ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ވިއްކާ ފިހާރައެއްގެ ކައިރީ މީހުން ކިޔު ހަދާފައި: ސިނގިރޭޓާއި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުން އެ ބާވަތްތަކުގެ އަގު ވަނީ ވަރަށް ބޮޑުވެފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސިނގިރޭޓުގެ ބޮޑު ޑިއުޓީން އާމްދަނީއަށް ނުރަނގަޅު އަސަރު

އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީން 158.5 މިލިއަން ރުފިޔާ ޖެނުއަރީ މަހު މަދުވި މައިގަނޑު ސަބަބަކީ ސިނގިރޭޓް އެތެރެކުރާ ވަރު މަދުވުން
10 ފެބްރުއަރީ 2025

މިދިޔަ މަހު 30އާ ހަމައަށް ސަރުކާރުގެ އާމްދަނީ އާއި ހަރަދުގެ ހިސާބުތައް މާލީ ވުޒާރާއިން މިހާރު އާންމުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އާމްދަނީ ވަނީ %15 ދަށްވެފަ އެވެ. މިދިޔަ މަހުގެ 30އާ ހަމައަށް ދައުލަތަށް ލިބުނީ 3.2 ބިލިއަން ރުފިޔާ އެވެ. އެކަމަކު، މިިދިޔަ އަހަރުގެ އެ މުއްދަތުގައި 3.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ. އެހެންކަމުން: 

  • މި ޖެނުއަރީގައި ދައުލަތަށް ލިބުނު އާމްދަނީން ވަނީ 574 މިލިއަން ރުފިޔާ މަދުވެފައި 

މި ބަދަލު އައީ ކީއްވެ ހެއްޔެވެ؟ 

މާލީ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ގެއްލުނު އެއް ދާއިރާއަކީ އިމްޕޯޓް ޑިއުޓީގެ އާމްދަނީ އެވެ. އެގޮތުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ މަހު ލިބުނު، 128.7 މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 158.5 މިލިއަން ރުފިޔާ މަދު އަދަދެކެވެ. 

ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓްތަކެއް އަތުލައިގަނެފައި (ފޮޓޯ/ކަސްޓަމްސް)

އެ ދަށްވުމާ ގުޅޭ ގޮތުން 'ދައުރު'ން މާލީ ވުޒާރާއަށް ލިޔުމުން ފޮނުވި ސުވާލުތަކާ ގުޅިގެން އެ ވުޒާރާއިން ދިން ޖަވާބުގައި ބުނީ އިމްޕޯޓް ޑިއުޓީގެ އާމްދަނީން ބޮޑު އަދަދެއް މަދުވީ މިދިޔަ ނޮވެމްބަރު މަހު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ވިދިގެން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، އެ ބަދަލުގެ ސަބަބުން އިމްޕޯޓް ޑިއުޓީއަށް އަސަރުކުރި ސަބަބުތަކުގެ ގޮތުގައި މާލީ ވުޒާރާއިން ފާހަގަކުރީ: 

  • ޑިއުޓީ ބޮޑުކުރުމުގެ ކުރިން ވިޔަފާރިވެރިން ބޮޑު އަދަދަކަށް ސިނގިރޭޓް އިމްޕޯޓުކޮށް ގުދަންކޮށްފައި ބެހެއްޓުން؛ އެހެންވެ މިދިޔަ ތިން މަހު ސިނގިރޭޓް އެތެރެކުރާ ވަރު މަދުވުން

  • ސިނގިރޭޓުގެ އަގު ބޮޑުވުމާ ގުޅިގެން ސިނގިރޭޓް މީހުން ގަންނަވަރު މަދުވެ އިމްޕޯޓް ކުރަން ޖެހޭވަރު މަދުވާކަން ފާހަގަވެފައިވާ ކަމަށް ވެސް ބުނި 

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީގައި އިމްޕޯޓް ޑިއުޓީގެ އާމްދަނީގެ ވަރަށް ބޮޑު އަދަދެއް ހިއްސާ ކުރާ އެއްޗެކެވެ. 

ދައުލަތުގެ ޓެކްސް އިދާރާ މީރާގައި މީހަކު ޓެކްސް ދެއްކުމަށް މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މީގެ އިތުރަށް، ޖެނުއަރީ މަހުގެ އާމްދަނީ ދަށްވި އެހެން ސަބަބުތަކުގެ ގޮތުގައި މާލީ ވުޒާރާއިން ފާހަގަކުރީ، ބައެއް މުހިންމު ވިޔަފާރީގެ ޓެކްސްތައް ކަމަށްވާ ކޯޕަރޭޓް އިންކަމް ޓެކްސް ފަދަ ޓެކްސްތައް ދެއްކުމުގެ ސުންގަޑި ފެބުރުއަރީ 2 ވަނަ ދުވަސް ކަމަށްވުމެވެ. އެހެންކަމުން:

  • އެ ޓެކްސްތަކުން ޖެނުއަރީގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 350 މިލިއަން ރުފިޔާ މަދުވެފައި

މީގެ އިތުރަށް އާންމުންގެ އަތުން ނަގާ ޖީއެސްޓީ ނުވަތަ ޖީޖީއެސްޓީގެ އާމްދަނީއަށް ވެސް ވަނީ 84 މިލިއަން ރުފިޔާގެ ދަށްވުމެއް އައިސްފަ އެވެ. މާލީ ވުޒާރާއިން ބުނީ އެ ޓެކުހުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ސުންގަނޑިއަށް ވިޔަފާރިތަކުން ޖީޖީއެސްޓީ ނުދައްކާ ލަސްކުރުން ކަމަށް ފާހަގަވާ ކަމަށެވެ. 

މިފަހުން ބޮޑުކުރި އެއާޕޯޓް ޓެކްސްތަކުގެ އާމްދަނީއަށް ވެސް ފާހަގަކުރެވޭ ވަރުގެ ބޮޑު އިތުރުވުމެއް ޖެނުއަރީ މަހުގެ ތެރޭ އައިސްފައެއް ނުވެ އެވެ. އެގޮތުން:

  • ޖެނުއަރީ މަހު އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ އާމްދަނީއަށް އިތުރުވީ 700،000ރ.

  • އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޖާ ޓެކުހުގެ އާމްދަނީ 100،000ރ.ގެ މަދުވުމެއް ވަނީ އައިސްފައި

ފިނޭންސުން ބުނީ އެގޮތަށް ދިމާވީ އެ ޓެކުހުގެ އާމްދަނީ މުޅިން އެކީ އަދި ދައުލަތަށް ވަދެފައި ނުވާތީ ކަމަށެވެ. 

'އާމްދަނީގެ ދަށްވިޔަސް ލަފާކުރެވެނީ ރަނގަޅަށް'

އާމްދަނީ ދަށްވުމަކީ ކަންބޮޑުވުމެއްތޯ ސުވާލުކުމުން މާލީ ވުޒާރާއިން ބުނީ އަހަރުގެ ފުރަތަމަ މަހު އާމްދަނީ ދަށްވެފައިވީ ނަމަވެސް، އަހަރުގެ ބާކީ އޮތް މުއްދަތުގައި އާމްދަނީ އިތުރުވެ، މިދިޔަ އަހަރަށްވުރެ ރަނގަޅަށް އަހަރު ނިންމާލެވޭނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

ސަބަބަކީ އިގްތިސާދީ މިންގަނޑުތައް ރަނގަޅުވަމުން އައުން ކަމަށް އެ ވުޒާރާއިން ބުންޏެވެ. ހާއްސަކޮށް ޖީއެސްޓީ އާއި ވައިގެ ބަނދަރުތަކުން ނެގޭ ޓެކްސްތަކާއި ފީތައް އަދި އާމްދަނީ ޓެކުހުން ލިބޭ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެ ވުޒާރާއިން ބުނި ގޮތުގައި މައިގަނޑު ސަބަބަކީ މި އަހަރު ޓޫރިސްޓުން އަންނަވަރު ކުރީ އަހަރާ އަޅާބަލާއިރު އިތުރުވުމެވެ. 

މާލީ ވުޒާރާގެ އަންދާޒާތަކުގައި ފާހަގަކުރި ގޮތުގައި:

  • މިއަހަރު ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ 3.0 ބިލިއަން ރުފިޔާއިން އިތުރުވާނެ

  • ޓެކްސް ނޫން އާމްދަނީ 126.4 މިލިއަން ރުފިޔާއިން ދަށްވާނެ ކަމަށް ލަފާކުރެވޭ 

  • ސަބަބަކީ މިދިޔަ އަހަރު ރަށްތައް ވިއްކައިގެން ލިބުނު އާމްދަނީ މިއަހަރު އެވަރަށް ނުލިބޭނޭ ކަމަށް ލަފާކުރެވޭތީ ކަމަށް މާލީ ވުޒާރާއިން ފާހަގަކުރި 

މީގެ އިތުރަށް އާމްދަނީ އިތުރުކުރުމަށް ރާވާފައިވާ އާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ލަސްތަކެއް ވެއްޖެނަމަ، ނުވަތަ ޓެކްސް ދައްކާ ފަރާތްތަކުގެ އަމަލުތަކަށް ބަދަލު އައިސްފިނަމަ، އަންދާޒާތަކަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް މާލީ ވުޒާރާއިން ބުންޏެވެ. މީގެ ތެރޭގައި ސްޕެކްޓްރަމް ޗާޖަސް އާއި ޖީއެސްޓީ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތައް ލަސްވެއްޖެ ނަމަ ލަފާކުރި އާމްދަނީއަށް ނޭދެވޭ އަސަރުކުރާނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް