ވެލިގަނޑު މޯލްޑިވްސް (ފޮޓޯ/ބުކިން.ކޮމް)

ޓޫރިޒަމް

ވެލިގަނޑު މޯލްޑިވްސްގައި ދުވާލުގެ 8 ގަޑިއިރަށް ކަރަންޓު އުފައްދަނީ ސޯލާ އިން

ސޯލާގެ ބޮޑު މަޝްރޫއެއް އެ ރިސޯޓުން ނިންމާލި އިރު މިހާރު ދުވާލަކު 8 ގަޑިއިރަށް ޖެނެރޭޓަރުތައް ނިއްވާލެވޭނެ؛ އަމާޒަކީ ހަމައެކަނި އިރުގެ އަލިން ލިބޭ ހަކަތައިން ކަރަންޓު އުފެއްދުން

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ހިންގާ ވެލިގަނޑު މޯލްޑިވްސް ރިސޯޓުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - އެއާ އެކު މިހާރު އެ ރިސޯޓުގައި ދުވާލަކު އަށް ގަޑިއިރު އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ބޭނުން ކުރެވޭނެ އެވެ.

ތަފްސީލް - ކްރައުންޑް އެންޑް ޗަމްޕާ ރިސޯޓްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ވެލިގަނޑު މޯލްޑިވްސްގައި ކަރަންޓް އުފެއްދުމަށް ސޯލާ ބޭނުންކުރަން ފެށުމަކީ ހަމައެކަނި ޑީސަލް ޖެނެރޭޓަރަށް ބަރޯސާވުން ކުޑަކުރުން ނޫން ކަމަށާއި އެއާ އެކު ތިމާވެއްޓަށް ކުރާ އަސަރުތައް ވެސް ކުޑަވާނެ ކަމަށެވެ.

ރަނގަޅަށް އަވިދޭ ދުވަސްތަކުގައި އަށް ގަޑިއިރަށް ސޯލާ ކަރަންޓް ބޭނުންކުރެވޭ ސިސްޓަމް އެ ރިސޯޓުގައި ގާއިމް ކުރީ އޮސްޓްރިއާގެ ސްވިމްސޯލް އާ ގުޅިގެންނެވެ.

  • މަޝްރޫއުގެ ފުރަތަމަ މަރުހަލާ ނިންމާލީ 2024 ވަނަ އަހަރު އެ ރިސޯޓު އަލުން ހުޅުވުމާ ދިމާކޮށް

  • 1،668 ކިލޯވޮޓްގެ ބެޓެރި ނިޒާމާ އެކު މަޝްރޫއުގެ ދެވަނަ މަރުހަލާ ނިންމައި، ޓެސްޓުކޮށް މިދިޔަ މަހު ވަނީ ބޭނުން ކުރަން ފަށާފައި

  • 3،003 ސޯލާ ޕެނަލާ އެކު އެޑްވާންސްޑް ބެޓެރި ސްޓޯރޭޖުގެ އެހީގައި 1،441 ކިލޯވޮޓްގެ ކަރަންޓު އުފައްދާނެ

  • ދުވާލަކު އަށް ގަޑިއިރު މި ސިސްޓަމުން ކަރަންޓު އުފައްދާ ނަމަ، ޖެނެރޭޓަރުން ކަރަންޓް އުފައްދައިގެން ޖައްވަށް ދޫކުރާ ސީއޯޓޫ އެމިޝަންގެ 4،750 ކިލޯ ދުވާލެއްގެ މައްޗަށް މަދު ކުރެވޭނެ

ބުނީ ކީކޭ؟ - ވެލިގަނޑު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ފަތުހުﷲ އިބްރާހިމްއާ ހަވާލާދީ އެ ބަޔާނުގައި ބުނީ، މިއީ އެ ރިސޯޓަށާއި ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

"ރަނގަޅަށް އަވިދޭ ދުވަހެއްގައި މިހާރު ރިސޯޓަށް އެއްކޮށް އަށް ގަޑިއިރަަށް ސޯލާ އިން ކަރަންޓު ދެވޭނެ. އޭގެ މާނައަކީ ރިސޯޓުގެ ޖެނެރޭޓަރުތައް އަށް ގަޑިއިރަށް ނިއްވާލެވޭނެ. މިއީ މީގެ އަހަރެއް ކުރިއަށް ބަލާ ނަމަ ވެސް އަޅުގަނޑުމެންނަށް ހިތަށް ގެނެވޭނެ ކަމެއް ވެސް ނޫން،"

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް ކޮމާޝަލް ލީޑަރު އަހުމަދު ޝާހީންއާ ހަވާލާދީ ބަޔާނުގައި ބުނީ ރިސޯޓް އޮޕަރޭޓް ކުރުމަށް ދުވަހުން ދުވަހަށް ކުރާ މަސައްކަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށުމަކީ ހަމައެނަނި ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުން ނޫން ކަމަށެވެ.

"މިއީ މަތީ ފަންތީގެ ފަތުރުވެރިކަމުގައި ބާޒާރުގައި އަޅުގަނޑުމެންގެ ވާދަވެރި މަގާމު އިތުރަށް ދެމެހެއްޓުމަށް އެލުނު ފިޔަވަޅެއް." އޭނާ ވިދާޅުވި އެވެ.

ވެލިގަނޑު މޯލްޑިވްސްގެ ޕްލޭނަކީ އިއާދަކުރަނިވި ހަކަތަ އިން ކަރަންޓް އުފެއްދުމުގެ ގާބިލުކަން އިތުރުކޮށް، އެންމެ ޒަމާނީ ހަކަތަ މެނޭޖްކުރުމުގެ ނިޒާމުތައް ކުރިއަށް އޮތްތަނުގައި ތައާރަފު ކުރުމެވެ.

މީގެ އިތުރަށް ހަރުދަނާކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ބޭނުންކޮށް، ރިސޯޓުގެ ދުރު ރާސްތާގެ ޕްލޭނަކީ ހަމައެކަނި އިރުގެ އަލިން ލިބޭ ހަކަތައިން ކަރަންޓް އުފެއްދުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އެއާ އެކު އެ ސަރަހައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށް ހިންގުމުގެ ނަމޫނާއަކަށް އެކަން ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް