ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން ތިބިއިރު، ކާގޯ ބޯޓެއް ދަތުރުކުރަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓޫރިޒަމް

ޖީޑީޕީއަށް %1ގެ ކުރިއެރުމެއް؛ އިގްތިސާދީ ދުވެލި ދަށަށް ދަނީ

އިގްތިސާދީ ދުވެލި މަހުން މަހަށް ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާއަށް އަންނަމުންދާ ބަދަލުތައް

ރާއްޖޭގެ އިގްތިސާދުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަނީ ކޮން މަންޒަރެއް ހެއްޔެވެ؟ 

ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެންމެ ފަހުން ނެރެފައިވާ ރާއްޖޭގެ ރިއަލް ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ ތަފާސްހިސާބުތަކުގައި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިގްތިސާދީ ދުވެއްޔަށް އައިސްފައިވާ ބަދަލުތައް ސާފުވެ އެވެ.

ތިން ވަނަ ކުއާޓަރު ނުވަތަ މިދިޔަ މާޗު މަސް ނިމުނު އިރު، ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީީޕީ ކުރިއަރާ މިންވަރަށް ވަނީ މަޑިޖެހުމެއް އައިސްފަ އެވެ. ރިއަލް ޖީޑީޕީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން:

  • ފެބުރުއަރީ މަހާ އަޅާބަލާއިރު މާޗު މަހު އުފެއްދުންތެރިކަން ވަނީ ކުރީ މަހާ އަޅާބަލާއިރު %3.6 ވަނީ ދަށްވެފައިވެ 

  • ނަމަވެސް ޖެނުއަރީ މަހު އުފެއްދުންތެރިކަމުގެ ކުރިއެރުން ޑިސެމްބަރަށް ވުރެ %2.6 ކުރިއަށް ޖެހުނު

  • ނަމަވެސް، ފެބުރުއަރީން ފެށިގެން އިގްތިސާދީ ދުވެލި މަހުން މަހަށް ވަނީ ދަށަށް ދާން ފަށާފައި 

  • ޖެނުއަރީއާ އަޅާބަލާއިރު ފެބުރުއަރީގައި %3.2 އިގްތިސާދީ ދުވެލި ދަށަށް ދިޔަ

ކުޑަ ޕިކަޕަކަށް ފިޔާ ބަރުކޮށްގެން މާލެ އުތުރު ބަނދަރުގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން) 

މާޗު މަހު ރާއްޖޭގެ ރިއަލް ޖީޑީޕީއަށް އިތުރުވީ 8.9 ބިލިއަން ރުފިޔާ އެވެ. އެކަމަކު، ޖެނުއަރީގައި ޖީޑީޕީއަށް 9.5 ބިލިއަން ރުފިޔާ އިތުރުވި އެވެ. އެހެންކަމުން، މާޗު މަހު އިތުރުވި އަދަދަކީ 691 މިލިއަން ރުފިޔާ މަދު އަދަދެކެވެ. 

މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ރިއަލް ޖީޑީޕީއަށް ވަނީ 27.6 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު %1ގެ އިތުރުވުމެކެވެ.

އަހަރުން އަހަރަށް ބަލާއިރު ކުރިއެރުމެއް

މަހުން މަހަށް އުފެއްދުންތެރިކަން ދަށްވަމުން ދިޔަ ނަމަވެސް، މާޗު 2024އާ އަޅާބަލާއިރު އުފެއްދުންތެރިކަން ވަނީ %0.4ގައި ކުރިއަރައިފަ އެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ނިމުނު އިރު ރިއަލް ޖީޑީޕީ ހުރީ 101.8 މިލިއަން ރުފިޔާގަ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %5.1ގެ ކުރިއެރުމެކެވެ.

ބާޒާރުމަތީގައި ބަޔަކު މީހުން ވިޔަފާރިކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޓޫރިޒަމްގެ ސިނާއަތަށް ހީނަރުކަން

ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާއެއް ވެފައި ވަނީ ދައުލަތުގެ އިދާރާތަކުގެ ހިދުމަތް ދިނުމުގެ ދާއިރާ ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ސިނާއަތެވެ. އެ ސިނާއަތަށް %1.4 ކުރިއެރުމެއް ވަނީ އައިސްފަ އެވެ. ދެވަނައަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ރިއަލް އެސްޓޭޓްގެ ހަރަކާތްތަކުން %0.8 އެވެ. އަދި އިންސާނީ ވަސީލަތާއި ސިއްހީ ދާއިރާ އަދި އިޖްތިމާއީ މަސައްކަތުގެ ސިނާއަތުން %0.4 ކުރިއެރުމެއް ހޯދާފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ދެ ފަތުރުވެރިޔަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފެބުރުއަރީއަށް ވުރެ މާޗު މަހުގެ ކުރިއެރުން ދަށަށް ދިޔަ ސަބަބަކީ ބައެއް މުހިއްމު ސިނާއަތްތަކުގެ ހަރަކާތްތައް ދަށްވުމުންނެވެ. އެގޮތުން:

  • އެންމެ ބޮޑަށް ދަށަށް ދިޔައީ މަސްވެރިކަމުގެ ސިނާއަތް؛ އެ ސިނާއަތަށް %1.3 ގެ ހީނަރުކަމެއް ވަނީ އައިސްފައި 

  • އިމާރާތް ކުރުމުގެ ސިނާއަތާއި އުފެއްދުންތެރިކަމުގެ ސިނާއަތުން %0.3ގެ ދަށްވުމެއް ވަނީ އައިސްފައި 

އެންމެ ފާހަގަކުރެވޭ ކަމަކީ، ޖީޑީޕީގައި އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓޫރިޒަމް ނުވަތަ އެކޮމޮޑޭޝަނާއި ކާބޯތަކެތި ވިއްކުމުގެ ދާއިރާއަށް މާޗު މަހު ދަށްވުމެއް އައިސްފައިވުމެވެ. އެގޮތުން: 

  • ފެބުރުއަރީ މަހާ އަޅާބަލާއިރު މާޗު މަހު ވަނީ %1ގެ ދަށްވުމެއް އައިސްފައި

  • މިދިޔަ އަހަރާ އަޅާބަލާއިރު %4.6ގެ ދަށްވުމެއް އައިސްފައިވޭ 

މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މާޗު މަހު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު މަދުވެފައިވާތީ އެވެ. 

ހުޅުމާލޭގެ ފޭސް 2ގައި އަޅަމުންދާ އިމާރާތްތަކެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތަށް ކުރިއެރުން؛ އިމާރާތް ކުރުން ދަށަށް

ދަތުރުފަތުރާއި މުވާސަލާތީ ސިނާއަތުން ވަނީ ކުރިއެރުން ލިބިފަ އެވެ. އެ ސިނާއަތަށް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %0.6 އިތުރުވެފަ އެވެ. އަދި ފެބުރުއަރީއާ އަޅާބަލާއިރު މާޗުގައި %0.3ގެ ކުރިއެރުން ވަނީ ލިބިފަ އެވެ. 

މާލީ ހިދުމަތްތަކުގެ ދާއިރާއަށް ވެސް ވަނީ ކުރިއެރުންތަކެއް ލިބިފަ އެވެ. އަހަރުން އަހަރަށް %2.9ގެ ކުރިއެރުމެއް އެ ދާއިރާއިން ހޯދާފައިވާއިރު، މަހުން މަހަށް %2.2 ކުރިއެރުމެއް ވަނީ ހޯދާފަ އެވެ.

އިމާރާތް ކުރުމުގެ ސިނާއަތުގެ ކުރިއެރުން، މިދިޔަ މާޗު މަހު ހުރީ 294 މިލިއަން ރުފިޔާގަ އެވެ. މިއީ ފެބްރުއަރީ މަހާ އަޅާބަލާއިރު %30.3ގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު މިއީ %9.5ގެ ދަށްވުމެކެވެ.

މި ދަށްވުމުގެ ސަބަބަކީ އިމާރާތް ކުރަން ބޭނުންކުރާ ތަކެތި އެތެރެކުރާ މިންވަރު ދަށްވުމެވެ. 

ކޮމެންޓް (1)

ތެފައާސާ.

10 ޖުލައި 2025
އުފެއްދުންތެރިކަމެއް އިގްތިސާދެއް ޖީޑީޕީއެއް ބަލާނެކަމެއް ނެތް، މި ސަރުކާރު ވެރިކަމަށް އައީ އަރަބިން ކައިގެންތިބިއްޔާ ދިވެހިންވެސް ތިބޭނީ ކައިގެންނޭ ކިޔައިގެން. މައްސަލައަކީ އަރަބިން ކައިގެން އެތިބެނީ ތެޔޮވަޅުން، އަހަރެމެން ކައިގެން މިތިބެނީ ދަރާ ވިކިގެން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް