ރައީސް މުއިއްޒު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ބައްލަވާލައްވަނީ (ފޮޓޯ/އެމްއޭސީއެލް)
ވީއައިއޭ ޓާމިނަލްގެ %90 މަސައްކަތް ނިމިއްޖެ: ރައީސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލްގެ %90 މަސައްކަތް ނިމިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ މަޝްރޫއުތަކާއި މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވަމުން ރައީސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުތައް ފާހަގަކުރައްވައިފަ އެވެ.
ތަފްސީލް - އިންޑިއާގެ އެހީގައި ތަރައްގީ ކުރަމުން އަންނަ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ވެސް މި އަހަރު ނިމޭނެ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
އެގޮތުން:
-
ގަން އެއާޕޯޓު މަސައްކަތް ސެޕްޓެމްބަރަށް ނިމޭނެ
-
ހަނިމާދޫ އެއާޕޯޓު މަސައްކަތް ޖުލައި އަށް ނިމޭނެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް އޮކްޓޯބަރަށް ނިމޭނެ ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޓާމިނަލްގެ މަޝްރޫއު އެއަށް ވުރެ އަވަހަށް ނިމޭތޯ މަސައްކަތް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.
ވީއައިއޭގެ އާ ޓާމިނަލް
-
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
-
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
-
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ
-
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
-
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
-
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައިވާ ރަށްރަށުގައި މިއަހަރު ތެރޭ އެކި ސްޓޭޖުތަކުގައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - މިހާރު ހިންގަމުން އަންނަ ބައެއް އެއާޕޯޓުތަކުގެ ފެންވަރު ރަނގަޅުކޮށް އަޕްގްރޭޑު ކުރާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭ ހިމެނެނީ:
-
ހއ. ހޯރަފުށި އެއާޕޯޓު
-
ހދ. ކުޅުދުއްފުށި އެއާޕޯޓު
-
ށ. ފުނަދޫ އެއާޕޯޓު
-
ބ. ދަރަވަންދޫ އެއާޕޯޓު
-
ލ. ކައްދޫ އެއާޕޯޓު
-
ގދ. ކާޑެއްދޫ އެއާޕޯޓު
-
ގދ. މާވާރުލު އެއާޕޯޓު
-
ފުވައްމުލައް އެއާޕޯޓު