ހދ. ނާގޯށި
ނާގޯށި ތަރައްގީ ކުރަން ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން އެހީވަނީ
ރިސޯޓު ތަރައްގީ ކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދޫކޮށްފައިވާ ހދ. ނާގޯށި ތަރައްގީ ކުރުމަށް އެ ކުންފުންޏަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިއްމު - ރިސޯޓު ތަރައްގީ ކުރަން އެމްޓީޑސީ އަށް ނާގޯށި ދިނީ 2006 ވަނަ އަހަރު އެވެ. އެ މަޝްރޫއުއަށް 19 އަހަރުވީ އިރު ވެސް އެ ރަށުގެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެ އެވެ.
ވީ ކިހިނެއް؟ - ނާގޯށި ތަރައްގީ ކުރުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރުން އެމްޓީޑީސީ އަށް އެހީތެރިކަން ފޯރިކޮށްދޭނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވީ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފިއްލަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ހދ. ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމަކާ ކައިރިވާއިރު އެތަން ފީޒިބަލް ކުރުމަށް އުތުރުގެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީ ކުރުން މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭންކު އޮފް މޯލްޑިވްސް މެދުވެރިކޮށް ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ވާހަކަ ހދ.ގެ ރައްޔިތުންނަށް، މި ސަރަހައްދުގެ ރައްޔިތުންނަށް މުހިއްމުވާނެތީ މި ދަންނަވާލީ،" ރައީސް ވިދާޅުވި އެވެ.
"އެމްޓީޑީސީ އަށް އަޅުގަނޑުމެން އެ މަގު ފަހިކޮށްދޭނަން. [އެއީ] 2006 ވަނަ އަހަރު އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ދޫކޮށްފައި އޮތް ރަށެއް، އަދިވެސް ނުހެދޭ. އެހެން ނަމަވެސް އެކަން ނިމުމަކަށް ގެނެސްދީ އެ ރިސޯޓު އިރާދަކުރެއްވިއްޔާ ސަރުކާރުން އެހީތެރިކަން ދީގެން ހުޅުވުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ." ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ހއ. އަދި ހދ.ގެ އިތުރު ރަށްތައް ވެސް ޓޫރިޒަމަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ރަޝިޔާގެ ތްރީކޭއާ އެންމެ ފުރަތަމަ ހަވާލުކުރީ 2007 ވަނަ އަހަރު އެވެ. އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދައްކާތީ ނުވަ އަހަރު ފަހުން، 2016ގައި އެ ކުންފުނީގެ އެއްބަސްވުން ބާތިލުކުރި އެވެ.
-
ރިސޯޓްގެ %37 މަސައްކަތް އޮތީ ނިމިފައި
-
އޭރު ރަށުގައި ހަދާ ގިނަ ވިލާތަކާއި ރެސްޓޯރެންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ހުރީ ގާތްގަނޑަކަށް ނިމިފައި
-
ސަރުކާރުން 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް އަތުލި
-
އެކަމަކު 2021ގައި އާ ލީޒެއްގެ ދަށުން އެ ރަށް އަނެއްކާ ވެސް އެމްޓީޑީސީއާ ހަވާލުކުރި
މި ރަށް ތަރައްގީކުރަން އެ ކުންފުނިން އެ އަހަރު ހަވާލުކުރީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއާ އެވެ. ތިން އަހަރު ވީއިރު ވެސް އެއްވެސް މަސައްކަތެއް ނުކުރުމުން، އެ އެގްރިމަންޓް 2023 ވަނަ އަހަރު ވަނީ އުވާލައިފަ އެވެ.
ކޮމެންޓް (1)
ސިކުނޑި