ޓީއެމްއޭގެ ސީޕްލޭނެއް ކައިރިން އެ ކުންފުނީގެ މުވައްޒަފެއް ހިނގާފައި ދަނީ: ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޓީއެމްއޭ

ޓީއެމްއޭ އަނެއްކާވެސް ވިއްކާލަނީ؛ ކީއްވެ؟

ޓީއެމްއޭ ގަތުމަށް ހަތަރު ވަރަކަށް ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެ އެއާލައިން ވިއްކާލަން ބޭނުން ވަނީ 600 ވަރަކަށް މިލިއަން ޑޮލަރުގެ އަގެއްގައި ކަމަށް އެނގިފައިވޭ
15 ޖެނުއަރީ 2025
5

ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އާ މެދު އަނެއްކާވެސް އަޑުތަކެއް ގަދަވެއްޖެ އެވެ. އެ އެއާލައިންގެ ހިއްސާ 2021 ވަނަ އަހަރުން ފެށިގެން ގަނެ ހިންގަމުން އަންނަ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ، ކާލައިލް ގްރޫޕުން އެ އެއާލައިން ވިއްކާލުމަށް ވަނީ މަޝްވަރާ ފަށައިފަ އެވެ.

"މިދިޔަ އަހަރުގެ މެދު ތެރޭ ހިސާބުން ފެށިގެން އެ ނެގޯޝިއޭޝަންތައް ކުރިއަށް އެބަދޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ މައުލޫމާތު އެނގިހުރި ބޭފުޅަކު ވިދާޅުވި އެވެ. 

ކާލައިލް ގްރޫޕުން ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭ ގަތީ ކޮވިޑުގެ ތެރޭގައި ދިމާވި ތާށިކަމަށް ފަހު އޭރު އެ އެއާލައިން ގަނެގެން އުޅުނު އެމެރިކާގެ ފާމެއް ކަމަށްވާ ބެއިން ކެޕިޓަލުން 550 މިލިއަން ޑޮލަރު ދެއްކުމަށް ފަހު އެވެ.

ޓީއެމްއޭގެ ބޯޓުތަކެއް އެއާޕޯޓުގެ ސީޕްލޭން ހަބްގައި ޕާކްކޮށްފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މައުލޫމާތު އެނގި ހުރި އެކި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، ޓީއެމްއޭ ގަތުމަށް ހަތަރު ވަރަކަށް ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ބަޔަކީ ކުރިން ވެސް އެ އެއާލައިންގެ ހިއްސާ ގަތް ބްލެކްސްޓޯން ގުރޫޕެވެ. 

މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި، ޓީއެމްއޭ ވިއްކާލުމަށް ކާލައިލް ގްރޫޕުން މަޝްވަރާކުރަނީ އެންމެ ކުޑަކޮށް ވެސް 600 މިލިއަން ޑޮލަރު (9.3 ބިލިއަން ރުފިޔާ)ގެ އަގަކަށެވެ. 

"އަގުގައި އެއްބަސްވުމަކަށް ނާދެވިގެން އުޅޭ ކަމަށް މައުލޫމާތު ލިބިފައި އޮތީ. ބްލެކްސްޓޯނުން 300 މިލިއަން ޑޮލަރު ހުށަހެޅި ކަމަށް އެނގިފައި އޮތީ،" އެބޭފުޅާ ވިދާޅުވި އެވެ. 

ބްލޫމްބާގުން ރިޕޯޓްކުރާ ގޮތުގައި ޓީއެމްއޭގެ ޖުމްލަ އަގު 500-700 މިލިއަން ޑޮލަރަށް އަރަ އެވެ. 

ޓީއެމްއޭ:

  • 65 ޓްވިންއޮޓާ ބޯޓާ އެކު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު 

  • ރާއްޖެއަށް އަހަރަކު އަންނަ ޓޫރިސްޓުންގެ ތެރެއިން މިލިއަނެއްހާ ޓޫރިސްޓުން އުފުލާ

  • ދުވާލެއްގެ މައްޗަށް 400 ދަތުރު އެއާލައިނުން ކުރޭ

ޓީއެމްއޭ ވިއްކާލާ އަގު ބޮޑުވަނީ ވެސް އެ އެއާލައިންގެ ބޯޓުތައް ގިނަވުމާއި އަދި އެ އެއާލައިނުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތުގައި އަދާކުރާ ދައުރު މުހިންމުވުމުންނެވެ. 

ޓީއެމްއޭގެ ބޯޓުތަކެއް އެއާޕޯޓުގެ ސީޕްލޭން ހަބްގައި ޕާކްކޮށްފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ވިއްކާލަނީ ކީއްވެ؟ 

ކާލައިލް ގްރޫޕަކީ ވެސް އިންވެސްޓްމަންޓް ކުންފުންޏެކެވެ. އެފަދަ ކުންފުނިތަކުން އަމަލު ކުރާ ގޮތަކީ ކުންފުނި ގަތުމަށް ފަހު ވަކި ވަރަކަށް ފައިދާގައި ހިންގުމަށް ފަހު ކުންފުނި ދޫކޮށްލުމެވެ. ނުވަތަ އެ މީހުން ކުންފުންޏަށް އިންވެސްޓްކުރި ފައިސާއިން ފައިދާވުމުން ކުންފުނި އަނެއްކާވެސް ބޮޑު އަގުގައި ވިއްކާލުމެވެ. އަދި ބައެއް ފަހަރު ކުންފުނީގެ އެސެޓް ދެއްކުމަށް ފަހު ލޯނު ނެގުމަށް ފަހު އެކި އިންވެސްޓްމަންޓުތައްކޮށް އެ ލާރިވެސް ފައިދާ ހޯދަ އެވެ.

"ކާލައިލް ގްރޫޕަކީ ވެސް އިންވެސްޓްމަންޓް ކުންފުންޏެއް ވީމާ އެ މީހުން ކުރި އިންވެސްޓްމަންޓުން ފައިދާ ވީމާ އެ މީހުން އެ ވިއްކާލަން ބޭނުންވާ މައިގަނޑު ސަބަބަކީ،" މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.

ޓީއެމްއޭގެ ހިއްސާ 2013 ވަނަ އަހަރު އެމެރިކާގެ ވަލްޗާ ކެޕިޓަލް ފާމަކުން ގަތް ފަހުން ޓީއެމްއޭގެ ހިއްސާ އަންނަނީ އެ ގަންނަ ފަރާތަކުން ދޭތެރެއިން ވިއްކަމުންނެވެ. ބްލެކް ސްޓޯންއިން އެ ކުންފުނި ވިއްކާލީ ބެއިން ކެޕިޓަލް އަށެވެ. އެހެން ނަމަވެސް ކޮވިޑް ތެރޭ ދިމާވި ދަރަނީގެ މައްސަލަތަކާ ހުރެ ކާލައިލް ގުރޫޕަށް އެ އެއާލައިން ވިއްކާލަން އޭރު މަޖުބޫރުވީ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހުންނަ ޓީއެމްއޭގެ ޗެކިން ކައުންޓަރުގައި ފަތުރުވެރިން މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓީއެމްއޭ ވިއްކާލުމާ ގުޅޭ ގޮތުން އެ އެއާލައިންއާ ސުވާލުކުރުމުން އެ ކުންފުނީގެ ބަހެއް އަދި ނުލިބެ އެވެ.

މީގެ އިތުރުން، މި ފަހުން ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ގެނައި ބަދަލުތަކުން އެ މީހުންނަށް ޓީއެމްއޭގެ އާމްދަނީ ރާއްޖެއިން ބޭރަށް ގެންދިޔުން ފަދަ ކަންކަމަށް އުނދަގޫ ވުމަކީ ވެސް ސަބަބަކަށް ވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސީޕްލޭން އޮޕަރޭޝަންތަކުގެ ވާދަވެރިކަން ބޮޑުވުމަކީ ވެސް ސަބަބަކަށް ވާނެ އެވެ. 

ވިލާ އެއާއިން ވެސް އެތެރޭގެ އުދުހުންތައް ކުޑަކޮށް ސީޕްލޭން އޮޕަރޭޝަންތައް މިއަހަރު ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ގައުމީ އެއާލައިން، މޯލްޑިވިއަން އާއި މަންޓާ އެއާއިން ވެސް ސީޕްލޭންގެ ހިދުމަތްދެ އެވެ. 

ކޮމެންޓް (5)

ސިކުނޑި

16 ޖެނުއަރީ 2025
ސަރުކާރުން ތި ކުންފުނި ގަނެފަ! މޯލްޑިވިއަންއަށް ހިންގަންދޭންވީ! މުސްތަގުބަލުގައި ހުރިހާ ގޮތަކުންވެސް ފައިދާވާނެ!
1 3

އެދުރު1

15 ޖެނުއަރީ 2025
އެސްޓީއޯ އެމްޓީސީސީ ކަހަަލަ ދެތިން ކުންފުއްޏެއް ބައިވެރި ވެގެން ކުންފުންޏެއް ހަދައިގެން ޓމއ ގަނެ އަދި އަލަށް ހެދި ކުންފުނިން ޕަބްލިކަށް ޝެއަރ ވިންކަން ފަށައި ކުންފުނި ހިންގަން ޤާބިލު ބަޔަކު އަންޔަން ކުރަންވީ އެވެ.
0 3

އަހަރެން

16 ޖެނުއަރީ 2025
@އެދުރު1 މިއޮތް ހުރިހާ ދުވަހުވެސް އެތަން ހިންގަންތިބީ ގާބިލު މީހުންނެވެ.
3 0

އެދުރު

16 ޖެނުއަރީ 2025
@އަހަރެން ޓމއ ގައި ކުރިން ތިބީ ޤާބިލް ނޫން މީހުންނެކޭ ނޫނޭ ބުނެފައެއޮތީ
0 0

ބޯހަލް

15 ޖެނުއަރީ 2025
"މިދިޔަ އަހަރުގެ މެދު ތެރޭ ހިސާބުން ފެށިގެން އެ ނެގޯޝިއޭޝަންތައް ކުރިއަށް އެބަދޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ މައުލޫމާތު އެނގިހުރި ބޭފުޅަކު ވިދާޅުވި އެވެ. === މިހެން ލިޔެފައި މީގެ އިތުރުން، މި ފަހުން ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ގެނައި ބަދަލުތަކުން އެ މީހުންނަށް ޓީއެމްއޭގެ އާމްދަނީ ރާއްޖެއިން ބޭރަށް ގެންދިޔުން ފަދަ ކަންކަމަށް އުނދަގޫ ވުމަކީ ވެސް ސަބަބަކަށް ވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. == މިހެން ލިއުނީމާ ކޯޗަކަށްވަނީ؟؟؟؟
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް