ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގައި ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓޫރިޒަމް

1.6 މިލިއަން ހަމަ ވިޔަސް ޓޫރިޒަމް ޓާގެޓް ހާސިލްވުން ދުރު

ތަފާސްހިސާބަށް ބަލާއިރު އެންމެ ރަނގަޅަށް ރާއްޖެއަށް ޓޫރިސްޓުން އައި ނަމަވެސް ރާއްޖެއަށް ހާސިލް ކުރެވޭނީ 2.2 މިލިއަން ޓޫރިސްޓުންގެ ޓާގެޓެއް
27 ސެޕްޓެމްބަރު 2025

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތިދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކަނީ މިދިޔަ ބުދަދުވަހާ ހަމައަށް ރާއްޖެއަށް 1.6 މިލިއަން ޓޫރިސްޓުން އައި ކަމަށެވެ. 

މި އަހަރު ރާއްޖެއަށް ޓޫރިސްޓުން ގެންނަން ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓަކީ، 2.3 މިލިއަން ޓޫރިސްޓުންނެވެ. އެހެންކަމުން މިހާތަނަށް ރާއްޖެ އައިސްފައިވާ ޓޫރިސްޓުންގެ އެންމެ ފަހުގެ ނަމްބަރަށް ބަލާއިރު މި އަހަރުގެ ޓާކެޓް ހާސިލްކުރަން، މި އޮތް ތިން މަހެއްހާ ދުވަސް ތެރޭ 695،587 ޓޫރިސްޓުން ގެންނަން ޖެހެ އެވެ. އެކަން ހާސިލްވާނޭ ހެއްޔެވެ؟ 

ދުވާލަކު އަންނަ ޓޫރިސްޓުން މަދުވުމުގެ ކަންބޮޑުވުން

ތަފާސްހިސާބުތަކަށް ބަލާއިރު މި ވަގުތަށް އެންމެ ބޮޑު ކަންބޮޑުވުމަކީ ދުވާލަކަށް އަންނަ ޓޫރިސްޓުންގެ އަދަދު މި މަސް ތެރޭ ވެއްޓިފައި ވުމެވެ. މިއީ އާންމުކޮށް ވެސް ޓޫރިސްޓުން އަންނަވަރު ދަށްވާ މަހެކެވެ. އެގޮތުން: 

  • މި މަހު ދުވާލަކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ، 6،195 އިން 4،895އަށް ވެއްޓިފައި؛ މިއީ 1،300 މީހުން މަދު އަދަދެއް 

ނަމަވެސް މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު %12ގެ ކުރިއެރުމެއް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދަށް އައިސްފައިވެ އެވެ. 

މި އަހަރު އަދި 98 ދުވަސް ބާކީ އޮތްއިރު 2.3 މިލިއަން ޓޫރިސްޓުންގެ ޓާގެޓް ހާސިލްކުރަން ރާއްޖެއިން ދުވާލެއްގެ މައްޗަށް: 

  • 7،098 ޓޫރިސްޓުން ގެންނަން ޖެހޭ

  • އާންމުކޮށް އެންމެ ޓޫރިޒަމް ރަނގަޅު ސީޒަން ޑިސެމްބަރުގައި ވެސް ދުވާލެއްގެ މައްޗަށް އަންނަނީ 6،500 އެއްހާ ޓޫރިސްޓުން 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިންތަކެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް) 

2.3 މިލިއަން ހަމަވުން ދުރު

ތަފާސްހިސާބަށް ބަލާއިރު އެންމެ ރަނގަޅަށް ރާއްޖެއަށް ޓޫރިސްޓުން އައި ނަމަވެސް  ރާއްޖެއަށް ހާސިލްކުރެވޭނީ 2.2 މިލިއަން ޓޫރިސްޓުންގެ ޓާގެޓެކެވެ. އެއީ، ކަނޑައެޅި ޓާގެޓަށް ވުރެ 58،587 ޓޫރިސްޓުން މަދު އަދަދެކެވެ. 

މި އަހަރު މިހާތަނަށް ރާއްޖެއަށް ވަނީ 1.6 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. އެއީ، މިދިޔަ އަހަރާ އަޅާބަލާއިރު %9.6ގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ހަމަވެފައި ވަނީ 1.4 މިލިއަން ޓޫރިސްޓުންނެވެ. 

ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ޑޮމެސްޓިކް ޓާމިނަލްގައި އެއާޕޯޓް ރެޕެއް ފަތުރުވެރިންތަކަކާއެކު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މިދިޔަ މަސް ތެރޭ 'ދައުރު'އަށް ދެއްވި އިންޓަވިއެއްގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާ އެޖެންސީ، ވިޒިޓް މޯލްޑިވްސްގެ ޗެއާމަން އަބްދުﷲ ގިޔާސް ރިޔާޒު ވިދާޅުވެފައިވާ  ގޮތުގައި، މި އަހަރުގެ ޓޫރިޒަމް ޓާގެޓް ހާސިލްކުރަން މި އަހަރުގެ ބާކީ މި އޮތް ތަނުގައި ޓޫރިސްޓުން އަންނަވަރު %13 އިތުރުވާން ޖެހެ އެވެ. 

"ހަތަރު މަހެއްގެ ތެރޭ ރިކޯޑް އެރަވައިލްސް އައިސްގެން މިހާރު ކަނޑައަޅާފައިވާ ޓާގެޓަށް ދެވޭނީ. ގާތްގަނޑަކަށް ހަތަރު މަހުގައި ހުންނަން ޖެހޭނެ %13ގެ ގްރޯތެއް،" ގިޔާސް ވިދާޅުވެފައިވެ އެވެ. 

ޒަމާންވީ މާކެޓްތަކަށް ކުރިއެރުން

ރާއްޖެއަށް އަހަރުގެ ޓޫރިޒަމް ޓާގެޓް ހާސިލްކުރެވޭނެ ކަމުގެ ޔަގީންކަން އަދި ނެތް ނަމަވެސް ޒަމާންވީ މާކެޓްތަކުން އަންނަ ޓޫރިސްޓުންގެ އަދަދަށް ވަނީ ކުރިއެރުންތަކެއް އައިސްފަ އެވެ. އެގޮތުން: 

  • 1-

    ޗައިނާއިން - 254،950 ޓޫރިސްޓުން 

  • 2-

    ރަޝިޔާ - 194،606 ޓޫރިސްޓުން

  • 3-

    ޔޫކޭ - 142،957 ޓޫރިސްޓުން

  • 4-

    ޖާމަނީ - 111،569 ޓޫރިސްޓުން

  • 5-

    އިޓަލީ - 111،253 ޓޫރިސްޓުން 

އިންޑިއާއަކީ މީގެ ކުރިން ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަށް ވީ ނަމަވެސް، އެ ގައުމު އޮތީ ފަސް ވަނައަށް ސޮއްސާލައިފަ އެވެ. މި އަހަރު އިންޑިއާއިން ރާއްޖެއަށް 200،000 ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައި ވިޔަސް، އިންޑިއާއިން މި އަހަރުގެ މިހާތަނަށް ރާއްޖެ އައީ، 92،252 ޓޫރިސްޓުންނެވެ. އެއީ ރާއްޖެ އައި ޓޫރިސްޓުންގެ %5.7 އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް