މާލޭ ވިޔަފާރި ބަނދަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކުރީ ސަރުކާރުގައި ހިންގި 28 މިލިއަން ރުފިޔާގެ ތެލުގެ ހިޔާނާތުގެ ބައިވެރިން ހޯދުން އަވަސްކޮށްދޭން އެދިއްޖެ

މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލް އިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކަށް ޕިއުލް ސަޕްލައި މޯލްޑިވްސް އިން ވިއްކި ޑީސަލްގެ ތެރެއިން2018 ވަނަ އަހަރުން ފެށިގެން2020 ވަނަ އަހަރުގެ ނިޔަލަށް28 މިލިއަން ރުފިޔާގެ ޑީސަލް ވަނީ ހިޔާނާތުގެ ތެރެއިން ގެއްލިފައި

މާލޭ ކޮމާޝަލް ހާބަރުގެ ބޭނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ގަތް ތެލުގެ ތެރެއިން ބައެއް ގެއްލުނު މައްސަލާގައި ހިމެނޭ މީހުން ހޯދުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަދި ކޯޓުތަކުގައި އެދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓު (2020-2018) ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

އެ ރިޕޯޓު ފާސްވީ 69 މެންބަރުންގެ ވޯޓުންނެވެ.

ތަފްސީލް - އެމްޕީއެލްގެ ބޭނުންތަކަށް ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން، މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލް އިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކަށް ޕިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިއްކި ޑީސަލްގެ ތެރެއިން 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް 28 މިލިއަން ރުފިޔާގެ ޑީސަލް ވަނީ ހިޔާނާތުގެ ތެރެއިން ގެއްލިފަ އެވެ.

މީގެ ތެރޭ ހިމެނެނީ:

  • ޖެނެރޭޓަރުތައް ހިންގުމަށް ދޫކުރި ކަމަށް ރެކޯޑުކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 9.6 މިލިއަން ރުފިޔާގެ ޑީސަލް

  • ޓަގު ބޯޓުތައް އޮޕަރޭޓު ކުރުމަށް ދޫކުރި ކަމަށް ރެކޯޑުކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 18.5 މިލިއަން ރުފިޔާގެ ޑީސަލް

  • އާރުޖީޓީ ކްރޭންތަކަށް އެޅުމަށް ދޫކުރި ކަމަށް ރެކޯޑުކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 127،616ރ.ގެ ޑީސަލް

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން އެދިގެން އޮޑިޓް އޮފީހުން ހެދި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓަގު ބޯޓު އޮޕަރޭޓުކުރަން ދޫކުރި ޑީސަލްގެ ތެރެއިން ހުޅުމާލޭ ޖެޓީ ސަރަހައްދަށް ފޮނުވި 799،900 ލީޓަރު (7.2 މިލިއަން ރުފިޔާ)ގެ ޑީސަލް، އެމްޕީއެލްގެ ޓަގު ބޯޓުތަކަށް އަޅާފައެއް ނުވެ އެވެ. އެކަން، ޓަގު ބޯޓުތަކުގެ ކެޕްޓަނުން ވެސް އޮޑިޓަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން:

  • އެމްޕީއެލްގެ ޓަގު ބޯޓުތަކަށް ހުޅުމާލޭ ޖެޓީ ސަރަހައްދުން ތެޔޮ ނާޅާ ކަމަށް، ޓަގު ބޯޓުތަކުގެ ކެޕްޓަނުން އޮޑިޓަށް ވަނީ މައުލޫމާތު ދީފައި

  • ޓަގު ބޯޓެއް އޮޕަރޭޝަންގައި ބޭނުންނުކުރާ މުއްދަތުގައި ވެސް އެ ޓަބު ބޯޓަށް ހުޅުމާލޭ ޖެޓީ ސަރަހައްދުން ތެޔޮ ދޫކޮށްފައިވާ ކަމަށް އެފްއެސްއެމްގެ ޑެލިވަރީ ނޯޓުތަކުގައި ވަނީ ރިކޯޑުކޮށްފައި

  • ހުޅުމާލޭ ޖެޓީ ސަރަހައްދަށް ސަޕްލައިކުރި ޑީސަލްއާ ހަވާލުވި ކަމަށް އެމްޕީއެލްގެ ޕްރިކިއުމަންޓް ސްޓޯރުގެ އެސިސްޓެންޓް މެނޭޖަރު، ޑެލިވަރީ ނޯޓުތަކުގައި ސޮއިކުރި؛ އެ ސަރަހައްދުން އެމްޕީއެލްގެ ޓަގު ބޯޓުތަކަށް ޑީސަލް ދޫކުރި ކަމަށް އެފްއެސްއެމްގެ ޑްރައިވަރުން ޑެލިވަރީ ނޯޓުގައި ސޮއިކުރި

  • އެހެންކަމުން، މި ހިޔާނާތުގައި އެމްޕީއެލްގެ އިތުރުން އެފްއެސްއެމްގެ ބައެއް މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭކަން، އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި

ތެލުގެ ހިޔާނާތުގައި އެމްޕީއެލް ޕްރޮކިއުމަންޓުގެ ބޮޑު އަތެއް

އެ ހިޔާނާތް ހިންގުމުގައި އެމްޕީއެލްގެ ޕްރޮކިއުމަންޓް ސްޓޯރުން ބޮޑު ދައުރެއް އަދާކޮށްފައިވާކަން ވެސް އޮޑިޓުން ވަނީ ހާމަވެފަ އެވެ.

އެގޮތުން، އެ ކުންފުނީގެ އެކި ޔުނިޓުތަކަށް ބޭނުންވާ ޑީސަލް ހޯދަން 2018 އިން 2020ގެ ނޮވެމްބަރާ ހަމައަށް، ޕްރޮކިއުމަންޓް ސްޓޯރަށް ފޮނުވާ ރިކުއެސްޓު ފޯމުތަކުން ކޮޕީ ފޯމުތައް ހަދައި ސޮއި ފޯޖުކޮށް އަދި ތާރީހު ބަދަލުކުރުމަށް ފަހު ތައްޔާރުކޮށްފައިވާ، 13.2 މިލިއަން ރުފިޔާގެ ނުވަތަ 1.40 މިލިއަން ލީޓަރުގެ ތެޔޮ ހިމެނޭ ފޯޖުކޮށްފައިވާ ފޯމުތައް އެ ހިޔާނާތުގައި ވަނީ ބޭނުންކޮށްފަ އެވެ. އަދި އެމްޕީއެލްގެ ޔުނިޓުތަކުން ތެޔޮ ހޯދަން އެޑްވާންސްކޮށް ފޮނުވާ ފޯމުތަކުގެ ތެރެއިން ބައެއް ފޯމުތައް ވެސް ބޭނުންކޮށްފައިވެ އެވެ.

އެމްޕީއެލް އިން ގަންނަ ތެޔޮ ދޫކުރާ ތާރީހާއި އުޅަނދާއި އެ ނޫން މުހިންމު މައުލޫމާތު އެ ކުންފުނީގެ އެކައުންޓިން ސިސްޓަމަށް އަޅަނީ، ރިކުއެސްޓު ފޯމުތަކުގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެންނެވެ.

އެހެންކަމުން، ރިކުއެސްޓް ފޯމުތައް ފޯޖުކޮށް، ސައްހަ ނޫން މައުލޫމާތު އެކައުންޓިން ސިސްޓަމްގައި ރިކޯޑުކޮށްފައިވަނީ، އެ ކުންފުނިން ގަންނަ ތެލުން ބައެއް ބާކީ ނުކުރާ ކަމާއި ގަންނަ ހުރިހާ ތެލެއް، ކުންފުނީގެ ބޭނުމަށް ދޫކޮށްފައިވާކަން އޮޅުވާލައިގެން ދެއްކުމަށް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތަށް ދޮގު މައުލޫމާތު ރިކޯޑު ކުރީ، ތަކުރާރުކޮށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން ޑީސަލް ގަނެ، އޭގެ ތެރެއިން ބައެއް ނާޖާއިޒު ގޮތުގައި އެހެން މީހުންނަށް ސަޕްލައި ކުރަން މަގުފަހިކުރުމަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް އިތުރު ކަންކަން:

  • އެމްޕީއެލް އިން އެފްއެސްއެމްއަށް ފޮނުވާ ބަލްކް ޕާޗޭސް އޯޑަރުގެ ދަށުން، އެކި ފަހަރު މަތިން ބޭނުންވާ ޑީސަލްގެ މިންވަރާއި ފޮނުވަންވީ ތަން ލިޔެކިޔުމުން އެންގުމުގެ ބަދަލުގައި ހަމަޖައްސާފައިވަނީ ފޯނުން އަންގާ ގޮތަށް

  • 2021އާ އަޅާބަލާއިރު 2020ގައި އެމްޕީއެލް އިން ގަތް ޑީސަލްގެ މިންވަރު %59 އިތުރު؛ ނަމަވެސް މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަނަށް ބަލާއިރު، ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރަކީ ނިސްބަތުން ބަލާއިރު މިދިޔަ އަހަރަށް ވުރެ ބަނދަރުގެ އޮޕަރޭޝަންތައް ކުޑަ އަހަރެއް

  • އެމްޕީއެލް އިން ޖަނަރޭޓަރު ހިންގަން ތެޔޮ ބޭނުންކުރާ ގޮތް ބަލަން 2019ގައި ހެދި އެތެރޭގެ އޮޑިޓުން، އެ ކުންފުންޏަށް ގަންނަ ތެލުން ބައެއް ގެއްލޭކަން ފާހަގަވި؛ ނަމަވެސް ބަޖެޓު ތައްޔާރުކުރުމުގައި އޮޕަރޭޝަންތަކަށް ބޭނުންވާ ތެލުގެ ހަގީގީ އަދަދު ބަލައި އަހަރުން އަހަރަށް ބޭނުންވާ ތެލުގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ނުކުރޭ

އޮޑިޓުން ދިން ބައެއް ލަފާތައް

މި ހިޔާނާތުގައި އެމްޕީއެލްގެ އިތުރުން އެފްއެސްއެމް އިން ބައިވެރިވި މުވައްޒަފުން ހޯދައި ފިޔަވަޅު އެޅުމަށް ތަހުގީގު ކުރުމަށް އޭސީސީ އާއި ފުލުހުންނަށް އެ އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ. އޭގެ އިތުރުން ލަފާދިން ބައެއް ކަންތައްތަކަކީ:

  • އެމްޕީއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު، ހިޔާނާތުގައި ބައިވެރިވި މީހުންގެ ފަރާތުން ހޯދަން

  • ސައްހަ ނޫން ރިކުއެސްޓު ފޯމު ހަދާ މީހުން ހޯދައި ތަހުގީގުކުރަން ފުލުހަށް ހުށަހެޅުން

  • އެމްޕީއެލް އިން އެފްއެސްއެމްއަށް ފޮނުވާ ޕާޗޭސް އޯޑާތަކުގައި ބަޔާންކޮށްފައިވާ ތެޔޮ ފޮނުވަންވީ ތަނާއި އަދަދަށް ބަދަލު ގެންނަ ނަމަ، ބަދަލު ގެންނަން ބޭނުންވާ ފަރާތާއި ހުއްދި ދިން ފަރާތް އެނގޭ ގޮތަށް ލިޔުން ތައްޔާރުކުރުން

  • ބަޖެޓު ތައްޔާރުކުރުމުގެ ކުރިން އެމްޕީއެލްގެ ޔުނިޓުތަކުން ފިއުލް ކޮންސަމްޕްޝަން (ތެޔޮ ހޭދަވާ މިންވަރު)ގެ ރިޕޯޓުތައް ހޯދައި ކުރިއަށް އޮތް އަހަރަށް ބަޖެޓު ތައްޔާރުކުރާއިރު އެ ރިޕޯޓުތަކަށް ރިއާޔަތް ކުރުން

މި ރިޕޯޓާ ގުޅިގެން މާލިއްޔަތު ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމުން ވެސް މިއަދު ފާސްކޮށްފައިވަނީ:

  • މި މުއާމަލާތްތަކުގައި އެމްޕީއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު، ހިޔާނާތުގައި ބައިވެރިވި ފަރާތްތަކުން ހޯދުުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ޕީޖީ އަށާއި ކޯޓުތަކަށް އަންގާ، މަސައްކަތް ކުރިއަށްދާ ގޮތުގެ ރިޕޯޓު، މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުމަށް އެންގުމަށް

  • ގާނޫނާއި ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައް ކުރިމަގުގައި ތަކުރާރު ނުވާނެ ގޮތަށް އިސްލާހު ކުރުމަށް އޮޑިޓަ ޖެނެރަލް ލަފާދީފައިވާ ގޮތަށް އިސްލާހު ކުރުމަށް އެމްޕީއެލްއަށް އެންގުމަށް

  • ތެޔޮ އުފުލާ އުޅަނދުފަހަރު މޮނީޓާކުރުމަށް ބޯޓުފަހަރުގައި ކެމެރާ ހަރުކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި ތެޔޮ ދޫކުރުމަށް ބޭނުންކުރާ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް ޑިޖިޓަލައިޒްކޮށް، ލައިވް ރިޕޯޓު ނެގޭނެ ގޮތް ހަދަން އެފްއެސްއެމްއަށް އެންގުން

  • އެފްއެސްއެމް އިން ތެޔޮ ވިއްކުމާއި ގަތުމުގެ މުއާމަލާތްތައް ބަލައި އެއްވެސް ކަމެއް ގޯސްކޮށް ހިނގާފައިވޭތޯ ބަލައި އެ ކުންފުނީގެ ރިސްކު މެނޭޖުމެންޓު ޕްރޮސެސް، އިންޓާނަލް އޮޑިޓް އަދި އިންޓާނަލް ކޮންޓްރޯލް ޕްރޮސެސް ހިމެނޭހެން ގާއިމްވެފައިވޭތޯ އާއި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންތައް ހުރިތޯ ބަލާ އެ ކުންފުނީގެ ހުރިހާ މާލީ މުއާމަލާތެއް ހިންގާފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބަލައި އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓު އޮފީހުގައި އެދުމަށް

  • ތެޔޮ އުފުލާ އުޅަނދުފަހަރުތަކުން އޮފް ޝޯ އަދި ސަލްވޭޖު އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ފޯރުކޮށްދިނުމަށް މާލޭ ސަރަހައްދުން އުޅަނދުފަހަރު ބޭރުވުމަށްފަހު ނުވަތަ ވަކި ދުރުމިނެއް ފަހަނައަޅާ ދިއުމަށް ފަހު، އެ އުޅަނދުތައް މޮނީޓާކުރުމަށް ބޭނުންވާ އޮޓޮމެޓިކް އައިޑެންޓިިފިކޭޝަން ސިސްޓަމްތައް އެމްޕީއެލްގެ އުޅަނދުތަކުގައި ގާއިމް ކުރުމަށް އެ ކުންފުންޏަށް އެންގުމަށް



ކޮމެންޓް (1)

މުހައްމަދު

11 އޯގަސްޓު 2025
މަޖިލިސް ރިޕޯޓުގައި އޮތީ ހިޔާނާތުގެ ބައިވެރިން ހޯދާކަށް ނޫން. ގެއްލުމުގެ ބަދަލު އެމީހުންގެ އަތުން ހޯދުން އަވަސްކުރަން. ރަނގަޅަށް ބަލާލަށްވާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް