އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަނީ (ފޮޓޯ/ކިޔުންތެރިއެއް)
އާ ޓާމިނަލަށް ފުރަތަމަ 10 އެއާލައިން؛ ފަށާނީ ތިން އެއިރޯބްރިޖާ އެކު
މުހިންމު ނުކުތާތައް
26 ޖުލައިން ފެށިގެން އޮގަސްޓް މެދާ ހަމައަށް އާ ޓާމިނަލް ބޭނުންކުރާނީ ހަމައެކަނި ގައުމީ އެއާލައިނުން
ފުރަތަމަ ހިދުމަތް ދެނީ މިހާރު އޮޕަރޭޓްކުރާ ތަންކޮޅެއް ކުދި އެއާލައިންތަކަށް
ސެޕްޓެމްބަރު މަހު ހުރިހާ އެއާލައިނަކުން ވެސް ބޭނުންކުރާނީ އާ ޓާމިނަލް ކަަމަށް ލަފާކުރޭ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް 26 ޖުލައިގައި ހުޅުވާނީ ތިން އެއިރޯބްރިޖު ބޭނުންކުރެވޭ ގޮތަށް އަދި ގިނަ ވަސީލަތްތަކާ އެކު ކަމަށް، އެމްއޭސީއެލް އާއި އާ ޓާމިނަލް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ބޭރުގެ ކުންފުނިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އާ ޓާމިނަލް އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނައިރު، އެކަމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރަން އެމްއޭސީއެލްއިން އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. މި ބައްދަލުންތަކުގައި އާ ޓާމިނަލްގެ އޮޕަރޭޝަންްއާ ބެހޭ ގޮތުން މައިގަނޑު މައުލޫމާތު ދެނީ އެކަމަށް ހޮވާފައިވާ މޮޑަލިސް އިންފްރާސްޓްރަކްޗާ ޕާޓްނާސްއިންނެވެ.
މިއަދުގެ ބައްދަލުވުން ބޭއްވީ ކޮމާޝަލީ އިމްޕޯޓަންޓް ޕާސަން (ސީއައިޕީ)ގެ ހިދުމަތްތައް ހޯދަން އެމްއޭސީއެލްއާ އެކު ކޮންޓްރެކްޓު ހަދާފައިވާ ބައެއް ރިސޯޓްތަކާއި އެއާޕޯޓް ބައެއް ރެޕުންނާ އެކުގަ އެވެ.
ބުނީ ކީކޭ؟ - މިއަދުގެ ބައްދަލުވުމުގެ އޯޑިއޯ ރެކޯޑިންއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ. އެ ބައްދަލުވުން ފައްޓަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ އާ ޓާމިނަލާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދައުރުވަމުން އަންނަ ކަމަށެވެ. އެގޮތުން، ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކު އޭނާއަށް ފޮނުވި މެސެޖަކަށް އިޝާރާތްކުރެއްވި އެވެ. އެ މެސެޖްގައި ބުނެފައިވާ ބައެއް ވާހަކަތަކަކީ:
-
އާ ޓާމިނަލް ހުޅުވާނީ އެންމެ އެއިރޯބްރިޖަކާ އެކު
-
ފުރަތަމަ ހުޅުވާނީ އާ ޓާމިނަލްގެ ބައެއް
-
އާ ޓާމިނަލް ފުރަތަމަ ބޭނުންކުރާނީ ހަމައެކަނި ފުރާ މީހުން
-
ހިދުމަތް ފަށަން މަޝްވަރާ ކުރަމުން އަންނަނީ ވަރަށް މަދު، ބަޖެޓު އެއާލައިންތަކާ އެކު
ތަފްސީލު - އާ ޓާމިނަލާ ބެހޭ ގޮތުން ދައުރުވާ އެފަދަ ވާހަކަތަކުގެ ހަގީގަތް ސާފުކޮށްދެއްވީ ވީއައިއޭގެ އޮޕަރޭޝަނަލް ރެޑިނެސް އެންޑް އެއާޕޯޓް ޓްރާންސިޝަން (އޯރެޓް) މަސައްކަތްތަކުގެ ޕްރޮޖެކްޓް މެނޭޖަރު ރޮބް ވިލިއަމްސް އެވެ. މިފަދަ މަޝްރޫއުތަކުގެ ތަޖުރިބާ ހުރި ރޮބްއަކީ މޮޑަލިސް އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްސްގެ މުވައްޒަފެކެވެ.
"ކޮންޓްރެކްޓަރު އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ދޭ 26 ޖުލައިއަށް ގިނަ ފެސިލިޓީތައް ލިބޭނެ ކަމަށް،" ރޮބް ވިދާޅުވި އެވެ.
"އެހެންވީމަ އެންމެ އެއިރޯބްރިޖެއް ނޫން. މަދުވެގެން ތިން އެއިރޯބްރިޖު ބޭނުން ކުރެވޭނެ. ބާކީ ހަ ބްރިޖު ވެސް ހުންނަން ވާނީ ނިމިފައި. އެކަމަކު ފަހަރެއްގައި މުޅިން ޓެސްޓު ނުކޮށް ހުރެދާނެ."
ޓާމިނަލް ހަދަމުން އަންނަނީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުންނެވެ.
ރޮބް ވިދާޅުވީ ހުރިހާ ވަސީލަތްތައް ހުންނާނީ ރަނގަޅަށް ކަމަށް ކޮންޓްރެކްޓަރު ބުނާ ބަހަށް މުޅިން ބަރޯސާ ވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ކޮންޓްރެކްޓަރު އެ ޔަގީންކަން ދިން ނަމަވެސް އޮޕަރޭޝަނަލް ޓްރަޔަލްއެއް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ. އާ ޓާމިނަލްގެ ވަސީލަތްތައް ލިބުމާ އެކު އެ މަރުހަލާ ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޮބްގެ ވާހަކަތަކާ ގުޅުވައިގެން ޝަރީފް ވިދާޅުވީ އާ ޓާމިނަލްގެ މައި ކޮންޓްރެކްޓަރުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޓާމިނަލް ކަމަށާއި އޭގެ ތެރޭގައި ޓާމިނަލްގެ ކޮމާޝަލް ބައި ނުހިމެނޭނެ ކަމަށެވެ.
"މައި ކޮންޓްރެކްޓަރުގެ މަސައްކަތްތައް ކުރަމުން އަންނައިރު، އެހެން އެއްވެސް ކޮންޓްރެކްޓަރަކަށް ހުއްދައެއް ނުދޭ އެ ތަނަށް ވަންނަން. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން. އެކަމަކު މައި ކޮންޓްރެކްޓަރާ މިދިޔަ މަހު މަޝްވަރާކޮށްގެން، ކޮމާޝަލް ބައިގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު މިހާރު ގެނެވިއްޖެ،" ޝަރީފް ވިދާޅުވި އެވެ.
އެހެންކަމުން ލައުންޖުތަކާއި އެފްއެންބީ އައުޓްލެޓްތަކާއި ޑިއުޓީ ފްރީ ފުރަތަމަ ހުޅުވާލާނީ، އޭނާ ވިދާޅުވި ގޮތުގައި، ކޮންމެހެން ބޭނުންވާ މިންވަރަށެވެ. އަދި ހުޅުވާ ތަންތަނުގެ އަދަދު ބިނާވާނީ އެއާލައިންތަކުގެ ޓްރާންސްފާ ޕްރޮސެސްއަށެވެ.
ފުރަތަމަ ހުޅުވާއިރު ހިދުމަތް ދޭ އެއާލައިންތައް
އާ ޓާމިނަލަށް އެއާލައިންތަކުގެ އޮޕަރޭޝަން ބަދަލުކުރުން ބަހާލާފައިވަނީ މައިގަނޑު ދެ ފިޔަވައްސަކަށެވެ. ރޮބް ވިދާޅުވީ ޖުލައި އާއި އޮގަސްޓުގައި ކުރިއަށްގެންދާ ފުރަތަމަ ފިޔަވަހީގައި އާ ޓާމިނަލަށް އޮޕަރޭޝަންތައް ބަދަލުކުރާނީ ގިނަ ފެސިލިޓީތަކުގެ ބޭނުން ނުކުރާ، ކުދި އެއާލައިންތައް ކަމަށެވެ. އެއީ، ތަފާސްހިސާބުތަކަށް ބަލާއިރު، އޮޕަރޭޓުކުރާ ފްލައިޓްތަކުގެ ތިންބައިކުޅަ އެއް ބައި އަދި އެއާޕޯޓުން ލަފާފުރާ ފަސިންޖަރުންގެ %12 އެވެ.
ފުރަތަމަ ފިޔަވަހީގައި އާ ޓާމިނަލަށް ބަދަލުކުރާނެ ކަމަށް، އެ ބައްދަލުވުމުގައި ހިއްސާކުރި ޕްރެޒެންޓޭޝަންގައި ބަޔާންކޮށްފައިވާ އެއާލައިންތަކަކީ:
-
މޯލްޑިވިއަން
-
ޗޮންޖިން އެއާލައިންސް
-
ބިއޯންޑް
-
ޒައިމެން އެއާ
-
އޮމާން އެއާ
-
ފިޓްސް އޭވިއޭޝަން
-
ޔޫއެސް ބަންގްލާ އެއާލައިންސް
-
އެއާ އެރޭބިއާ
-
ބެންކޮކް އެއާވޭސް
-
ބެޓިކް އެއާ
އާ ޓާމިނަލްގެ އޮޕަރޭޝަންތައް މޯލްޑިވިއަންއާ އެކު ފަށާއިރު، ފުރަތަމަ މަރުހަލާގައި ހިމެނޭ އިތުރު އެއާލައިންތައް ބަދަލުކުރެވޭނެ ކަމަށް ލަފާކުރަނީ އޮގަސްޓު މެދު ތެރޭގަ އެވެ.
އިތުރު ޓެސްޓިން މަރުހަލާތަކާއި ކޮމާޝަލް ތަންތަނާއި ލައުންޖުތައް އެއްކޮށް ހުޅުވަން ތައްޔާރުކޮށް، ބާކީ ހުރި ހުރިހާ އެއާލައިންތައް ދެ ވަނަ ފިޔަވަހީގެ ދަށުން ބަދަލުކުރަން ފަށާނީ ސެޕްޓެމްބަރުގަ އެވެ. އުންމީދަކީ، ރޮބް ވިދާޅުވި ގޮތުގައި، މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް ހުރިހާ އެއާލައިންތަކުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުވުމެވެ.
އެގޮތަށް ދެ މަރުހަލާއަކަށް ބަހާލައިގެން އެއާލައިންތައް ބަދަލުކުރުމުގެ ކަންކަން ކުރިއަށްގެންދިޔަ ނަމަވެސް، ފުރަތަމަ އާ ޓާމިނަލް ހުޅުވާލާއިރު ވެސް ޓާމިނަލްގެ ހުރިހާ ހިދުމަތްތައް ބަރާބަރަށް ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލްއިން ވަނީ ދީފަ އެވެ.
ވީއައިއޭގެ އާ ޓާމިނަލް:
-
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
-
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
-
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
-
457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
-
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
-
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
-
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް
ކޮމެންޓް (1)
ނަމަކި