ބީއެމްއެލް މާމިގިލި ބްރަންޗުގެ ބިންގާ އެޅުން (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލް އިން މާމިގިލީގައި އާ ބްރާންޗެއްގެ ބިންގާ އަޅައިފި
އދ. މާމިގިލީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ފުޅާކުރުމަށް އެ ރަށުގައި ބީއެމްއެލްގެ އާ ބްރާންޗެއްގް ބިންގާ މިއަދު އަޅައިފި އެވެ.
ވީ ކިހިނެއް؟ - އެ ރަށުގައި މިއަދު ބޭއްވި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒާއި ބައެއް ވަޒީރުން އަދި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފް އަދި ބޭންކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ތަފްސީލް - ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މާމިގިލީގައި ގާއިމުކުރާ އާ ބްރާންޗްގެ ބިންގާ އަޅައި، މުޅި އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް ބީއެމްއެލް އިން ކުރަމުން އަންނަ މަސައްކަތާ އެކު، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ އދ. އަތޮޅަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ބޭންކުގެ ހިދުމަތްތައް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
އާ ބްރާންޗެއްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ފަހު ޝަރީފު 'ދައުރު'އަށް ވިދާޅުވީ އެ ބްރާންޗުގެ ހިދުމަތް ގިނަވެގެން ފަސް މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި އެއާޕޯޓް ސަރަހައްދުގެ ތެރޭގައި މިހާރު ހުންނަ އެ ބޭންކްގެ އޭޓީއެމްގެ އިތުރަށް، ރަށު ތެރޭގައި އިތުރު އޭޓީއެމްއެއް ވެސް ގާއިމު ކުރައްވާނެ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު ބީއެމްއެލް އިން އަންނަނީ 20 އަތޮޅުގައި 42 ބްރާންޗު ހިންގަމުންނެވެ.
މީގެ އިތުރުން އެ ބޭންކުގެ 190 ސެލްފް ސަވިސް ބޭންކިން ސެންޓަރާއި 248 އޭޓީއެމް އަދި ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން މިހާރު ވެސް އަންނަނީ އދ. މަހިބަދޫގައި ގާއިމުކޮށްފައިވާ އެ ބޭންކުގެ ބްރާންޗު މެދުވެރިކޮށް ހިދުމަތް ދެމުންނެވެ.