މޭވާ އާއި ތަރުކާރީ ވިއްކަން ބަހައްޓާފައި (ދައުރު ފައިލް ފޮޓޯ/ އަނާމް އަޒްމީލް)

އޮކްޓޯބަރާ އަޅާބަލާއިރު ނޮވެމްބަރުގައި އަގުތައް ހުރީ އެއްވަރެއްގައި

ސްޓެޓިސްޓިކްސް ބިއުރޯ އިން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މަހުން މަހަށް އަގުތަކަށް ބަދަލު ނައި ނަމަވެސް އަހަރުން އަރަށް ބަލާއިރު ބައެއް ކެޓަގަރީތަކުގެ އަގުތައް ވަނީ ބޮޑުތަނުން އުފުލިފައި

މިދިޔަ އޮކްޓޯބަރު މަހާ އަޅާބަލާއިރު ނޮވެމްބަރު މަހު ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ކަމަށް ސްޓެޓިސްޓިކްސް ބިއުރޯ އިން އާންމުކުރި ހިސާބުތައް ދައްކައިފި އެވެ.

ވީ ކިހިނެއް؟ - އެ އިދާރާ އިން މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ ނޮވެމްބަރު މަހުގެ ސީޕީއައި ހިސާބުތައް ދައްކާ ގޮތުން އޮކްޓޯބަރު މަހާ އަޅާބަލާއިރު ތަކެތީގެ އަގަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. ނަމަވެސް އޭގެ ކުރީ 2024 ވަނަ އަހަރާ އަޅާބަލާއިރު ނިމިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތަކެތީގެ އަގު ވަނީ %1.36 އުފުލިފަ އެވެ.

ތަފްސީލް - ސްޓެޓިސްޓިކްސް ބިއުރޯ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، 2024 އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެންމެ ބޮޑަށް އަގު އުފުލުނީ ދުންފަތާއި ދުފުމަށް ބޭނުންކުރާ ސާމާނުންނެވެ. އެ ތަކެތީގެ އަގުތައް %18.68 ވަނީ އުފުލިފަ އެވެ.

ދެން އަގަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ މަހުގެ ބާވަތްތަކުންނެވެ. އެ މުއްދަތުގައި މަހުގެ އަގު %8 އުފުލިފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ.

މީގެ އިތުރުން:

  • ރެސްޓޯރެންޓާއި އެކޮމޮޑޭޝަން ހިދުމަތްތަކުގެ އަގުތައް %5.59 ވަނީ އުފުލިފައި

  • ކާބޯތަކެތީގެ އަގު %3.73 އުފުލުނު

  • ޕާސަނަލް ކެއާގެ ކެޓަގަރީގައި ހިމެނޭ ރީތިވާ ސާމާނާއި އެ ނޫން ވެސް ތަކެތީގެ އަގު އެ މުއްދަތުގައި %2.59 ވަނީ އުފުލިފައި

ސްޓެޓިސްޓިކްސް ބިއުރޯ އިން އާންމުކުރި މައުލޫމާތަށް ބަލާއިރު 2024 ވަނަ އަހަރުގެ ނޮވެމްބަރާ އަޅާބަލާއިރު ހުސްވި އަހަރުގެ ނޮވެމްބަރު މަހު ފެނާއި ކަރަންޓު އަދި ގޭހުގެ އިތުރުން ހައުސިން ކެޓަގަރީގެ އަގުތައް ވަނީ %2.89 ދަށްވެފަ އެވެ. އަންނައުނާއި ފައިވާން/ބޫޓު ފަދަ ސާމާނުގެ އަގުތައް ވެސް އެ މުއްދަތުގައި %0.15 ދަށްވެފައިވާ ކަމަށް އެ ހިސާބުތައް ދައްކަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް