ބިދޭސީ މަސައްކަތްތެރިއަކު ހުޅުމާލޭގެ ޕާކެއްގެ ތެރޭ މަޑުކޮށްލައިގެން: ބިފޭސީ މަސައްކަތްތެރިން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ އަދަދު ދަނީ އިތުރުވަމުން (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ބިދޭސީ މަސައްކަތްތެރިން ރާއްޖެއިން ބޭރު ކުރި ފައިސާ އިތުރުވެ 144 މިލިއަން ޑޮލަރަށް
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ރާއްޖޭގައި މާލީ މުއާމަލާތްތައް އާންމުކޮށް ހިންގާ ގޮތާ ގުޅޭ ގޮތުން ނެރެފައިވާ ޕޭމަންޓް ބްލެޓިން 2024ގެ ރިޕޯޓުގައި އެންމެ ފާހަގަކުރެވެނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ގިނަ ކަމެވެ. އެއީ ވެސް ރާއްޖެއިން ޑޮލަރު ބޭރުވާ ވަރަށް ބޮޑު ދޮރެކެވެ.
އެ ރިޕޯޓްގައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު:
-
ރާއްޖެއިން މިދިޔަ އަހަރު ރެމިޓެންސްގެ ގޮތުގައި ބޭރު ކުރި ފައިސާގެ %92 ބޭރު ކުރީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން
-
އެއީ، 144 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާއާ އެއްވަރުގެ އަދަދެއް)
-
2023 ވަނަ އަހަރާ އަޅާބަލާއިރު %59 އިތުރު އަދަދެއް
ވަގަށް ފައިސާ ފޮނުވުން ހުއްޓުވުމުގައި ކާމިޔާބެއް
އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، ބިދޭސީ މަސައްކަތްތެރިން އެ މީހުންގެ ގައުމަށް ފޮނުވި ފައިސާގެ އަދަދު އިތުރުވެފައިވަނީ ނުރަސްމީ ގޮތްތައް ބޭނުންކޮށްގެން ވަގަށް ފައިސާ ފޮނުވުން ހުއްޓުވަން ބަންގުލަދޭޝް ސަރުކާރާ އެކު ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް އުޅެނީ ބަންގްލަދޭޝް މީހުންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އެންމެ ގިނައިން ބިދޭސީ މަސައްކަތްތެރިން ފައިސާ ފޮނުވީ ބަންގްލަދޭޝްއަށެވެ. އެއީ 112 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެކެވެ. އަދި އެއީ، ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ %76.9 އެވެ.
މީގެ އިތުރަށް ދެން ބިދޭސީ މަސައްކަތްތެރިން އެންމެ ގިނައިން ފައިސާ ފޮނުވި ގައުމުތަކަކީ:
-
ނޭޕާލް - 8.1 މިލިއަން ޑޮލަރު؛ %5.6
-
މިސްރު - 5.5 މިލިއަން ޑޮލަރު؛ %3.8
-
ފިލިޕީންސް - 5 މިލިއަން ޑޮލަރު؛ %3.3
-
އިންޑިއާ - 2.4 މިލިއަން ޑޮލަރު
ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ %98 ފޮނުވީ ބޭންކުތައް މެދުވެރިކޮށެވެ.