ހުއްޓުމަކަށް ފަހު ބޯޓު ބަނުމުގެ ސިނާއަތް ދުއްވައިގެންފި
ކޮވިޑަށް ފަހު ރާއްޖޭގެ ހުރިހާ ސިނާއަތެއްހެން އެކީ ހުއްޓުނެވެ. އެއަށް ފަހު މިހާރު މި އަންނަނީ ސިނާއަތްތައް އަލުން ހިނގައި ގަނެ ރަނގަޅުވުމުގެ މޫސުމެވެ. އުޅަނދުފަހަރު ބަނދެ ސާވިސް ކުރުމުގެ ދާއިރާއަކީ އޭގެ ތެރެއިން އެއް ސިނާއަތެވެ.
ވިޔަފާރިތަކަށް ހާއްސަކޮށް 'ދައުރު' އިން ގެނެސްދޭ ޓޯކް ޝޯ 'ބިޒްނަސް ޓުޑޭ'ގައި، ކޮވިޑަށް ފަހު ރާއްޖޭގެ ބޯޓު ބަނުމުގެ ސިނާއަތަށް މިހާރު އަންނަމުން ދާ ކުރިއެރުންތައް ކިޔައިދެއްވީ، ރާއްޖޭގެ ބޯޓު ބަނުމުގެ ސިނާއަތުގައި އެންމެ ހަރަކާތްތެރި އަދި އިތުބާރު ކުރެވޭ ކުންފުނި އަލް-ޝާލީ މެރިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފެވެ.
ތިރީގައި މި ހިމަނާލަނީ އެ އިންޓަވިއުގެ މުހިންމު ބައިތަކެވެ.
ދައުރު: ބޯޓު ބަނުމުގެ ސިނާއަތުގެ ވިޔަފާރީގެ ދުވެލި ކޮވިޑަށް ފަހު މިހާރު ކިހިނެއްތޯ؟
ޝަރީފް: ކޮވިޑަށް ފަހު ކުރިއަރާތަން މި ފެންނަނީ. އެކަމަކު ބައެއް ދިމަދިމާލުން ޔާޑަށް އައުމުގައި އެބަހުރި ގޮންޖެހުންތަކެއް. ބޯޓެއް ނިންމާފައި ބަލާ އަންނައިރު ވެސް އެބަހުރި ގޮންޖެހުންތަކެއް. ކޮންމެވެސް ވަރަކަށް އުނދަގޫތަކެއް ހުއްޓަސް ކޮވިޑަށް ފަހު ވިޔަފާރިތައް އަންނަނީ ރަނގަޅުވަމުން. ނޯމަލްއަށް މިވެނި ދުވަހެއްގައި ދާނެއޭ ބުނަން ދަތި.
ދައުރު: ކޮވިޑުގެ ތެރޭގައި ކުރިމަތިވި ގެއްލުން ކިހާވަރެއްގައި އުޅޭނެތޯ؟ ރިކަވަރީ ކިހާ ހިސާބެއްގައިތޯ އޮތީ؟
ޝަރީފް: ކޮވިޑް ތެރޭގައި އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވީ. އަލުން މަސައްކަތްތަކާ އެއްޗިހި ފެށޭނެ ކަމަށް ބަލާފައި އެއްވެސް މުވައްޒަފެއް ވެސް މަދުނުކޮށް މިތާ ބައިތިއްބައިގެން ކުރިއަށް މި ގެންދިޔައީ. އެހެންވެ، ފުދޭ ވަރެއްގެ ބޮޑު ގެއްލުމެއް އަޅުގަނޑުމެންނަށްވި. އެއީ ވިޔަފާރިތައް ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން. އެކަމަކު އިރާދަކުރެއްވިޔާ މިއަހަރު ނިމޭއިރަށް ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު، ކޮވިޑުން މި ލިބުނު ގެއްލުންތައް ފޫބައްދާލައި ފައިދާ އަޅުގަނޑުމެންނަށް ނެރެވޭނެ ވަރުގެ ވިޔަފާރިތަކެއް ލިބިގެން ދާނެ ކަމަށް މި ބަލަނީ. އެއީ ރާއްޖެ ހުޅުވި، ވިޔަފާރިތައް ކުރިއަށް ދާނެ.
ދައުރު: ކޮވިޑަށް ފަހު ވިޔަފާރީގެ ކުރިއެރުން ހުރީ ކިހާ ވަރެއްގައިތޯ؟
ޝަރީފް: އަޅުގަނމެންގެ ކުރިއެރުން މި ހުރީ %13-15ގައި. މީގެ ކުރިން 2020 ގައި ހުއްޓިފައި ހުރެފައި ބާރަށް ކުރިއަރަމުން މި އަންނަނީ. މިހާރު ވެސް 15 ވަރަކަށް އުޅަނދު ރިޕެއާކުރަން ޔާޑުގައި އެބަހުރި. އަދި މީގެ އިތުރަށް އާ އުޅަނދުތައް ބަނުމުގެ އޯޑަރުތައް އެބަ ރަނގަޅުވޭ. ނަމަވެސް 2019 އާ އަޅާ ބަލާއިރު ވަރަށް ދަށުގައި އަދިވެސް މި އުޅެނީ. މި އަހަރު ނިމޭއިރުގައި އެކަމަކު %60 ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރެވޭ.
ދައުރު: މުސްތަގުބަލުގައި އަލްޝާލީގެ އަމާޒަކީ ކޮބާ؟
ޝަރީފް: އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ މާކެޓަށް ބޭނުންވާ އުޅަނދުތަކަކީ ކޮބައިތޯ ބަލާފައި އާ ޕްރޮޑަކްޓުތައް މާކެޓް ރިކުއާމެންޓަށް ނެރުން. އޭގެ އިތުރަށް މެއިންޓަނެންސް އަދި ސާވިސް ސެންޓަރުތައް ހެދުމާއި އެއާ އެއްކޮށް މީހުން އުފެއްދުން އެއީ އަމާޒެއް. އަޅުގަނޑުމެން މީގެ ކުރިން ބެލިން ރާއްޖޭގެ އެހެން ދިމާލަކުން ސުލިޕްވޭއެއް އަދި ޔާޑެއް ހޯދަން. އެކަމަކު ބިން ލިބުން ލަސްވެ އެކަން ކުރިއަށް ނުގެންދެވިފައި އޮތީ. އެއީ ޕްރޮޑަކްޓު ނެރުމަށް ފަހު އާފްޓަސޭލްސް ސާވިސް ރަނގަޅަށް އެ އަށް ދިނުމަކީ މިހާރު ފަސޭހަކަމެއް. އެހެންވެ އައްޑޫ ހިސާބުން ތަންކޮޅެއް ގާތުން ހިދުމަތް ދޭން މެކޭނިޒަމްއެއް ގާއިމްކުރަން ޕްލޭން ކުރަމުން މި އަންނަނީ.
ދައުރު: އަލްޝާލީގެ ހާއްސަ އުޅަނދުތަކަކީ ކޮބައިތޯ؟
ޝަރީފް: ވަކި ހާއްސަ ސައިޒެއް އަޅުގަނޑުމެންގެ ނޯވޭ. ގާތްގަނޑަކަށް 10 ވަރަކަށް އުޅަނދު އެބަ އޮތް އަޅުގަނޑުމެންގެ ހާއްސަ ޕްރޮޑަކްޓު. މިހާރު ވެސް ހާއްސަ ދެ އުޅަނދެއް މި ދަނީ ފަރުމާ ކުރަމުން. މި އަހަރުގެ ބޯޓު ޝޯއަށް އެ އުޅަނދުތައް ދައްކާލެވޭތޯ މި ބަލަނީ.
ދައުރު: ތިލަފުށީގައި ތިބޭފުޅުންގެ އެންމެ ބޮޑު ޔާޑު މި ހުންނަނީ. ތިލަފުށީގެ ހާލަތާ މެދު ދެކެނީ ކިހިނެއްތޯ؟
ޝަރީފް: ތިލަފުށީގެ ބިމުގެ ހާލަތު ދަށްވުން އެއީ ވަރަށް ބޮޑު ގޮންޖެހުމެއް. ބިންގަނޑު ބަލިވުމަކީ އެންމެ ބޮޑު މައްސަލަ. އަޅުގަނޑުމެން ޔާޑު އެއްވަރުކޮށްފައި ތަޅުންގަނޑު އެޅީމާ ދުވަސްކޮޅަކުން ބިންގަނޑު އެބަ ގަނބައިގަނޭ. އަނެއްކާ ތިލަފުށީގެ މަގުތައް މި ހުންނަނީ މި ތަނަށް ކުލަޔަންޓުން އައިސްގޮސްވާ ކަހަލަ ރަނގަޅު ގޮތަކަށް ނޫން. މި ތަނަކީ އެހެން މީހުން އައިސް ގޮސްވެވޭ ހާލަތުގައި ހުންނަ ތަނަކަށް ނުވޭ.
ދައުރު: ބޯޓު ބަނުމުގެ ސިނާއަތަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ؟
ޝަރީފް: އެންމެ އެކަށީގެންވާ ގޮތުގައި އިދާރާތަކުން މަސައްކަތެއް ނުކުރޭ މި ދާއިރާގެ ކަންކަމުގައި. އަނެއްކާ ބަންނަން ބޭނުންކުރާ ތަކެތިން އެބަ ޑިއުޓީ ނަގާ. އެކަމަކު އުޅަނދެއް ބޭރުން ގެންނަ އިރު ޑިއުޓީތަކުގެ ތަފާތުވުމާ އެކު ގޮންޖެހުންތައް އެބަހުރި މިކޮޅުގައި. ރާއްޖެ އިން ބޭރުން އެބަ ގެނޭ ރާއްޖޭގައި ބަނދެވޭ ވަރު އެއްޗިހި އެއަށް ވުރެ އަގު ހެޔޮކޮށް. މިއަށް ހައްލެއް އަންނަން އެބަ ޖެހޭ. ގާނޫނީ ގޮތުން ލިބެން ޖެހޭ ހިމާޔަތްތަކެއް އެބަ ޖެހޭ މި ސިނާއަތަށް ލިބެން.
ދެން އަނެއް ކަމަކަށް ރަށު ފެންވަރުގައި ވެސް ހަމަ ބޯޓު ބަންނަ ވަރަށް ގިނަ މީހުންތަކެއް އެބަތިބި. އެ މީހުންގެ ބޯޓު ބަނުމުގެ ކަންކަން ރަނގަޅު ކުރުމާއި ތަރައްގީކުރުމަށް އިސްކަން ދޭން ޖެހޭ. އެކަންކަން ރަނގަޅު ކުރެވިގެން ރަނގަޅު ބޯޓުތަކެއް އަޅުގަނޑުމެންނަށް ލިބޭނީ.
ދައުރު: ކަސްޓަމަރުންނަށް ދޭނެ މެސެޖަކީ ކޮބައިތޯ؟
ޝަރީފް: އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރަން ޖެހިލުންވާނެ ކަމެއް ނެތޭ. ކަސްޓަމާ ރިކުއާރުމެންޓާ އެކުއޭ މަސައްކަތް ކުރާނީ. ކަސްޓަމަރު ބޭނުންވާ ގޮތަށް ޕްރޮޑަކްޓުތައް ހަދައިދޭނީ އަޅުގަނޑުމެން. އަނެއްކާ މި ކޮޅުން އާފްޓަސޭލް ސާވިސް، ރިޕެއާ، މެއިންޓަނެންސް ސާވިސް އެބަ ދެން ވޮރަންޓީގެ ދަށުން. އަލްޝާލީއާ އެކު މަސައްކަތްކޮށްގެން ލުއިތަކެއް ލިބޭނެ. ކަސްޓަމަރުން އަޅުގަނޑުމެން ބަލާނީ އާއިލާއެއްގެ ގޮތުގައި.
ކޮމެންޓް (1)
ާއަހުމަދު