އެސްއެމްއީ ޑިޖިޓަލް.

އެސްޑީއެފްސީ

އެސްޑީއެފްސީ 'އެސްއެމްއީ ޑިޖިޓަލް'އަށް ރީބްރޭންޑުކޮށްފި

ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ކުރެވޭ ފައިނޭންސިންގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ވިޔަފާރިތައް އެއްތަނަކަށް ގެނެސްދޭ ޑިޖިޓަލް މާކެޓް ޕްލޭސްއަކަށް އެސްއެމްއީ ޑިޖިޓަލް ވާނެ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީ، 'އެސްއެމްއީ ޑިޖިޓަލް'އަށް ރީބްރޭންޑުކޮށްފި އެވެ.

ވީ ކިހިނެއް؟ - މީގެ ކުރިން ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގި އެސްޑީއެފްސީއަކީ މިހާރު ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑަރީއެކެވެ.

ބީއެމްއެލްގެ އާ ޕްރޮޑަކްޓުތައް އިފްތިތާހު ކުރުމަށް ބާސެލޯ ނަސަންދުރަ ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޑީއެފްސީ ރީބްރޭންޑުކޮށްދެއްވީ:

  • ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް

  • ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް

ބުނީ ކީކޭ؟ - މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެ ކުންފުނި 'އެސްއެމްއީ ޑިޖިޓަލް'އަށް ރީބްރޭންޑު ކުރީ ކުންފުނީގެ ކުރިމަގު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައްޓަން ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.

"އެސްއެމްއީ ޑިޖިޓަލްއަށް ރީބްރޭންޑު ކުރުމާ އެކު މިއަދު ފެށިގެން މިދަނީ ކުންފުނީގެ މުޅިން އާ ސޮފްހާއެއް. ކުރިއަށް އޮތް ތަނުގައި މި ކުންފުނި ވެގެންދާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަމައެކަނި ފައިނޭންސިން ފޯރުކޮށްދޭ ކުންފުންޏަކަށް ނޫން. ކުރިއަށް އޮތް ތަނުގައި މި ކުންފުނި ވެގެންދާނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ވިޔަފާރީގެ ހުރިހާ ސޮލިއުޝަންތަކެއް ލިބޭ ޑިޖިޓަލް ޕްލެޓްފޯމަކަށް،" ބަދުރުއްދީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ކުރެވޭ ފައިނޭންސިންގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ވިޔަފާރިތައް އެއްތަނަކަށް ގެނެސްދޭ ޑިޖިޓަލް މާކެޓް ޕްލޭސްއަކަށް އެސްއެމްއީ ޑިޖިޓަލްވާނެ ކަމަށެވެ.

"މި މާކެޓް ޕްލޭސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންނާއި ހިދުމަތް ހޯދާ ފަރާތްތަކާއި ވިޔަފާރީގެ ބައިވެރިން ގުޅުވާދޭނެ މަގެއް،" ބަދުރުއްދީން ވިދާޅުވި އެވެ.

މީގެ އިތުރުން، ބަދުރުއްދީން ވިދާޅުވީ:

  • ކުދި ވިޔަފާރިތަކުން ފައިސާ މެނޭޖު ކުރުމަށް ބޭނުންކުރާ ޑިޖިޓަލް ޓޫލްސްތަކާއި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޕޭމެންޓު ސޮލިއުޝަންތައް ވެސް އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕް މެދުވެރިކޮށް ތައާރަކުރާނެ

  • ބީއެމްއެލްގެ ސަބްސިޑަރީ އަކަށް ބަދަލު ކުރުމަށް ފަހު ކުރާ އިންޓަގްރޭޝަން މަސައްކަތުގެ ތެރެއިން، ބީއެމްއެލްގެ މޮބައިލް އެޕް އާއި އޭޕީއައިން ގުޅުވާލައި ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް މާދަމާ އިން ފެށިގެން ކަސްޓަމަރުންނަށް ފެންނާނެ 

  • އެސްޑީއެފްސީގެ ފެސިލިޓީތަކަށް ބީއެމްއެލް އެޕުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ

ބަދުރުއްދީން ވިދާޅުވީ އެސްއެމްއީ ޑިޖިޓަލް ވާނީ ރާއްޖޭގައި އެސްއެމްއީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ އެންމެ ޒަމާނީ ޓެކްނޮލަޖީ ބޭނުންކޮށްގެން ހިންގާ އިސްލާމީ ޝަރީއާއާ އެއްގޮތަށް ގާއިމް ކުރާ ފުރަތަމަ މާލީ މުއައްސަސާއަށް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް