އަފީފް މީގެ ކުރިން 'ދައުރު'އަށް އިންޓަވިއު ދެއްވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޓޫރިޒަމް

ޓޫރިޒަމް ފުޅާކުރަން ދަތުރުފަތުރު ތަރައްގީކުރުން މުހިއްމު: އަފީފް

އަފީފް ވަނީ ޓޫރިޒަމް ދާއިރާގެ މުސްތަގުބަލް ބިނާ ކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ގޮވާލައްވާފައި؛ ގެސްޓުހައުސްތަކުގެ އޮޕަރޭޝަންތައް ފުޅާކޮށް، ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ޒުވާނުންގެ ބައިވެރިވުމާ އެކު ގިނަ މަސައްކަތްތައް ކުރެވިދާނެ ކަމަށް ވިދާޅުވި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓުތައް ތަރައްގީ ކުރަމުން އަންނައިރު އޭގެ ނަތީޖާއެއްގެ ގޮތުން ފަތުރުވެރިކަމަށް ވެސް ކުރިއެރުން އަންނާނެ ކަމަށާއި އެއާޕޯޓުތަކާއި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަން ގުޅާލުމަށް ތައްޔާރަށް ތިބެންޖެހޭ ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އަދި ޓޫރިޒަމް ޖަމްއިއްޔާ، މަޓީގެ ވައިސް ޗެއާމަން ހުސެން އަފީފް (ޗަމްޕާ އަފީފް) ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މަޓީން ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ޓޫރިޒަމް ފެށިގެން އައި އިރު ވެސް އެ ސިނާއަތަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ކަމަށެވެ.

މަޓީން ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާ (ފޮޓޯ/މަޓީ)

ތަފްސީލް - ޓޫރިޒަމް ކުރިއަރާއިރު، ހިދުމަތްދޭނެ މުވައްޒަފުންނާއި ފަތުރުވެރިން އުފުލާނެ އުޅަނދުފަހަރާއި ސީޕްލޭން ވެސް އެކަށީގެންވާ ވަރަށް ހުންނަންޖެހޭނެ ކަމަށާއި އެ ދާއިރާ އިން އިންފްރާސްޓްރަކްޗާ ތަރައްގީވެފައި ހުރުން މުހިއްމު ކަމަށް އަފީފް ވިދާޅުވި އެވެ.

"އާ އެއާޕޯޓުތަކާ އެކު ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރާ އަދަދަށް މީހުން އަންނައިރު ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ނުކޮށް އޮވެއްޖެ ނަމަ އެއީ ގޮންޖެހުމަކަށް ވާނެ،" އަފީފް ވިދާޅުވި އެވެ.

މިއަދު ޓޫރިޒަމް ސިނާއަތް އެންމެ ބޮޑަށް ބަރޯސާ ވަނީ ސީޕްލޭންގެ ހިދުމަތަށް ކަމަށާއި އެ ސިނާއަތުގެ އޮޕަރޭޝަންތަކަށް ބުރުލެއް އަރައިފި ނަމަ ބެކްއަޕެއް ތައްޔާރަށް އޮތުމުގެ މުހިއްމުކަން އަފީފް ފާހަގަ ކުރެއްވި އެވެ.

އަފީފް ވަނީ ޓޫރިޒަމް ދާއިރާގެ މުސްތަގުބަލް ބިނާ ކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ގޮވާލައްވައިފަ އެވެ. ހާއްސަކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ގެސްޓުހައުސްތަކުގެ އޮޕަރޭޝަންތައް ފުޅާކޮށް، ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ޒުވާނުންގެ ބައިވެރިވުމާ އެކު ގިނަ މަސައްކަތްތައް ކުރެވިދާނެ ކަމަށް އަފީފް ވިދާޅުވި އެވެ.

"ޒުވާނުންގެ ވިޔަފާރިތައް އެ ރަށްރަށުގައި ފަށާ، ޕްރޮފެޝަނަލް ހިދުމަތްތަކެއް އެ ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ފޯރުކޮށްދެވިދާނެ. ރެސްޓޯރެންޓުތައް، ޑައިވިންގެ ހިދުމަތްދޭ ތަންތަން ޕްރޮފެޝަނަލްކޮށް ހިންގޭނެ. މިއީ މުސްތަގުބަލަށް މުހިއްމު ކަންތައް،" އަފީފް ވިދާޅުވި އެވެ.

ގެސްޓްހައުސް ހިންގާ ރަށްރަށަށް ދަތުރުފަތުރުގެ ހިދުމަތް ފުޅާކޮށް ހަރުދަނާ ކުރުން މުހިއްމުކަން ވެސް އަފީފް ފާހަގަ ކުރެއްވި އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް