އެމޭޒަންއިން މީހަކު ވިޔަފާރި ކުރަނީ

އެމެޒޯން

އެމޭޒަން އަދި އަލިއެކްސްޕްރެސްއަށް ދިވެހިން މިއަހަރު 2 މިލިއަން ޑޮލަރު ހޭދަކޮށްފި

ބީއެމްއެލްއިން ބުނީ ކާޑް ލިމިޓްތައް ބޮޑުކުރުމާ ވިދިގެން ވިޔަފާރީގެ ބޭނުމަށް ތަކެތި ގެނައުމަށް އީކޮމާސް ވެބްސައިޓްތަކުގައި އާންމު ފަރުދުންނަށް ދޫކޮށްފައިވާ ކާޑްތައް ބޭނުން ކުރުން އިތުރުވެފައިވާކަމަށް
23 ފެބްރުއަރީ 2026
4

އީ-ކޮމާސް ވެބްސައިޓްތަކުގައި ދިވެހިން ކުރާ މުއާމަލާތްތައް ބޮޑުތަނުން އިތުރުވެފައިވާއިރު، އެމޭޒަން އަދި އަލިއެކްސްޕްރެސްގައި ދިވެހިން މިއަހަރުގެ މިހާތަނަށް 2 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފި އެވެ. 

ވީ ކިހިނެއް؟ - ބީއެމްއެލްއިން ރޭ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިއަހަރުގެ 1 ޖެނުއަރީން 21 ފެބުރުއަރީގެ ނިޔަލަށް ހަމައެކަނި އެމޭޒަން އަދި އަލިއެކްސްޕްރެސްގައި: 

  • 58،000 މުއާމަލާތްކޮށްފައިވޭ 

  • އެ މުއާމަލާތްތަކުގެ އަގު 2.33 މިލިއަން ޑޮލަރަށް އަރާ (46.6 މިލިއަން ރުފިޔާ)

ތަފްސީލް - ބީއެމްއެލްއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ބީއެމްއެލްގެ ކާޑުތަކުން: 

  • މިދިޔަ އަހަރުގެ ޖެނުއަރީގައި 35.8 މިލިއަން ޑޮލަރުގެ މުއާމަލާތްކުރި 

  • މިއަހަރުގެ ޖެނުއަރީގައި 59 މިލިއަން ޑޮލަރުގެ މުއާމަލާތްކުރި 

މިއީ އަހަރުން އަހަރަށް ބަލާއިރު %64ގެ އިތުރުވުމެކެވެ. މީގެ އިތުރަށް ވެސް އަހަރުން އަހަރަށް ބަލާއިރު ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ކާޑުތަކުންކޮށްފައިވާ މުއާމަލާތްތައް އިތުރުވެފައިވާ ގޮތްތަކަކީ: 

  • 2023: 311 މިލިއަން ޑޮލަރު

  • 2024: 389 މިލިއަން ޑޮލަރު

  • 2025: 524 މިލިއަން ޑޮލަރު

  • 2026 ޖަނަވަރީއާ ހަމައަށް: 59 މިލިއަން ޑޮލަރު

ބީއެމްއެލްއިން ބުނި ގޮތުގައި، ކާޑްތަކުން ރާއްޖެއިން ކުރާ ހޭދައިގެ %66 އަކީ އީކޮމާސް ވެބްސައިޓްތަކަށް ކުރާ ހޭދަ އެވެ. 

ހޭދަ އިތުރުވަނީ ކީއްވެ؟ 

ބީއެމްއެލްއިން ބުނީ ކާޑް ލިމިޓްތައް ބޮޑުކުރުމާ ވިދިގެން ވިޔަފާރީގެ ބޭނުމަށް ތަކެތި ގެނައުމަށް އީކޮމާސް ވެބްސައިޓްތަކުގައި ކާޑް ބޭނުން ކުރުން އިތުރުވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. ބޮޑެތި އަދަދުތަކުން ކާޑުން މުއާމަލާތްކުރަން އުޅުމުގެ ސަބަބުން މަހަކަށް ދީފައިވާ ބޭރުގައި މުއާމަލާތްކުރުމުގެ ލިމިޓް ހަމަވެ ކާޑުން ނުކެނޑުމުގެ ޝަކުވާތައް ގިނަވެފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ. ބޭންކުން ފާހަގަކުރި ގޮތުގައި: 

  • އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޭނުންކުރުން އިތުރުވަމުންދާ ކަމަށް 

  • ކަސްޓަމަރު ބަޔާންކޮށްފައިވާ އާމްދަނީއަށް ވުރެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކާޑުން ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ފާހަގަކުރެވިފައިވާ ކަމަށް ބުނި

ބީއެމްއެލްގެ އިލްތިމާސެއް

ބީއެމްއެލްއިން އިލްތިމާސްކުރީ ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރިޑިޓް ކާޑު ބޭނުން ނުކުރުމަށެވެ. އޭގެ ބަދަލުގައި ބޭންކުން ވިޔަފާރިތަކަށް ދޭ ހިދުމަތްތައް ބޭނުންކޮށްގެން މުދާ ރާއްޖެ ގެނައުން ފަދަ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ބޭންކުން އިލްތިމާސްކުރެ އެވެ. 

"ވިޔަފާރި ބޭނުންތަކަށް، މުދާ ގަތުމަށް ބެންކުން އިލްތިމާސްކުރަނީ ބޭންކުގެ ބިޒްނަސް ބޭންކިން ސޮލިއުޝަންތައް ބޭނުންކުރުމަށް. މި ހިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ހިދުމަތްތަކެއް،" ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ވަނީ މި މަހުން ފެށިގެން ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކުރުމަށް ދީފައުވާ ލިމިޓްތައް އިތުރުކޮށްފަ އެވެ. މީގެ އިތުރަށް:

  • މިދިޔަ 11 ނޮވެންބަރުން ފެށިގެން ބޭންކުން އަންނަނީ ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެއިން ބޭރުގެ މުއާމާލާތްތައް ކުރުމަށް މަހަކު 3,000 ޑޮލަރާ ހަމައަށް ލިމިޓް ދެމުން

ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރުގެ ލިމިޓެއް ވެސް މިފަހުން ބޭންކުން ވަނީ ދީފަ އެވެ.

ކޮމެންޓް (4)

ހުންގާނު

24 ފެބްރުއަރީ 2026
އެކަމަކު ދިވެހިން ފަގީރޭ އަނގައާއި އަތާ ދިމާ ނުވެޔޭ ކިޔާނެ މި ސިޔާސީން..
1 0

އަލީރާޖާ

24 ފެބްރުއަރީ 2026
އެމީހެއްގެ ހަލާލު ފައިސާއިން އެމީހަކު ގަންނާނެ އެއްޗެއް ގަންނާނެ ތަނަކުން ގަތުން އެއީ މައްސަލައެއްތަ؟
1 0

މހއމދ

23 ފެބްރުއަރީ 2026
އެކަމު ނަން މިވަނީ ބިދޭސީން ޑޮލަރު ބޭރު ކުރާ ކަމަށް ދޯ؟ މިހިރީ ދިވެހިން ރާއްޖެއިން ބޭރަށް ޑޮލަރު ފޮނުވާ ވަރު.
2 1

ރަބަތު

24 ފެބްރުއަރީ 2026
@މހއމދ ދިވެހިން ޑޮލަރު އެކައުންޓަކުންނޫން ވިޔަފާރި ކުރަނީ.ރުފިޔާ އެކައުންޓުން. ބޭންކް އިން މިޖެހެނީ އެ ކޮންވާޓް ކުރަން. އެހެންވެ ކުރިން ބީއެމްއެލް އިން އެކަހަލަ ސައިޓް ތައް ބްލޮކްކޮށްލީ. ޕްރެޝަރ ބޮޑުވެގެން ފަހުންބޭނުން ކުރެވޭގޮތް ހެދީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް