'އަޅުގަނޑުމެން މި ތިބީ އުފަލުން ފޮޅޭ ހިސާބުގައި'
މިދިޔަ ދެ އަހަރެއްހާ ދުވަސް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި މުޅި ދުނިޔެ އޮތް ނަމަވެސް މިދިޔަ އަހަރު ރާއްޖެ ނިންމާލީ ޓޫރިޒަމްގެ ކާމިޔާބު އަހަރެއްގެ ގޮތުގަ އެވެ. ރާއްޖެއަކީ ކޮވިޑް ތެރޭގައި ޓޫރިސްޓުންނަށް ފުރަތަމަ މަރުހަބާ ކީ އެއް ގައުމެވެ. އެކަމަކު އެ ނިންމުން ވީ ރާއްޖޭގެ ހާލަތު ބަދަލުކުރަން އެޅި އެންމެ ރަނގަޅު ފިޔަވަޅަށެވެ.
ބަލިމަޑުކަމެއްގެ ތެރޭގައި ޓޫރިޒަމް ކުރިޔަށް ގެންދިއުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. ރާއްޖޭގެ ވާހަކަ ދުނިޔެއަށް ކިޔައިދޭ، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން އެޖެންސީ ނުވަތަ އެމްއެމްޕީއާރުސީން އެކަމަށް ކުރި ހިތްވަރު ބޮޑެވެ. ދައުރުގެ 'ބިޒްނަސް ޓުޑޭ' އަށް އެ ދަތުރުގެ ވާހަކަ ކިޔައިދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.
ތިރީގައި މި ހިމަނާލަނީ އޭނާ 'ބިޒްނަސް ޓުޑޭ'އަށް ދެއްވި އިންޓަވިއުގެ މުހިންމު ބައިތަކެވެ.
ދައުރު: ރާއްޖެއިން މި އަހަރު ނިންމާލީ 1.3 މިލިއަން ފަތުރުވެރިން ހަމަކޮށްގެން. މިއީ ކިހާ އުނދަގޫ ދަތުރެއްތޯ؟ ބަލިމަޑުކަމެއްގައި ކުރި މި ދަތުރުން ލިބުނު ފިލާވަޅަކީ ކޮބައިތޯ؟
ތޮއްޔިބު: ވަރަށް ގަދަ ކަނޑެއްގައި ދަތުރުކުރި ދުވަސްތަކެއް މިއައީ. ރާއްޖެ އެކަންޏެއް ނޫން މުޅި ދުނިޔެ ވެސް މި ދިޔައީ އެ ދަތިކަމުގައި. މިދިޔަ ދޮޅު އަހަރު އެ ދިޔައީ ހަމަ ދުނިޔެ އެކީ ހުއްޓިފައި. މީގައި ވިސްނާލަން ޖެހެނީ ދަތި އުނދަގޫ މި ހާލަތުގައި ކުރިއެރުމެއް ލިބިފައިވާކަން އެނގޭނީ އެހެން ގައުމުތަކުގެ ހާލަތު ބެލީމައޭ. އަޅުގަނޑުމެންނާ އެންމެ ބޮޑަށް ވާދަކުރާ މެލޭޝިޔާ، ތައިލެންޑް ވިޔަސް އަދި ސިންގަޕޯ ވިޔަސް އަދި ޝީސެލްސް ނޫނީ މޮރިޝަސް ވިޔަސް. މޮރިޝަސް އަދި ޝީސެލްސް އެ ހުޅުވުނީ އިހަށް ދުވަހު މަހެއްހާ ދުވަސް ތެރޭ އަދި ކިރިޔާ ސިންގަޕޯ ހުޅިވާފައި ލައްޕަނީ. މެލޭޝިޔާ ހުޅުވާފައި ލައްޕަނީ. އޮސްޓްރޭލިޔާ ހުޅުވާފައި ލައްޕަނީ. ޖުމްލަކޮށް ބަލާއިރު ދުބާއީ އާއި އަޅުގަނޑުމެންނާ ނޫނީ ދުނިޔޭގައި ނެތޭ ރަނގަޅު ގޮތެއްގައި ހުޅުވާލެވުނު. މި ގޮތަށް ވިސްނާލާއިރު އަޅުގަނޑުމެންނަށް އާދެވިފައި އޮތް ހިސާބަކީ އަސްލުގައި ހަމަ އުފާކުރަން ޖެހޭ އަދި ޝުކުރު ވެރިވާން ޖެހޭ ކަމެކޭ އަޅުގަނޑު ދަންނަވާނީ. އެއީ ވަކި މީހެއްގެ މަސައްކަތެއް ނޫން. އެއީ ރާއްޖެއަށް ގުދުރަތީ ގޮތުން ލިބިފައި އޮތް ވަސީލަތްތަކުގެ ބޭނުން މިވަގުތަށް އެންމެ ރަނގަޅަށް ހިފެން އޮތީ. ރަށްތައް ހުރީ ދުރުދުރުގައި. ސޭފް ޑިސްޓެންޓެއް އެބަ އޮތް. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އެއް ކަމަކީ ގައުމުގެ ލީޑަޝިޕުން އެ ނިންމެވި ޑެސިޝަން އެއީ މި ކާމިޔާބީގެ އެއް އަސްލު. ބޯޑާ ހުޅުވާލުމުން އެ ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް މި ހިސާބަށް އާދެވިފައި މި އޮތީ. އޭގެ ފަހުން ބަންދެއް ނުކުރޭ. އުނދަގުލުގައި ވެސް އަޅުގަނޑުމެން ދަތުރުކޮށް 1.3 މިލިއަން ފަތުރުވެރިން އައުމަކީ ބޮޑު ކާމިޔާބެއް. މިއީ އެންމެ ފަރާތަކުން މެޑަލް ޖަހަން އޮތް ކަމެއް ނޫން. މިއީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ. ގެސްޓްހައުސްތައް، ސަފާރީތައް، ރިސޯޓުތަކުގެ މުވައްޒަފުން ކިތައް މަސްތޯ [އާއިލާ] ކައިރިއަށް ނުގޮސް އެވީ ގުރުބާނީ. ފްރޮންޓުލައިންގައި މަސައްކަތް ކުރާ ނަރުހުން، ޑޮކްޓަރުން މި އެންމެންގެ މަސައްކަތް މިއީ. އަޅުގަނޑުމެން މިތިބީ އުފަލުން ފޮޅޭ ހިސާބުގައި. އަޅުގަނޑުމެންނަށް ވަރަށް ކުރީގައި މި ތިބެވުނީ ވާދަވެރި މަންޒިލްތަކާ ބަލާއިރު.
ދައުރު: މި ދަނޑިވަޅުގައި އެމްއެމްޕީއާރުސީއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ކޮން ކަމެއްތޯ؟
ތޮއްޔިބު: މުޅި ދުނިޔެއަށް ވެސް ލިބުނު ފިލާވަޅަކީ ބަލިމަޑު ކަމަކަށް ތައްޔާރުވާން ޖެހޭ. އެންމެ ބޮޑު ޗެލެންޖަކަށް ވީ އަޅުގަނޑުމެންނަށް އޮންލައިންކޮށް ބަދަލުވެލުން. އަޅުގަނޑުމެންނަށް ބަލާއިރު ޕަސެންޓޭޖުން ވަރަށް ކުޑަވާނެ އޮންލައިން ޕްރިޒެންސް. ފިޒިކަލް ހަރަކާތްތައް ގިނަވާނީ. ނަމަވެސް %100 އަޅުގަނޑުމެންގެ ސްޓުރެޓެޖީ ވިސްނުންތައް ބަދަލުކޮށްލަން ޖެހުނީ އޮންލައިން ޕްރިޒެންސަށް. އަޅުގަނޑުމެންގެ ވިސްނުން ޖެހުނު ބަދަލުކޮށްލަން. އަޅުގަނޑުމެންނަށް ޖެހުނީ މުޅި ދުނިޔެ ބަންދުކޮށްފައި އޮތް ހާލަތުގައި ރާއްޖެ އިޝްތިހާރު ކުރާނީ ކިހިނެއްތޯ؟ ގޭގެ ސިޓިންރޫމަށް ރާއްޖޭގެ މަންޒަރުތައް ވާސިލް ކުރާނީ ކިހިނެއްތޯ؟ ފުރަތަމަ ލޮކްޑައުން ވީމާ ވާންވީ ގޮތެއް ނޭނގުނު. އެކަމަކު ވަކި ހިސާބަކުން އަޅުގަނޑުމެން ދެނެގަތިން ދުނިޔޭގެ ޓްރެންޑުތައް ހުރި ގޮތް. އެންމެން ވެސް ބޭނުންވޭ ދަތުރުފަތުރު ކުރަން. ޓްއަރިޒަމް ކުރިއަށް ދާން. އެކަމަކު ވެސް ނުނިކުމެވޭ. ލޮކްޑައުންތައް ހަރުކަށި ފިޔަވަޅުތައް އެކަން ހުއްޓުވީ. ދިމާވި ޗެލެންޖަކީ އެ މީހުން ގޭގައި އެކި ބައްރުތަކުގައި ތިބޭ އިރު އެ ހިސާބަށް ރާއްޖޭގެ ފަންވަތް ތެޅިލާ ތަންކޮޅު، މޫދުގެ ރީތިކަން ކިހިނެއްހޭ ދައްކާނީ. އަޅުގަނޑުމެން ވަރަށް އަވަހަށް މުޅި އެތި ބަދަލުކޮށްލީ މި އެންމެން އެތަންތާ ތިބޭއިރު ރާއްޖެ ފެންނަވަރުކޮށްދެވޭތޯ. އެ މީހުން ހިތުން ރާއްޖެ ފޮހެވިގެން ނުދާވަރު ކުރީ. ދެން އަޅުގަނޑުމެންގެ މުވައްޒަފުން ކުރި މަސައްކަތް ވަރަށް ބޮޑެތި ޗެލެންޖުތަކާ ދިމާވި. ރޯދަ މަހުގައި އިރުއޮއްސިގެން ދިޔައިރު ތިބެން ޖެހުނު ކޯލްތަކުގަ އާއި އެއްޗިހީގައި. އެމެރިކާ އާއި މިތަންތަނާ އެކީގައި އެކި ގަޑީގައި މަސައްކަތް ކުރަން ޖެހުނީ. އަޅުގަނޑުމެންގެ ޓީމް ކުޑަޔަކަސް ވަރަށް ސްޕީޑުގައި މަސައްކަތްކޮށްގެން އަޅުގަނޑުމެން ކުރިޔަށް އެރީ.
މިއީ އެންމެ ފަރާތަކުން މެޑަލް ޖަހަން އޮތް ކަމެއް ނޫން. މިއީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ. ގެސްޓްހައުސްތައް، ސަފާރީތައް، ރިސޯޓުތަކުގެ މުވައްޒަފުން ކިތައް މަސްތޯ [އާއިލާ] ކައިރިއަށް ނުގޮސް އެވީ ގުރުބާނީ. ފްރޮންޓުލައިންގައި މަސައްކަތް ކުރާ ނަރުހުން، ޑޮކްޓަރުން މި އެންމެންގެ މަސައްކަތް މިއީ.
ދައުރު: ބަލިމަޑުކަމެއްގެ ތެރެއިން ޓޫރިޒަމް ކާމިޔާބުކޮށް ރާއްޖެއިން ދުނިޔެއަށް މި ނަގައިދިނީ ކޮން ފިލާވަޅެއް ކަމަށްތޯ ގަބޫލުކުރައްވަނީ؟
ތޮއްޔިބު: ރާއްޖެއަކީ ހަމަ ސަކްސެސް ސްޓޯރީއެއް. އަޅުގަނޑުމެން ބުނާ ވާހަކައެއް ނޫން ސީއެންއެން ކަހަލަ ތަންތަނުން ސަކްސެސް ސްޓޯރީއެއް ކަމަށް އެ ބުނަނީ. އެއީ ކޮންމެހެން ޓޫރިޒަމް ޕްރޮމޯޝަންގައި އެކަންޏެއް ނޫން. މެނޭޖްކުރުމުގައި ވެސް ކޮވިޑުގެ މި ބަލިމަޑުކަން. މާދަން ވާނެ ގޮތެއް ވެސް ނޭނގެ މިހެން ބުންޏަސް. ވެބިނާސް އޮންލައިން ޕްލެޓްފޯމްތަކުގައި ފުރުސަތު އެބަ ލިބޭ މަޝްވަރާކުރަން. އަޅުގަނޑުމެން އެބަވޭ ދުނިޔެއަށް މިއަދު މިސާލަކަށް. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެވުނު ކަންކަން. ކޮމްޕީޓިން ޑެސްޓިނޭޝަނުން ހަރަކާތްތައް ހިންގާ ގޮތް މިތަނުން ބަލާއިރު އަޅުގަނޑުމެންނާ ކައިރިއަށް ވެސް އެ މީހުންނަށް މަސައްކަތެއް ނުކުރެވޭ.
ދައުރު: އާ ވޭރިއަންޓުތައް ވެސް އަދިވެސް މި އަންނަނީ ދޭތެރެ ދޭތެރެއިން ފެންނަމުން. ޓޫރިޒަމް ޑެސްޓިނޭޝަނެއް ގޮތުން ރާއްޖެއަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ؟
ތޮއްޔިބު: ޗެލެންޖުތައް ވަރަށް ބައިވަރު. މިސާލަކަށް މި ދިޔަ ހަފްތާތަކުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުން ބަދަލުތައް އަންނަން ފެށީ ކިހިނެއްތޯ؟ ދިއްލީގައި ރޭގަނޑު ކާފިއު ހިންގަން ފެށީ ހަމަ ކުއްލިއަކަށް. ޖަރުމަން، އިޓަލީ ކުއްލިއަކަށް ޓައިޓް އެކޮށްލީ. މުޅި ޔޫރަޕް އެދަނީ އެކަހަލަ ގޮތަކަށް. މިއަކު ސޭފް ގޮތެއް ނެތް މި ވަގުތަކު. ބޫސްޓާ ޖެހިދާނެ. އެއް ބަޔަކު އެ ދަނީ ނިއު ނޯމަލްއަށް. އަޅުގަނޑުމެންނަށް ޗެލެންޖަކީ އެއް މާކެޓް ބަންދުވިއްޔާ އަނެއް މާކެޓް އެބަ ހުޅުވޭ. މީގައި އެއް ކަމަކީ ރާއްޖޭގައި އެނދުތައް ފެސްޓިވް ސީޒަނާ އެކު ޑިމާންޑު ބޮޑު. ކެންސަލޭޝަންތައް އެބަ އާދޭ އެކަމަކު ހަމަ އެހެން އާ ތަންތަން އެބަ ހުޅުވޭ. އަދި އަޅުގަނޑުމެން އަތްނުލާ މިދިޔަ ދެ އަހަރު ވެސް ނުހުޅުވި އޮތް ޗައިނާ މާކެޓް އެބަ އޮތް. އެއީ އިސްކުރެއް ދޫކޮށްލުން ކަހަލަ ކަމެއް. އެ މީހުން ދަތުރުކުރަން ފެށީމާ ބޮޑު އަދަދެއް އަންނާނެ. ޗެލެންޖުތައް އެބަހުރި. އެކަމަކު އަޅުގަނޑުމެން މިބަލަނީ ރާއްޖެއަށް މި އޮތް ނިއުމަތުގެ ބޭނުން ހިފައިގެން ރަނގަޅަށް މެނޭޖްކުރަން ރާއްޖޭގެ ޓޫރިޒަމް. ފަރުވާކުޑަނުކުރުން. މިއީ އެންމެން ގުޅިގެން ވާނެ ކަމެއް.
ދައުރު: މި އާ އަހަރު ރާއްޖޭގެ ޓޫރިޒަމްގެ އާ ފޯކަސްއަކަށް ވާނީ ކޮންކޮން ކަންތަކެއްތޯ؟ ކޮން ގޮތަކަށްތޯ ރާއްޖެ ދުނިޔެއަށް އިޝްތިހާރު ކުރުން ބަދަލުވެގެން ދާނީ؟
ތޮއްޔިބު: އަޅުގަނޑުމެން އިންޓާނަލީ ގެންގުޅެން ވަރަށް ގިނަ ޓާގެޓްތަކެއް. ކޮންމެ މާކެޓަކަށް ވެސް ބަލައިގެން ޓާގެޓްތަކެއް ކުރަނީ. އެއްގޮތަކަށް ވެސް މީޑިއާއަށް އެވާހަކައެއް ނުދައްކަން. އެއީ އަޅުގަނޑުމެން އަމިއްލައަށް މަސައްކަތްކޮށްގެން ކުރިއަށް ދިޔުމަށް ކުރާ ކަމެއް. އެހެން ނަމަވެސް ސަރުކާރުން އެކިއެކި އަދަދުތަކެއް ކިޔުއްވާ. އެ އަދަދުތައް ގެންނަން އަޅުގަނޑުމެން މަސައްކަތް ކުރަނީ. ބޮޑު އަދަދެއް ކީމާ ބޮޑަށް މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ ޓާގެޓުތައް އިވޭ އަޑުތަކަށް ވުރެ ބޮޑުވާނެ. އަންނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރު ކަމަށް ވާތީ އަންނަ އަހަރު އަޅުގަނޑުމެންނަށް މި ފެންނަނީ ނުބޭއްވުނު ފެއާތަކާ އެއްޗިހި ރާސްލާފައި ބޭއްވޭތަން. ކުރިއަށް އޮތް ދުވަސްތަކުގައި އެބަ އޮތް 60 އިވެންޓް އަޅުގަނޑުމެން ރާވާފައި. ހަމަ ސީދާ ފިޒިކަލް އިވެންޓް. ސަތާރަ ފެއާ އެބަ އޮތް. އެ އެއްޗިއްސަށް އަޅުގަނޑުމެން މި ދަނީ ތައްޔާރުވަމުން. އަޅުގަނޑުމެންނަށް 230 މިލިއަންގެ މީޑިއާ ވެލިއުއެއް ޖެނެރޭޓް ކުރެވިއްޖެ މިހާތަނަށް. ހަތަރު ސަތޭކައެއްހާ ހަރަކާތް ހިންގިއްޖެ. ސައްވީސް މާކެޓުގައި މި ހަރަކާތްތައް ހިންގީ. އެކި މީހުން އެކި ގޮތަށް ދެކިދާނެ. އެކަމަކު އަޅުގަނޑުމެންނަށް ހަމަ ރަނގަޅު ހަރަކާތްތައް ހިންގިއްޖެ. މި އަހަރު ދުބާއީއާ ވާދަކޮށް އަޅުގަނޑުމެންނަށް މި ލިބުނީ ލީޑިން ޓެސްޓިނޭޝަން ވެސް. މިއީ މުހިންމު ޓައިޓުލްތައް ޑެސްޓިނޭޝަނަކަށް.
ދައުރު: ރާއްޖެ އަބަދުވެސް މި އިޝްތިހާރު ކުރެވެނީ ވަރަށް އަގުބޮޑު މަންޒިލެއްގެ ގޮތުގައި. މެދު ފަންތީގެ ޓޫރިސްޓުންނަށް ރާއްޖެ އިޝްތިހާރު ކުރަން އެދެވޭ މަސައްކަތްތަކެއް އެބަ ކުރެވޭތޯ؟ އެ ޝަކުވާ އަބަދުވެސް އޮވޭ ނޫންތޯ؟
ތޮއްޔިބު: އަޅުގަނޑުމެންގެ ޓީމުގެ މި އެންމެންގެ %100 ދީގެން މި މަސައްކަތް މި ކުރެވެނީ ރާއްޖޭގެ ޕްރޮމޯޝަން. އެ ކުރެވޭ މަަސައްކަތަށް އަޅުގަނޑުމެން އުފާވޭ. ސިޔާސީ މީހުން، މީޑިޔާއިން ކޮންމެ އެއްޗެއް ކީ ނަމަވެސް ބޮޑު މަސައްކަތެއް މި ކުރެވެނީ. ދެން އަބަދުވެސް ޖެހޭ މައްސަލައެއް ރާއްޖެ މާ އަގުބޮޑު މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ވާހަކަ. އެކަމަކު އެއީ ރާއްޖެ. އެ ދޫކޮށެއްނުލެވޭނެ. ރާއްޖެއަކީ ޕްރިމިއަމް ލަގްޒަރީ ޑެސްޓިނޭޝަނެއް. އެކަމަކު އިޝްތިހާރު ކުރާއިރު އަޅުގަނޑުމެން މި ބޭނުން ކުރަނީ ރާއްޖޭގައި އެބަ ހުއްޓޭ އެންމެންނަށް ތަޖުރިބާ ކުރެވޭނެ އެކްސްޕީރިއަންސްތައް. ލަގްޒަރީ، ޕްރިމިއަމް މީތި ގެއްލުވާ ނުލާ އަޅުގަނޑުމެން މި ދަނީ ހަމަ ރާއްޖެ ޕްރޮމޯޓް ކުރަމުން އެންމެންނަށް އެކަށޭނެ އެކްސްޕީރިއަންސް ހުރި ކަމަށް. ގެސްޓްހައުސްތަކާއި ހޮޓާތަކާއި ލިވަބޯޑުތަކާ ސެވަން ސްޓާ ޕްލަސް ރިސޯޓުތައް މި އަންނަނީ މާކެޓް ކުރަމުން. ގެސްޓްހައުސްތައް ބައިވެރިކުރަން ވަރަށް މަސައްކަތް ކުރެވިއްޖެ. އެބޭފުޅުންގެ ބައިވެރިވުން އިތުރު ކުރަން މެންބަޝިޕް ފީ ވެސް %90 ކަނޑާލައިފިން. އެކަމަކު މެންބަޝިޕެއް އިތުރެއް ނުވޭ. މުޅި ރާއްޖޭގައި ޓްރޭނިން ހިންގިން. ސިމްޕަލް މާކެޓް އެއްޗިހި ކިޔައިދިނިން. އެ މީހުން ދެން ގަބޫލެއް ނުކުރޭ ފެއާތަކަށް ދާން. އެ މީހުންނަށް ވަކިން ކުރެވޭނެ އެހެން ކަންކަން އެބަ ހުއްޓޭ.
ރާއްޖެއަކީ ޕްރިމިއަމް ލަގްޒަރީ ޑެސްޓިނޭޝަނެއް. އެ ދޫކޮށެއްނުލެވޭނެ. އެކަން ކަނޑުވައެއް ނުލެވޭނެ ރާއްޖެ އިޝްތިހާރުކުރުމުގައި
އެހެންވެ އަތޮޅު ކައުންސިލްތަކަށް ނުވަތަ ރަށު ކައުންސިލްތަކަށް، ސިޓީ ކައުންސިލްތަކަށް އަޅުގަނޑުމެންގެ މެންބަޝިޕް ނަގަން ވެސް ފުރުސަތު ހުޅުވާލާފައި ވާނީ. އޭރުން މަތިވެރި ކައުންސިލުން މިސާލަކަށް އަންނާނީ ގެސްޓްހައުސްތައް ނަގައިގެން ޕްރޮމޯޓްކުރަން. އޭޒް އަ ޑެސްޓިނޭޝަން އޭރުން ޕްރޮމޯޓް ކުރާނީ ފެއާތަކުގައި. އެ ފުރުސަތު އޮންނާނީ ހުޅުވާލާފައި. ފެއާ ރޯޑް ޝޯ އެކަންޏެއް ނޫން މިތަނުން މި ކުރަނީ. އެތައް ފޭމް ޓްރިޕެއް މީޑިއާ ގުރޫޕް އެބަ ގެންނަން. ބޭރުގެ ޓީވީ މެގަޒިންގެ މީހުން މި ގެންނަނީ. އެ މީހުން ގެސްޓްހައުސްތަކަށް ވެސް ފޮނުވަން. އަޅުގަނޑުމެން ބޭރުގެ މީޑިއާގައި މި ކުރާ އިޝްތިހާރުތަކުގައި ރާއްޖޭގެ އެކި ޕްރޮޑަކްޓުތައް އެބަ އިޝްތިހާރުކުރަން. އަޅުގަނޑުމެން މި ކުރަނީ ސަން، ސީ އެންޑް ސޭންޑް އެކަންޏެއް ނޫން. ފަންނާނުންނާއި ސަގާފަތާ މި ހުރިހާ އެއްޗެއް ދުނިޔެއަށް ބުނެމިދެނީ.
ދައުރު: މި އަހަރަށް އޮތް ޓޫރިޒަމް ޕްރޮމޯޝަން ބަޖެޓާ މެދު ހިތްހަމަޖެހޭތޯ؟ ޓާގެޓުތައް ހާސިލް ކުރެވިދާނެތޯ؟
ތޮއްޔިބު: އެކަށީގެންވާ ބަޖެޓެއްތޯ އެއީ ސަބްޖެކްޓިވް އެއްޗެއް. ދެން މިދިޔަ އަހަރަށް ވުރެ ޕްރޮމޯޝަން ބަޖެޓު ލިބުނު ވަރު ކުޑަ. ދެން އަޅުގަނޑުގެ ޝަކުވާއެއް ނެތް. ފައިސާ ލިބޭ އަދަދަކަށް ފުއްދައިގެން އަޅުގަނޑުމެން ޕްރޮމޯޝަން ހިންގާނީ. ދެން ބިލިއަނުން ބިލިއަނުން ލިބުނީމާ ބިލިއަނުން ކަންކަން ކުރެވޭނެ. މީގައި ބަލަންވީ ލިބޭ އެއްޗަކަށް ނޫން. ކަންތައްތަކެއް ކުރެވޭތޯ. ހަރަދެއް ނުކުރޭ ވެސް ބުނޭ ޕްރޮމޯޝަނަށް. މީގައި ބަލަންވީ ފައިސާ ހަރަދުކުރެވޭތޯއެއް ނޫން. ރަނގަޅަށް އެކަން ކުރަން. ދެން އަންނަ އަހަރަކީ އަނެއްކާ 50 އަހަރު ޓޫރިޒަމްގެ، ދެން އަޅުގަނޑުމެން އަހަރު މެދުން އެދުނީމާ އިތުރަށް ވެސް ލިބޭނެ. ދެން ބަޖެޓޭ ކިޔައިގެން ވަގުތު ދުއްވޭކަށް ނެތް. އަޅުގަނޑުމެން އެއަށް ވުރެ ގައުމީ މަސައްކަތެއް މި ކުރަނީ.
ދައުރު: އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރުމުގެ ވާހަކަތަކެއް މި ސަރުކާރުގެ ކުރީކޮޅު ދެކެވުނު. މިހާރު އެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައިތޯ؟ ނަން ހަމަ ބަދަލު ކުރަން ޖެހޭތޯ؟
ތޮއްޔިބު: މިތަނުގެ ނަން އޮތީ ވަރަށް ހަޑިކޮށް އަޅުގަނޑު އައިއިރު ވެސް. ދެން އަޅުގަނޑުމެން އެކަމަކު މީގައި ވިސްނާލަން ޖެހޭ ކަމަކީ މިއީ އަޅުގަނޑުމެން ބޭނުންވި ކަމެކޭ ނަން ބަދަލުކުރުން. އެކަމަކު ވާ ގޮތަކީ ނަން ބަދަލުކުރަން ބަލާއިރު މިތަނާ ގުޅޭ ބައިވަރު ކޯޓު ކޭސްތައް އެބަ އުޅޭ. ދެން އަނެއްކާ ނަން ބަދަލުކުރީމާ ބުނެފާނެ އެކަންކަން ހިންދާލަން ވެގެންނޭ އެކަން ކުރީ. ހިނގާ މިކަން ޕޮޒިޓިވްކޮށް ވިސްނަން އަޅުގަނޑުމެންނާ ހަވާލުވި ފަހުން ވަރަށް ރަނގަޅެއް ނޫންތޯ ނަން ދާލެއް. ކުރީގައި އެ އޮތް ނަމާ ގުޅިގެން އޭތި ޑުބްލިކޭޓް ނުވެވޭތޯ ބެލިން. ދެން އެކަން ކުރަން ބެލުންތޯ އޮންނާނީ. އެކަން ނުވެވޭތޯ މި ބަލަނީ. ކުރީގައި އިވުނު އަޑުތަކާ ހިލާފަށް މިހާރު އިވޭނީ ޕޮޒިޓިވްކޮށް. ނެގެޓިވްކޮށެއް ނޫން.
ދައުރު: އާ އަހަރަށް ދޭނެ މެސެޖަކީ ކޮބައިތޯ؟
ތޮއްޔިބު: އަޅުގަނޑުމެން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ދޭން އޮތް މެސެޖަކީ އަޅާފައި ހުރި ފިޔަވަޅުތަކާ މިކަންކަން ދެމެހެއްޓުން ވަރަށް މުހިންމޭ. [އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލް] މައިމޫނާ [އަބޫބަކުރު] އެ ވިދާޅުވާ ގޮތް ހެއްދެވުން މުހިންމޭ. އެއީ ރަނގަޅު ގޮތޭ. ފިޔަވަޅުތައް މެއިންޓެއިން ކުރުން މުހިންމޭ. ވަރަށް ސިމްޕަލް ކަންކަމޭ ހީކުރާ ކަންކަން އެއީ މުހިންމު ކަންކަން ގޮތުގައި ބަލައިގެން ކުރަން އެބަ ޖެހޭ. މައިމޫނާ އެ ވިދާޅުވަނީ ރަނގަޅަށޭ. މި ފިޔަވަޅުތަކުގައި ހިފަހައްޓާލުން އަދި އޮތް ގޮތަކީ. އަޅާފައި ހުރި ފިޔަވަޅުތައް ހަރުދަނާކޮށް ގެންދަންވީ. އެއީ ރަނގަޅު މެސެޖަކަށް ވާނީ.