އެމްއެމްއޭ އާއި އައިއައިޔޫއެމް އިން އެއްބަސްވުން ބަދަލުކުރަނީ. (ފޮޓޯ/އެމްއެމްއޭ)

އެމްއެމްއޭ

މާލީ ދާއިރާ ކުރިއަރުވަން އެމްއެމްއޭން 2 ޔުނިވަސިޓީއަކާ ގުޅިއްޖެ

އެމްއެމްއޭން ސޮއިކުރީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަދި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ
15 އޮކްޓޯބަރު 2025

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަދި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ އެކު ދެ އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ވީ ކިިހިނެއް؟ - އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ އެމްއޯޔޫގައި ސޮއިކުރެއްވީ:

  • އެމްއެމްއޭގެ ފަރާތުން ގަވަރުނަރު އަހްމަދު މުނައްވަރު

  • އައިއައިޔޫއެމްގެ ފާރާތުން އެ ޔުނިވާސިޓީގެ ރެކްޓަރު ޕްރޮފެސަރު އެމެރިޓަސް ދަތުކް ޑރ. އޮސްމާން ބަކަރު

  • އެމްއެންޔޫގެ ފަރާތުންސޮއިކުރެއްވީ ވައިސް ޗާންސެލަރު އާއިޝަތު ޝެހެނާޒް އާދަމް

އެމްއެމްއޭ އާއި އެމްއެންޔޫން އެއްބަސްވުމުގައި ސޮއިކުރަނީ. (ފޮޓޯ/އެމްއެމްއޭ)

ތަފްސީލް - އެމްއެމްއޭން ބުނި ގޮތުގައި، އެ އެއްބަސްވުންތަކުގެ ސަބަބުން:

  • މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ފުރިހަމަ އޮނިގަނޑެއް ގާއިމުކުރުމުގެ މަސައްކަތް ފަށާނެ

  • އެ ދެ މުއައްސަސާއާ ވަކިވަކިން ސޮއި ކުރީ ތަމްރީނު ޕްރޮގްރާމްތަކާއި އިންޓާންޝިޕް ފުރުސަތުތަކަށް އެއްބާރުލުން ދޭން

  • އިސްލާމިކް ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން އައިއައިޔޫއެމްގެ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ ތަޖުރިބާ ބޭނުންކޮށްގެން، ޝަރީއާއާ އެއްގޮތްވާ ގޮތުގެ މަތިން ރެގިއުލޭޓްކުރުމުގެ އޮނިގަނޑުތައް ހަރުދަނާކުރުމަށާއި އާ އިސްލާމީ މާލީ އިންސްޓްރުމެންޓުތައް ތަރައްގީކުރުމަށް އެމްއެމްއޭއަށް އެހީތެރިވެދޭނެ

އޭގެ އިތުރުން، މަނިޓަރީ ސިޔާސަތު، މާލީ ހަރުދަނާކަން އަދި ފިންޓެކް ކުރިއެރުންތަކާ ގުޅޭ ގޮތުން އެމްއޯޔޫގެ ބައިވެރިން އެކުގައި ދިރާސާކުރުމަށް ވެސް އިސްކަންދޭ ކަމަށް އެމްއެމްއޭން ބުންޏެވެ.

އެމްއެމްއޭ އާއި އައިއައިޔޫއެމް އަދި އެމްއެންޔޫން އެމްއޯޔޫގައި ސޮއިކުރަން ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެމްއެމްއޭ)

އެކަޑަމިކް އަދި ރެގިއުލޭޓަރީ ތަޖުރިބާ ހިއްސާކުރުމުގެ ތެރެއިން، މި ޕާޓްނަޝިޕުން މަނިޓަރީ ގަވަނަންސް އަދި މާލީ ނިޒާމުގެ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް މާލީ ހެކިތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތަކަށް ހުށަހެޅުންތައް ހުށަހެޅުމަށް ވެސް މަސައްކަތްކުރާނެކަން އެމްއެމްއޭން ފާހަގަކުރި އެވެ.

މި ދެ އެމްއޯޔޫގެ ސަބަބުން ހާސިލްކުރާނެ ކަންކަމަކީ:

  • އިސްލާމީ މާލީ ދާއިރާގައި ހާއްސަ ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލުންގެ އަދަދު އިތުރުވުން

  • ރާއްޖޭގެ މާލީ ރެގިއުލޭޓަރީ އޮނިގަނޑު ހަރުދަނާވެ، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަވުން

  • އިސްލާމީ މާލީ އުފެއްދުންތަކާއި ހިދުމަތްތައް އިތުރުވެ، ރާއްޖޭގެ މާލީ ބާޒާރު ފުޅާވުން

  • މަނިޓަރީ ސިޔާސަތު އެކުލަވާލުމާއި ތަންފީޒުކުރުމުގައި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން އިތުރުވުން

  • ރާއްޖޭގެ މާލީ ދާއިރާގެ ދެމެހެއްޓެނިވިކަމާއި ހަރުދަނާކަން އިތުރުވުން

  • އިސްލާމީ މާލީ ދާއިރާއާ ގުޅޭ ދިރާސާތަކާއި އެކަޑަމިކް މަސައްކަތްތައް އިތުރުވުން

  • ސަރަހައްދީ އަދި ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކާ އެކު ރާއްޖޭގެ ގުޅުން ބަދަހިވުން

  • ރާއްޖޭގެ މާލީ ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް އިތުރުވުން

  • މާލީ ދާއިރާގެ އާ ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓް ވަސީލަތްތައް ތައާރަފުވުން

  • ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވުން

މި އެމްއޯޔޫގެ ދަށުން ކުރާ މަސައްކަތްތަކުގެ ކުރިއެރުން ވަޒަންކުރުމަށް މުއްދަތުތަކެއް ކަނޑައަޅައި ގަވާއިދުން މުރާޖައާކޮށް، ނަތީޖާތައް އާންމުކުރާނެ ކަމަށް އެމްއެމްއޭން ބުންޏެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް