އެމްއެމްއޭ އިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އަދި ގަވަރުނަރު މުނައްވަރު (ފޮޓޯ/ރައީސް އޮފީސް)

އެމްއެމްއޭ

ޕޭމެންޓު ނިޒާމު ހަރުދަނާކުރުމަށް 'ޕޭމެންޓު މޯލްޑިވްސް' އުފައްދައިފި

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، ކުންފުނީގައި އީކުއިޓީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ރާއްޖޭގެ ބޭންކުތަކަށާއި ޕޭމެންޓު ހިދުމަތްދޭ ހުރިހާ ކުންފުންޏަކަށް ދައުވަތު ދީފައިވާ ކަމަށް

ރާއްޖޭގެ ޕޭމެންޓް ސިސްޓަމް ޒަމާނީކޮށް، އެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން 'ޕޭމެންޓު މޯލްޑިވްސް'ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި އެވެ.

ވީ ކިހިނެއް؟ - މާލީ ދާއިރާގެ ތަރައްގީ އަށް އެމްއެމްއޭގެ ތަރައްގީގެ އިނިޝިއޭޓިވްސް ލޯންޗު ކުރުމަށް މިއަދު ބާސެލޯ ނަސަންދުރަގައި ބޭއްވި ރަސްމިއްޔާތުގައި މި ކުންފުނި އިފްތިތާހުކޮށްދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ.

ތަފްސީލް - އެމްއެމްއޭ އިން ބުނީ ޕޭމެންޓް މޯލްޑިވްސް ކުންފުންޏާ އެކު ރާއްޖޭގެ ޕޭމެންޓު ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުން އަންނާނެ ކަމަށެވެ.

މި ކުންފުނި އުފައްދާ، ރާއްޖޭގައި ހިންގާ ބޭންކުތަކާއި އެހެނިހެން މާލީ މުވައްސަސާތަކާ އެކު ގާތުން މަސައްކަތްކޮށް ޕޭމެންޓު އިކޯސިސްޓަމް ވަރުގަދަ ކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

މި ކުންފުނީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި؛

  • ރީޓެއިލް ޕޭމެންޓް ސިސްޓަމްތައް އޮޕަރޭޓު ކުރުން

  • ދާއިރާގެ ތަރައްގީ އާ ގުޅޭ ޕްރޮޖެކްޓުތައް ލީޑު ކުރުން

  • ފައިނޭންޝަލް އިންކްލޫޝަން ވަރުގަދަކުރުން

  • ޑިޖިޓަލް ފައިނޭންޝަލްް އިނޮވޭޝަން އަށް އެއްބާރުލުން ދިނުން

މިއާ އެކު ކްރިއޭޓިވް އިކޮނޮމީ އެއް ގާއިމް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވެސް ކުރިއެރުން އަންނާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ހާއްސަކޮށް ޓެކްނޮލަޖީ ބޭނުންކޮށްގެން މާލީ ކަންތައްތައް މެނޭޖުކުރެވި، އާ ޑިޖިޓަލް މޮޑެލްތައް ގެނެވޭނެ ކަން އެ އިދާރާ އިން ފާހަގަކުރެ އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު (ފޮޓޯ/ރައީސް އޮފީސް)

ކުންފުނީގެ މަސައްކަތް ފަވަރަ މެނޭޖުކުރުމާ ގުޅޭ މަސައްކަތްތަކުން ފެށި ނަމަވެސް، އާ އީޖާދީ ޕޭމެންޓު ސޮލިއުޝަންތައް ރާއްޖެ އަށް ތަރައާރަފު ކުރުމަށް ވެސް އެ ކުންފުނިން މަސައްކަތް ކުރާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، ކުންފުނީގައި އީކުއިޓީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ރާއްޖޭގެ ބޭންކުތަކަށާއި ޕޭމެންޓު ހިދުމަތްދޭ ހުރިހާ ކުންފުންޏަކަށް ދައުވަތު ދީފައިވާ ކަމަށެވެ. 

މީގެ އިތުރުން އެމްއެމްއޭ އިން ތައާރަފުކޮށްފައިވޭ ނެޝަނަލް ކިޔުއާރު ކޯޑު، ޕޭ އެމްވީ މެދުވެރިކޮށް ޕޭމެންޓު ހެދުމަށް ރާއްޖޭގައި ޕޭމެންޓުގެ ހިދުމަތްދޭ ހުރިހާ އިދާރާއަކާ އެކު މަސައްކަތް ކުރަމުން އަންނަކަން ވެސް މުނައްވަރު  ފާހަގަ ކުރެއްވި އެވެ.

"އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ދާއިރު، ފަވަރަގެ ހިދުމަތްދޭ ހުރިހާ މާލީ އިދާރާތަކުން ނެޝަނަލް ކިޔުއާރު ކޯޑު ސްޓޭންޑާޑަށް ހިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ކުރުމަށް އެ ފަރާތްތަކާއެކު ޕޭމެންޓު މޯލްޑިވްސް އިން އަންނަނީ މަސައްކަތް ކުރަމުން." މުނައްވަރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް