރިކޮށް ދޭ ބޭރު ފައިސާ ދިނުން މި ވަގުތަށް މަޑުޖައްސާލުން
-
އަސާސީ ތަކެތި ފިޔަވާ އެ ނޫން ތަކެތި ރާއްޖެ އެތެރެކުރަން މިވަގުތަށް ހިފެހެއްޓުންތަކެއް ގެނައުން
އަނެއް މުހިންމު ކަމަކީ ތެޔޮ ބޭނުންކުރާ ވަރު މިހާރަށް ވުރެ މަދުކުރަން ފިޔަވަޅު އެޅުމެވެ. އޭރުން ތެޔޮ އެތެރެކުރަން ކުރިއަށް އޮތް މަސްތަކުގައި ޖެހޭ ވަރު މަދުކޮށްގެން ތެޔޮ ބިލް ބޮޑުވުމުގެ ތުރާލަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދި ދާނެ އެވެ.
ރާއްޖޭގައި މަހަކަށް ވާ ވަރަށް ވެސް ތެލެއް ނުހުރޭ
'ދައުރު'ން އެއްކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެސްޓީއޯ އާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ އަމިއްލަ ކުންފުނިތަކުގެ ކެޕޭސިޓީއާ އެކު ރާއްޖޭގައި އެއް ފަހަރާ ތެޔޮ އެންމެ ގިނައިން ވެސް ރައްކާކޮށްފައި ހުންނަނީ 110،000 މެޓްރިކްޓަނެވެ. އެއީ:
-
އެސްޓީއޯ - 50،000 މެޓްރިކް ޓަނު
-
ވިލާ - 40،000 މެޓްރިކް ޓަނު؛ *ނަމަވެސް އާންމުކޮށް ބޭނުންކުރަނީ 10،000 މެޓްރިކް ޓަނު
-
ހޯކްސް - 30،000 މެޓްރިކް ޓަނު
-
އެންޓްރެކްސް - 10،000 މެޓްރިކް ޓަނު
-
ކޯސްޓްލައިން - 10،000 މެޓްރިކް ޓަނު؛ *މި ސްޓޯރޭޖް އާންމުކޮށް ބޭނުމެއް ނުކުރޭ
އެއީ ރާއްޖޭގައި މިހާރު ތެޔޮ ބޭނުންކުރާ އެވްރެޖް އަދަދަށް ބަލާއިރު 30 ހަކަށް ދުވަހަށް ފުދޭ ވަރެވެ. ތެޔޮ ރައްކާ ކުރާނޭ ޖާގަ ނެތުމުން އެސްޓީއޯއިން ވެސް އަދި އަމިއްލަ ކުންފުނިތަކުން ވެސް އާންމުކޮށް ތެޔޮ އެތެރެ ކުރަނީ ކޮންމެ 15 ދުވަހަކުންނެވެ. އެއީ ތެޔޮ ޓޭންކުތައް ކޮންމެވެސް ވަރަކަށް ހުސްވާން ފެށުމުންނެވެ. އެހެންކަމުން އެއް މަސް ދުވަހުގެ ރިޒާވް ވެސް ހަގީގަތުގައި ރާއްޖޭގައި ނުހުންނާނެ އެވެ.
އާންމުކޮށް ކަން ހިނގާ ގޮތަށް ބަލާ ނަމަ ރާއްޖޭގައި ހުންނާނީ 15-20 ދުވަހަށް ބޭނުންވާނޭ ޑީސަލާއި ޕެޓްރޯލެވެ.
ސްކޫކް ދެއްކުމާއި ތެޔޮ ގަތުމާ ގުޅުން
މި ހާލަތާ އެކު ރާއްޖެއަށް މާލީ ގޮތުން މިވަގުތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަންނަ މަހުގެ 8 ވަނަ ދުވަހު އެއް ފަހަރާ ރާއްޖެއިން އަގު އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކެވެ. އެ ސްކޫކް ދައްކަން ސަރުކާރުން ފުރަތަމަ ރޭވީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑުން 150 މިލިއަން ޑޮލަރާއި ބާކީ، 350 މިލިއަން ޑޮލަރު ލޯނެއް ނަގައިގެން ދެއްކުން ނުވަތަ ރީފައިނޭންސް ކުރުމަށެވެ. އެކަމަކު، ރައީސް މި ފަހުން ވަނީ އެސްޑީއެފް އާއި ރިޒާވްގައި ހުރި ފައިސާއިން ސްކޫކް ދެއްކުމުގެ ވިސްނުމެއް ފާޅުކުރައްވައިފަ އެވެ. އެއީ:
-
އެސްޑީއެފްއިން - 320 މިލިއަން ޑޮލަރު
-
ބޭނުންކުރެވޭ ރިޒާވުން - 330 މިލިއަން ޑޮލަރު
ހަނގުރާމައިގެ ހާލަތާ އެކު ސްކޫކް ރީފައިނޭންސަށް ބޭރުގެ ފަރާތްތަކުން ލޯނެއް ނުލިބި ރިޒާވް އާއި އެސްޑީއެފުން އެކަނި އެ ފައިސާ ދައްކަން ޖެހިއްޖެ ނަމަ އެޕްރީލް މަސް ތެރޭ ބޭނުން ކުރެވޭ ރިޒާވް 150 މިލިއަން ޑޮލަރަށް ވެއްޓޭނެ އެވެ.
އެހެންވެއްޖެ ނަމަ، ތެޔޮ ބިލްތަކަށް ފައިސާ ދައްކަން އުނދަގޫތަކެއް ހުންނާނެ އެވެ. އަދި ބޭރު ފައިސާ ބާޒާރުގައި ހުރި ވަރު މަދުވެ، ރުފިޔާގެ އަގު ދަށްވެ އެކަން ހައްލުކުރަން ބާޒާރަށް އިތުރު ބޭރު ފައިސާ ނެރެން އެމްއެމްއޭގެ އަތުގައި އޮތް ބާރު ކުޑަވެގެން ދާނެ އެވެ.
އެކަމަކު، ދެން ސުވާލަކީ ރީފައިނޭންސް ނުކުރެވޭ ހާލަތުގައި ރިޒާވް ބޭނުންކޮށްގެން ވެސް ސްކޫކް ނުދައްކައިފި ނަމަ ދެން ކުރިމަތިވާނޭ ހާލަތެވެ. އެއީ، ދަރަނި ނުދެއްކޭ ނުވަތަ ސޮވަރިން ޑީފޯލްޓެއް ކުރިމަތިވުމެވެ.
އެހެން ވެއްޖެ ނަމަ ތެޔޮ ބިލްތަކަށް ފައިސާ ދައްކަން ހަ މަސް ލިބޭ އައިޓީއެފްސީ ފެސިލިޓީ ނުވަތަ ލޯން ރާއްޖެއަށް ގެއްލޭނެ އެވެ. އެހާލަތު ނައުމަށް މިވަގުތަށް ރާއްޖެއިން ސްކޫކް ދެއްކުން މުހިންމުވެ އެވެ. އެއީ ތެލަށް ނުޖެހި އެތެރޭގެ އިގްތިސާދު ހިންގުން މުހިންމުވާނެތީ އެވެ.
ހަނގުރާމަ ދިގުލައިފި ނަމަ އިގްތިސާދީ ހަނަފަސްކަން
ހަނގުރާމައިގެ ފުރަތަމަ 15 ދުވަސް ފާއިތުވީއިރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ %41 ވަނީ މަދުވެފަ އެވެ. މިއީ ކޮވިޑަށް ފަހު ޓޫރިޒަމް ކުރިއަރަމުން އައި ވަގުތު ހުރި ހާލަތަށް ވެއްޓުމެކެވެ. އަދި މި ހާލަތު މަހެއްހާ ދުވަހަށް ދެމިގެން ގޮސްފި ނަމަ، 400-500 މިލިއަން ރުފިޔާ ކޮންމެ މަހަކު ސަރުކާރުގެ އާމްދަނީން މަދުވާނެ ކަމަށް ލަފާކުރެވެ އެވެ.
ހަނގުރާމަ އެއް މަހަށް ވުރެ ގިނަ ވެއްޖެ ނަަމަ އެއީ ބިލިއަނެއްހާ ރުފިޔާ ގެއްލުމެކެވެ.
ތެލުގެ ސަބްސިޑީއަށް ބަޖެޓްކުރި ވަރަށް ވުރެ ގިނައިން ހަރަދުކުރަން ޖެހިދާނެ ކަމަށް މިހާރު ލަފާކުރެވޭ އިރު، އެހެން ވެއްޖެ ނަމަ ބަޖެޓް ދަރަނި ބޮޑުވުމާއި ބަޖެޓް ސަޕޯޓަށް އިތުރަށް ފައިސާ ބޭނުންވާނެ އެވެ. ނުވަތަ ޖެހޭނީ ހަރަދުތައް އެކި ގޮތްގޮތަށް ބަލައިގެން ކުޑަކޮށް އާމްދަނީގެ ސައިޒަށް ތިރިވެލާށެވެ.
އެ ހާލަތުގައި އިގްތިސާދީ ކުރިއެރުމަށް ފާހަގަކޮށްލެވޭ ވަރުގެ މަޑުޖެހުމެއް އަންނާނެ އެވެ. އަދި ހަމަ އެ ދަނޑިވަޅުގައި ތެލުގެ އަގު ބޮޑުވެ ކުރިމަތިވާ އިންފްލޭޝަނާ އެކު ވިޔަފާރިތައް މަޑުޖެހި ވަޒީފާތައް ގެއްލި އިގްތިސާދު އެތައް ތަނެއް ފަހަތަށް ދިޔުމުގެ ހާލަތު، ސްޓޭގްފްލޭޝަނަކާ ވެސް ރާއްޖެއަށް ކުރިމަތިވެދާނެ އެވެ.
އެހެންވީމާ، ހުރިހާ ގޮތަކުން ވެސް މިއީ އިގްތިސާދަށް އަދި ރާއްޖޭގެ މާލިއްޔާއަށް ނުރައްކާ ބޮޑު ވަގުތެކެވެ.
ކޮމެންޓް (3)
ތެފައާސާ.
ސިކުނޑި
ކޮމޮޑަސް