އެކްސްޕޯ މޯލްޑިވްސްއަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް: މިއީ ދިވެހި ވިޔަފާރިތަކާއި ހުނަރުވެރިން އަދި ފަންނުވެރިން އެއްތަނެއްގައި ބައިވެރިވާ އެންމެ ބޮޑު ހަރަކާތް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސެންޓްރަލް ޕާކް

ހުޅުމާލެ ސެންޓްރަލް ޕާކަށް ފަންނުވެރިންގެ އީދެއް

މިއަދު ހަވީރު ފަށާ މޯލްޑިވްސް އެކްސްޕޯގައި 300 އަށް ވުރެ ގިނަ ފަންނުވެރިން އެމީހުންގެ ހުނަރު ދައްކާލުކަށް 4،000 އާ ގާތްކުރާ އުފެއްދުން ބައިވެރިކޮށްފައިވޭ

ހުޅުމާލެ މުޅި ސެންޓްރަލް ޕާކުގެ އެކި ސަރަހައްދުތަކުގައި އެ ހުރީ ބޮޑެތި ޓެންޓްތައް ޖަހައިފަ އެވެ. ކުދި ސްޓޯލްތައް ހަދައިފަ އެވެ. ކުލަ ބޮކި ދިއްލައި ނަލަކޮށްފަ އެވެ. އެންމެން ވެސް އަވަދި ނެތި ދިޔައީ ބޮޑު ހަރަކާތަކަށް ތައްޔާރުވަމުންނެވެ.

މިއީ މިއަދު ހަވީރު ރަސްމީކޮށް ހުޅުވާ މޯލްޑިވްސް އެކްސްޕޯ 2025 އަށް ތައްޔާރުވުމަށް ކުރަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތަކެވެ. މިއީ ދިވެހި ފަންނުވެރިން ބައިވެރިވާ ބޮޑު އީދެކެވެ. އެންމެ ބޮޑު އެއްވުމެވެ. 

300އަށް ވުރެ ގިނަ ފަންނުވެރިން

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ އެކްސްޕޯ މޯލްޑިވްސްގައި 300 އަށް ވުރެ ގިނަ ފަންނުވެރިން އެމީހުންގެ ހުނަރު ދައްކާލުކަށް 4،000 އާ ގާތްކުރާ އަދަދަކަށް އުފެއްދުންތައް ބައިވެރިކޮށްފައިވެ އެވެ.

އެކްސްޕޯ މިމަހުގެ ނިޔަލަށް

މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށް ދާނެ އެވެ.

ގާތްގަނޑަކަށް 6 އަހަރަށް ފަހު ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މައުރަޒު ރާވާފައިވަނީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ ޑިވެލޮޕްމެންޓު ޕްލޭނާ އެއްގޮތަށެވެ. 

ބީސީސީ އިން ބުނީ އެކްސްޕޯ ކުރިއަށް ގެންދަން ގަސްތުކޮށްފައިވަނީ ނަގުދު ފައިސާއިން ވިޔަފާރިނުކޮށް ކޭޝްލެސްކޮށް ކަމަށެވެ.

އެކި ސަހަރުތަކެއް

އެކްސްޕޯގައި ޑިޖިޓަލް އެންޑް އިނޮވޭޝަން ޑިސްޓްރިކްޓެއްގެ އިތުރުން ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓަކާއި މުނިފޫހިފިލުވުމަށް ހާއްސަ އެކި ހަރަކާތްތައް ހިމެނޭ އެންޓަޓެއިންމެންޓް ޑިސްޓްރިކްޓެއް ވެސް ހުންނާނެ އެވެ.

މީގެ އިތުރުން ވިޔަފާރިވެރިންނަށް އެމީހުން އުފައްދާ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ލިބޭ މާކެޓު ޕްލޭސް އެއް ވެސް މި އެކްސްޕޯގައި ހިމެނެ އެވެ.

މިއީ އާއިލާ އާއި އެކުވެރިންނާ އެކު ޒިޔާރަތްކޮށް، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ވެސް ލިބޭ ފުރުސަތަކަށް ވާނެ އެވެ. އެކްސްޕޯގެ އެންޓަޓެއިންމެންޓު ޑިސްޓްރިކްޓުގައި މަގުބޫލު ބޭންޑުތަކުގެ ހުށަހެޅުންތަކުގެ އިތުރުން ބޮޑުބެރު ޗެލެންޖެއް ވެސް ފޯރިއާއެކު ކުރިއަށް ދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް