ކެޓްރީނާ ކެއިފް.

ކެޓްރީނާ ކައިފް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ބޮލީވުޑްގެ ތަރި ކެޓްރީނާ ހަމަޖައްސައިފި

އެމްއެމްޕީއާރުސީން ބުނީ 'ސަނީ ސައިޑް އޮފް ލައިފް'ގެ ގްލޯބަލް އެމްބެސެޑަރަކަށް ކެޓްރީނާ ހަމަޖައްސައި އޭނާއާ އެކު މަސައްކަތް ކުރާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ހިތްގައިމު ދިރުންތައް އަދި މަތީ ފަންތީގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކަމަށް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ގްލޯބަލް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކެއިފް ހަމަޖައްސައިފި އެވެ

ތަފްސީލް - އެމްއެމްޕީއާރުސީން މިއަދު ބުނީ، 'ސަނީ ސައިޑް އޮފް ލައިފް'ގެ ގްލޯބަލް އެމްބެސެޑަރަކަށް ކެޓްރީނާ ހަމަޖައްސައި އޭނާއާ އެކު މަސައްކަތް ކުރާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ހިތްގައިމު ދިރުންތައް އަދި މަތީފަންތީގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކަމަށެވެ.

ކެޓްރީނާ އަކީ ބޮލީވުޑްގެ ބްލޮކްބަސްޓާ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. މީގެ އިތުރުން، އިންޑިއާގެ ބިޔުޓީ ބްރޭންޑް ނައިކާއާ ގުޅިގެން އޭނާގެ އަމިއްލަ މޭކްއަޕް ބްރޭންޑެއްގެ ވިޔަފާރި ވެސް ކުރެ އެވެ.

އެމްއެމްޕީއާރުސީން ބުނީ، ސަނީ ސައިޑް އޮފް ލައިފްގެ އެމްބެސެޑަރަކަށް ކެޓްރީނާ ހަމަޖެއްސީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތިބޭ އޭނާގެ ފޭނުންނަށް ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރިހަމަ ތަޖުރިބާ ދައްކައިދިނުމަށް ކަމަށެވެ.

ބުނީ ކީކޭ؟ - މި ޕާޓްނާޝިޕާ ގުޅޭ ގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ ދުނިޔޭގެ މުހިއްމު މާކެޓްތަކުގައި ސަމާ ސޭލް ޕްރޮމޯޝަން ފަށާއިރު، ކެޓްރީނާގެ ކެރެކްޓާ އާއި އޭނާގެ ފޭނުންނާ އެކު ބާއްވާ ގާތް ގުޅުމާ އެކު ކެޓްރީނާ އަކީ މި ކެމްޕެއިން ފުރިހަމަކޮށްދޭނެ އެމްބެސެޑަރަކަށް ވާނެ ކަމަށެވެ.

ކެޓްރީނާ ވަނީ އެކި ފަހަރުމަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. މީގެ އިތުރުން އިންޑިއާގެ އެކި މަޖައްލާތަކުގެ ކެމްޕެއިންތަކަށް ފޮޓޯ ނެގުމަށް ވެސް ރާއްޖެ އައިސްފައިވެ އެވެ.

ސަމާ ސޭލް ކެމްޕޭނުގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކާއި ބުޓީކް ގެސްޓްހައުސްތައް އަދި އާއިލާތައް އެކުގައި ޗުއްޓީ ހޭދަކޮށްލަން އެންމެ ފުރިހަމަ ތަންތަން އިޝްތިހާރު ކުރާނެ އެވެ.

 މި ކެމްޕޭނު ކުރިއަށް ގެންދާނީ:

  • އިނިގިރޭސިވިލާތް

  • ރަޝިއާ

  • އިޓަލީ

  • ޕޮލެންޑް

  • ސްޕެއިން

  • އިންޑިއާ

މި ކެމްޕެއިންގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުން ހަރުދަނާކޮށް، މި އަހަރުގެ ހޫނު މޫސުމުގައި އަދި އޭގެ ފަހުން ވެސް ބުކިންތައް އިތުރުކުރުން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް