އެންސިސްއިން ހުޅުމާލޭގައި ހަދާފައިވާ ކޭނަރީގެ އެތެރެ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކޭނަރީ އަގު ކޮށްފައި ވަނީ ބިމާ ވެސް އެކު؛ އެއީ ބޮޑުކޮށް ޖަހާފައިވާ އަގެއް ނޫން: އެންސިސް
މިފްކޯއިން މިހާރު ގަތުމަށް މަޝްވަރާކުރަމުން އަންނަ އެންސިސް ފިޝަރީޒްއިން ހުޅުމާލޭގައި ހަދާފައިވާ ކޭނަރީ އަގު ކޮށްފައި ވަނީ ތަނާއި ތަކެތި އެކަނި ނޫން ކަަމަށާއި އެ ތަން ހަދާފައި ހުރި ބިމާއި އެ ވިޔަފާރިއާ ގުޅުން ހުރި އެހެން ވެސް ކަންކަން ހިމަނައިގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެނގުން މުހިންމު - އެންސިސްގެ ކޭނަރީ ވިއްކާލަން މަޝްވަރާކުރަމުން ދަނީ 32 މިލިއަން ޑޮލަރަށްކަން ވަނީ ހާމަވެފަ އެވެ. އެއީ ބޮޑު އަގެއް ކަމަށް ބުނެ އެކަމަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅިގެން 'ދައުރު'އާ ވާހަކަ ދައްކަވަމުން އެންސިސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގު ވިދާޅުވީ އެ ކޭނަރީ ހަދާފައި ވަނީ ހުޅުމާލޭގެ މުހިންމު ސަރަހައްދެއްގައި ހުރި އެ ކުންފުނިން 50 އަހަރަށް ކުއްޔަށް ނަގާފައިވާ ބިމެއްގައި ކަމަށެވެ. އަދި ވިއްކާލަން މަޝްވަރާކުރަނީ އެ ބިމުގެ ހުރިހާ ހައްގުތަކެއް ވެސް ވިއްކާލާ ފަރާތަށް ލިބޭ ގޮތަށް ކަމަށް ވެސް ވާހިދު ވިދާޅުވި އެވެ.
"ހުޅުމާލޭގައި ބިމަކީ ވެސް ވަރަށް އަގު ބޮޑު އެއްޗެއް. އެއީ އަޅުގަނޑުމެންގެ އަމިއްލަ ބިމެއް. އެ ބިމާ ވެސް އެކު ވިއްކާލަން މަޝްވަރާކުރެވެނީ. ހަމަ އެކަނި އެތާ ހަދާފައި ހުރި ތަނެއް ނޫން،" ވާހިދު ވިދާޅުވި އެވެ.
ތަފްސީލް - އެންސިސްއިން ރޭ ނެރުނު ބަޔާނެއްގައި ވެސް ބުނެފައި ވަނީ އެ ކުންފުނިން އެ ކޭނަރީ ޕްރޮފެޝަނަލް ފަރާތެއްލައްވައި އޮޑިޓްކޮށް ރަނގަޅު ވެލުއޭޝަނެއް ހަދާފައިވާ ކަމަށެވެ. އަދި އޭގައި އޮޅުވާލުމެއް ނޯންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.
ވާހިދު ވިދާޅުވި ގޮތުގައި:
-
އެ ކޭނަރީއަކީ ފަހުގެ ޒަމާނީ އާލާތްތަކާ އެކު ހަދާފައިވާ ވަގުތުން ބޭނުން ކުރެވޭ ރަނގަޅު ފެންވަރެއްގައި ހުރި ތަނެއް
-
އެ ކޭނަރީއާ އެކު ބޭރުގެ ސަޕްލައި ޗެއިންތަކަށް މަސްދަޅު ފޯރުކޮށްދޭން ހަދާފައިވާ ދިގު މުއްދަތުގެ އެގްރިމަންޓްތައް ވެސް ހިމެނޭ؛ އަދި ވިއްކާލާ ބަޔަކަށް ވިއްކާލަނީ އެ އެގްރިމަންޓްތަކާ އެކު
-
އެ ކޭނަރީގައި ތިބި ޓެކްނިކަލް މުވައްޒަފުން ވެސް އޭގެ ތެރޭ ހިމެނޭ
-
ވިޔަފާރީގެ ބްރޭންޑާއި އެތަނުން މުސްތަގުބަލުގައި ނެރެވިދާނޭ ފައިދާ ފަދަ ކަންކަމަށް ވެސް ވެލުއޭޝަންގައި ބަލާފައިވޭ
"ވަރަށް ގިނަ ކަންކަމަށް ބަލައިގެން ވެލުއޭޝަން ހަދަނީ. މިހާރު އެތަނުގެ ވެލިއުއޭޝަނާ ބެހޭ ގޮތުން ވާހަކަ ދައްކަނީ އެކަންކަން ނުބަލާ ހަގީގަތް އޮޅޭ ގޮތަށް،" ވާހިދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެ ކޭނަރީ ހަދަން އިންވެސްޓްކުރީ ޖަރުމަނުގެ ޑިވަލޮޕްމަންޓް ބޭންކުން 25 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ނަމަވެސް، އެތަން އެއްކޮށް ނިންމަން އިތުރަށް އިންވެސްޓްކުރަން ޖެހުނު ކަމަށެވެ. އަދި އެތަނަކީ ކޭނަރީގެ އިތުރުން އިތުރު ވަސީލަތްތައް ހިމެނޭ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ކަމެއް އަދި ފައިނަލެއް ނުވޭ. ވިއްކާ އަގެއް ވެސް. މި ދެއްކޭ ވާހަކަތަކަކީ ހަމައެކަނި މަޝްވަރާގައި އޮތް ކަންތައްތަކެއް،" ވާހިދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - އެންސިސްގެ ކޭނަރީއަކީ ދުވާލަކު 25-30 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ތަނެކެވެ. މީގެ އިތުރަށް އެ ތަނުގައި:
-
1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހިމެނޭ
-
1،000 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ހިމެނޭ
-
މަހުގެ އުކާލާ ބައިތަކުން ގަސްކާނާ ފަދަ ތަކެތި ތައްޔާރުކުރަން ފިޝްމީލް ޕްލާންޓެއް ހިމެނޭ
އެންސިސްގެ ކޭނަރީ 2023ގެ ފަހުކޮޅު ބަންދުކުރަން ޖެހުނީ އޭރު ރިޔާސީ އިންތިހާބާ ދިމާކޮށް މަހުގެ އަގު ކުއްލިއަކަށް ބޮޑުކުރުމުން އެ ކުންފުންޏަށް ގެއްލުންވާން ފެށުމުންނެވެ. އަދި އެކަމާ ގުޅިގެން 400 މީހުންގެ ވަޒީފާ ގެއްލުނެވެ. އޭގެ ތެރޭގައި 200 ދިވެހި މުވައްޒަފުން ވެސް ހިމެނެ އެވެ.
އެންސިސްއިން ރޭ ބުނީ އެ ކޭނަރީ ވިއްކާލަން ނުވަތަ ގުޅިގެން ހިންގުމަށް މަޝްވަރާކުރަނީ މިފްކޯއާ އެކަނި ނޫން ކަމަށާއި ޗައިނާ އަދި ސައުދީ އަރަބިއްޔާގެ ކުންފުނިތަކާ އެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް (4)
އައިޖޭ
މީހުން
މަޖަން
އަލިބެ...