ފަތުރުވެރިންތަކެއް ވީއައިއޭގައި؛ ޓޫރިޒަމާ ގުޅުން ހުރި ޓެކްސް ތަކުން ލިބުނު އާމްދަނީ މިދިޔަ މަހު ވަނީ އިތުރުވެފައި(ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މީރާ

މިދިޔަ މަހު މީރާ އަށް 3 ބިލިއަން ރުފިޔާގެ އާމްދަނީއެއް

ޑިސެމްބަރު މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 157.83 މިލިއަން ޑޮލަރު ވެސް ހިމެނޭ

މިދިޔަ ޑިސެމްބަރު މަހު ދައުލަތުގެ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - މީރާ އިން މިއަދު އާންމުކޮށްފައިވާ ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބުނު އަދަދަކީ އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ އަށް ވުރެ %17.4 އިތުރު އަދަދެކެވެ.

ތަފްސީލް - މީރާގެ ހިސާބުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ލިބުނު އާމްދަނީ އަކީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ %30.7 އިތުރު އަދަދެކެވެ.

  • ޑިސެމްބަރު މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 157.83 މިލިއަން ޑޮލަރު ވެސް ހިމެނޭ

މީރާ އިން ބުނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ޑިސެމްބަރު މަހު ލިބުނު އާމްދަނީ އިތުރުވީ ޓޫރިޒަމުން ނަގާ ޓެކުހާއި ޓޫރިޒަމް ލޭންޑު ރެންޓު އަދި ލޭންޑު އިކުއިޒިޝަން ކޮސްޓާއި ސީއެސްއާރު ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާތީ ކަމަށެވެ.

 މީގެ އިތުރުން މީގެ ކުރިން ނުުދައްކާ ހުރި ބައެއް ޓެކްސްތައް އެ މުއްދަތުގައި ދައްކާފައިވާތީ ޑިސެމްބަރު މަހުގެ އާމްދަނީ އިތުރުވީ ކަމަށް މީރާ އިން ބުންޏެވެ.

މީރާ އަށް އެންމެ ބޮޑު އާމްދަނީއެއް މިދިޔަ މަހު ލިބުނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނު އިރު މިއީ ޑިސެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ %53.2 އެވެ.

ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ:

  • ޓޫރިޒަމް ލޭންޑް ރެންޓު: 518 މިލިއަން ރުފިޔާ؛ ޖުމްލަ އާމްދަނީގެ %16

  • ގްރީން ޓެކްސް: 218 މިލިއަން ރުފިޔާ؛ ޖުމްލަ އާމްދަނީގެ %6.8

  • ޑިޕާޗާ ޓެކްސް: 191 މިލިއަން ރުފިޔާ؛ ޖުމްލަ އާމްދަނީގެ %5.9

  • އެއާޕޯޓު ޑިވެލޮޕްމެންޓު ފީ: 176 މިލިއަން ރުފިޔާ؛ ޖުމްލަ އާމްދަނީގެ %5.4

  • އިންކަމް ޓެކްސް: 159 މިލިއަން ރުފިޔާ؛ ޖުމްލަ އާމްދަނީގެ %4.9

އިތުރު އާޓިކަލް

އިތުރު އާޓިކަލް