ބ. މާޅޮހުގައި އޭޓީއެމް ހިދުމަތް ފެށުން (ފޮޓޯ/ބީއެމްއެލް)
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައިފި
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބަހައްޓާ، ހަތް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގައި އޭޓީއެމް ނެތް ހުރިހާ ރަށެއްގައި ވަނީ އޭޓީއެމްގެ ހިދުމަތް ފަށައިފަ އެވެ.
ތަފްސީލް - ބ. މާޅޮހުގައި އޭޓީއެމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި އޭޓީއެމް ހިދުމަތް ދޭން ފެށިތާ 25 އަހަރުވީ އިރު، މީހުން ދިރިއުޅޭ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް ގާއިމްވެފައި ނެތް ކަމަށެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެށި މަސައްކަތުގެ ދަށުން މި އަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމް ހިދުމަތް ފަށާފައިވާ ކަމަށެވެ.
-
7 އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިދުމަތް ގާއިމް ކޮށްފި
-
އެއީ ދ، ހއ، ނ، މ، ށ، ކ އަދި ބ އަތޮޅު
-
މިވަގުތު އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައި
-
ދެން ބާކީ ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަސްތެރޭ އޭޓީއެމް ހިދުމަތް ފަށާ، މަޝްރޫއު ނިންމާލުމަކީ އަމާޒު
"އޭޓީއެމް އިން މިދެވޭ ހިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އަސާސީ ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އޮތް އެންމެ ފުރިހަމަ އެއް ވަސީލަތް. އޭޓީއެމްގެ ބޭނުންތެރިކަން މާލޭގައި ގާއިމްކޮށްފައިވާ އޭޓީއެމް ތަކުން ކުރާ މުއާމަލާތްތަކުގެ އަދަދާއި އޭޓީއެމް ބޭނުންކުރުމަށް ކޮންމެ ވަގުތަކު ކޮންމެ އޭޓީއެމް ސެންޓަރެއްގެ ކިޔު އަށް ބަލާލީމަވެސް އަޅުގަނޑުމެންނަށް ފެނޭ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭޓީއެމް ހިދުމަތް މިހާ ބޭނުންތެރި ހިދުމަތަކަށްވެފައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މި ހިދުމަތް ބޭނުންތެރި ހިދުމަތަކަށް ނުވާންވީ ހިދުމަތެއްކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ނަގުދު ފައިސާއާ ގުޅުންހުރި ހިދުމަތްތަކުގެ އިތުރުން ބޭންކުގެ ޑިޖިޓަލް ބޭންކިން ހިދުމަތްތައް ވެސް ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ގެނެސްދީފައިވާ ކަމަށެވެ.
"މިހާރު ވެސް ބީއެމްއެލްގެ %99.7 މުއާމަލާތްތައް ހިންގަނީ ޑިޖިޓަލްކޮށްކަން އަޅުގަނޑު ފާހަގަކޮށްލަން."
ކޮމެންޓް (1)
ޛވމ ވ