ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިޒަމް މަންޒިލަކަށް ރާއްޖެ ހަމަޖައްސަން ސޮއިކޮށްފި
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ނަން ހިނގާ ކްލަބް ލިވަޕޫލް އެފްސީ އާއި ރާއްޖޭގެ ރަސްމީ ޓޫރިޒަމް ޕްރޮމޯޝަން ކުންފުނި، އެމްއެމްޕީއާރުސީއާ އެކު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ލިވަޕޫލް އެފްސީން މިއަދު ހާމަކުރި ގޮތުގައި ތިން އަހަރު ދުވަހަށް ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް، ވިޒިޓް މޯލްޑިވްސް އަކީ އެ ކްލަބުގެ ރަސްމީ ޓޫރިޒަމް މަންޒިލްގެ ގޮތުގައި މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ތަފްސީލް - ލިވަޕޫލް އެފްސީން ހާމަކުރި ގޮތުގައި އެ އެއްބަސްވުމަކީ ލިވަޕޫލް އެފްސީގެ ފިރިހެން ޓީމުގެ އިތުރަށް އަންހެން ފުޓްބޯޅަ ޓީމް ވެސް ހިމެނޭ ގޮތަށް ސޮއިކުރި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން:
-
ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން އެ ކުލަބުން ހަރަކާތްތައް ހިންގާނެ؛ ހާއްސަކޮށް އެ ކްލަބުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް
-
ރާއްޖެއާ ގުޅޭ ހާއްސަ ކޮންޓެންޓްތަކާއި، ޕްރޮމޯޝަންތަކާއި، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ހާއްސަ ފުރުސަތުތައް ލިވަޕޫލްގެ ފޭނުންނަށް ލިބޭނެ
-
އެ ކުލަބުގެ "ދަ ރެޑް ވޭ" ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރުކުރާނެ
-
ރާއްޖޭގެ ކަނޑުގެ ދިރުން ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ވެސް ކުރަން އެއްބަސްވެފައިވޭ
ފާހަގަކޮށްލެވޭ - މި އެއްބަސްވުމުގައި ސޮއިކުރުމުގެ މުނާސަބަތުގައި ލިވަޕޫލްގެ ފޭނުންގެ މެދުގައި ހޮވާލެވޭ ފަރާތަކަށް ރާއްޖޭގައި ފަސް ރޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭ ހާއްސަ ލަކީޑްރޯއެއް ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ.
ބުނީ ކީކޭ؟ - ލިވަޕޫލް އެފްސީގެ ޗީފް ކޮމާޝަލް އޮފިސާ ބެން ލެޓީ ވިދާޅުވީ ލިވަޕޫލް އެފްސީގެ އާއިލާގެ މެންބަރެއްގެ ގޮތުގައި ރާއްޖެއަށް މަރުހަބާ ކިޔުމަކީ އެ ކުލަބުން ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ހިތްގައިމު މާހައުލުގައި އެތައް ބައަކަށް އަރާމު ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ފަހިވެގެންދާނޭ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހަނދާނުގައި ދެމި ހުންނާނޭ ތަޖުރިބާތަކެއް އެތައް ބަޔަކަށް ހޯދައިދޭނޭ ގުޅުމަކަށް ވާނެ،" ބެން ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝިއުރީ ވިދާޅުވީ ލިވަޕޫލް އެފްސީ ފަދަ މަޝްހޫރު ކުލަބަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މިލިއަނުން ގުނާ ލެވޭ އެ ކުލަބުގެ ފޭނުންނަށް ރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.