ފިހާރަކުން މީހަކު ވިޔަފާރި ކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފެބްރުއަރީ 2027އިން ފެށިގެން ބިދޭސީ ކޭޝިއަރުންނަށް ނުތިބެވޭނެ

މިއާ އެކު ކުރިއަށް އޮތް އަހަރު ތެރޭ މަދުވެގެން 25،000 ވަޒީފާ ދިވެހިންނަށް ފަހިވާނެ ކަމަށް ރައީސް ވިދާޅުވި

އަންނަ އަހަރުގެ 5 ފެބްރުއަރީން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބިދޭސީންނަށް ނުތިބެވޭނެ ކަމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ 12 މަސް ފަހުން، ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތިބެވޭނީ ހަމައެކަނި ދިވެހިންނަށް ކަމުގައި ކެބިނެޓުގައި މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - މިއާ އެކު، ކުރިއަށް އޮތް އަހަރު ތެރޭ މަދުވެގެން 25،000 ވަޒީފާ ދިވެހިންނަށް ފަހިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަން ކާމިޔާބު ކަމަކަށް ހެދުމަށްޓަކައި ކުރިއަށް އޮތް އެއް އަހަރުދުވަހުގެ ތެރޭގައި މީހުން ބިނާކުރުމާއި ވަޒީފާއަށް ފަރުވާތެރިކަން ބެހެއްޓުމާއި ވަޒީފާގެ އަހުލާގާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމާއި ވިޔަފާރިވެރިންނާ ގުޅިގެން އެ ވިޔަފާރިވެރިން މިކަމަށް ތައްޔާރުވުމަށް ދެވެން ހުރި އެންމެހާ އެހީތެރިކަން ސަރުކާރުން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 21،174 ވަޒީފާގެ ފުރުސަތު އުފެއްދިފައިވާ ކަމަށެވެ. މީގެ ތެރޭގައި އަމިއްލަ ވިޔަފާރިތަކުން އުފެއްދި 6،724 ވަޒީފާ ވެސް ހިމެނޭ ކަމަށް ޕެންޝަން އޮފީހާ ހަވާލާދީ ރައީސް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ބިދޭސީ ކޭޝިއަރުން ގެންގުޅުން މަނާކުރި އެވެ. ނަމަވެސް އެކަން ތަންފީޒެއް ނުކުރެވެ އެވެ.

ފަހުން އެ ނިންމުން ބަދަލުކޮށް ބިދޭސީންނަށް ވެސް ކޭޝިއަރުންގެ ގޮތުގައި ތިބެވޭ ގޮތަށް ހެދީ ވިޔަފާރިތަކަށް އޭގެ ދަތިތައް ކުރިމަތިވާތީ އެވެ.


ކޮމެންޓް (2)

ބުހުތާނު

8 ފެބްރުއަރީ 2026
މުއިއްޒުގެ ވާހަކަތައް މިހުންނަނީ ޖާބިރުގެ ކޭބަލްކާރުގެ ތަސައްވަރާ އެއްގޮތަށް. އަހަރެމެން ކުރިން ބައެއް ދުވަސްދުވަހު މަޖިލިސް ބަލާ އުޅުނީ ޖާބިރުގެ "ޖޯކު" ވާހަަކަ އަޑުއަހާ ހޭން މުނިފޫހި ފިލުވުމަށް. މުއިއްޒު މިދައްކާ ވާހަކަވެސް މިހުރީ އެމަގަށް. މުޅިން ހިޔާލީ ފޮލާ. ދިވެހިން ބޮލުގަ ހުރީ ކިރުފެލީ ހުނިކަމަށް ހީވަނީތޯ؟
2 1

ސޭޓް

8 ފެބްރުއަރީ 2026
ދިވެހިން ނުތިބޭ ކައުންޓަރގަ އެއް. ަބަދު ސަލާމް، އަބަދު ބޭރަށް ދާންވެފަ، ތިބުނާ ވަރަކަށް ވިޔަފާރިއެއްވަނީކީ ނޫން ބޮޑު މުސާރައެއް ދެވޭހާ. ރައީސް ތިހެން ނުހަދާ. މިކަމަކީ ޔާމީންވެސް ކުރި ގޯސް ކަމެއް. މިކަމާއި ހެދި ވޯޓު ނުދިން ބަޔަކުވެސް ތިބި. ހެޔޮ ނުވާނެ ދެވަނަ ދައުރަކަށްޓަކައި އަލުން ވިސްނަވާ މިކަން އަނބުރާ ގެންދަވާ.
9 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް