ހއ. ބާރަށް: މިއީ ގުދުރަތީ ގޮތުން އާދަޔާހިލާފު ރީތިކަމެއް ލިބިފައިވާ ރަށެއް.

ހއ. ބާރަށް

ބާރަށު ޓޫރިސްޓު ހޮޓަލުގެ މަސައްކަތް އަނެއްކާވެސް ބީލަމަށް

ބައިނަލްއަގުވާމީ ބީލަމަކަށް ހުޅުވާލައިގެން ބާރަށުގައި އީކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ކައުންސިލްތަކާ ބައްދަލުކުރައްވަން ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރައީސް މުއިއްޒު ވެވަޑައިގެންވި ވައުދުފުޅެއް

ހއ. ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ -  އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ 71،832 އަކަފޫޓުގެ ބިމެއްގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން:

  • ބާރަށުގައި ޓޫރިސްޓު ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން ފުރަތަމަ އިއުލާނު ކުރީ އޮކްޓޯބަރު 2024ގައި

  • އޭގެ ފަހުން މިދިޔަ އަހަރުގެ ޖޫން މަހު އަދި ނޮވެމްބަރު މަހު ވެސް އެ މަޝްރޫއު ބީލަމަށް ހުޅުވާލި

ތަފްސީލް - މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 23 ވަނަ ދުވަހު އޮންނަ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 31 މާޗުގައި ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ:

  • ބާރަށުގައި ޓޫރިސްޓު ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިން ކުއްޔަށް ދެނީ 50 އަހަރަށް

  • ބިން ހަވާލުކުރާތާ ދެ އަަހަރު ތެރޭ ހޮޓާ ތަރައްގީ ކުރުމުގެ މަސައްކަތް ނިންމަން ޖެހޭ

  • ބިޑް ސެކިޔުރިޓީއަކީ 25،000 ޑޮލަރު

  • ލީޒް އިކުއިޒިޝަން ކޮސްޓަކީ 150،000 ޑޮލަރު (2.3 މިލިއަން ރުފިޔާ)

  • އެ ރަށުގައި ތަރައްގީ ކުރަނީ 50 ކޮޓަރީގެ (100 އެނދުގެ) ހޮޓަލެއް

ގުޅުން ހުރި - އިންޓަނޭޝަނަލް ބީލަމަކަށް ހުޅުވާލައިގެން ބާރަށުގައި އީކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަކީ މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ކައުންސިލްތަކާ ބައްދަލުކުރައްވަން ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންވި ވައުދުފުޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް