ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓުގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

2 މިލިއަން ފަތުރުވެރިންގެ އަމާޒު ބުރާސްފަތީގައި ހާސިލްވާނެ

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 1.96 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި

މި އަހަރުގެ ޓޫރިޒަމް ޓާގެޓު ކަމަށްވާ 2 މިލިއަން ފަތުރުވެރިންގެ އަމާޒު ބުރާސްފަތި ދުވަހު ހާސިލްވާނެ ކަމަށް ލަފާކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 1.96 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ތަފްސީލް  - ޓޫރިޒަމްގެ ޓާގެޓު ބުރާސްފަތި ދުވަހު ހާސިލްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާ ހަވަލާދީ ޕީއެސްއެމް އިން ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު:

  • މި މަހުގެ 1 އިން 21އަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،259 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %7.2ގެ އިތުރުވުމެއް

  • މި އަހަރު ތެރޭ ދުވާލަކު އެވްރެޖުކޮށް 5،531 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

  • ފަތުރުވެރިން ރާއްޖޭގައި 7.7 ރޭ ހޭދަކުރޭ

ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓަކީ ޗައިނާ އެވެ. އެ ގައުމުން 260،940 ފަތުރުވެރިން މިހާތަނަށް އައިސްފައިވެ އެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ:

  • ރަޝިއާ - 216،092 ފަތުރުވެރިން

  • އިނގިރޭސިވިލާތް - 173،939 ފަތުރުވެރިން

  • ޖަރުމަނު - 151،298 ފަތުރުވެރިން

  • އިޓަލީ - 133،736 ފަތުރުވެރިން

ފާއިތުވި ތިން އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާ މާކެޓު މި އަހަރު ވަނީ ހަ ވަނައަށް ވެއްޓިފަ އެވެ. އެ ގައުމުން މިހާތަނަށް 126،055 ފަތުރުވެރިން އައިސްފައިވެ އެވެ.

ފާހަގަ ކުރެވޭ - ރާއްޖެއަށް މި އަހަރު ރެކޯޑު އަދަދަކަށް ފަތުރުވެރިން އަންނައިރު، ރާއްޖޭން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ޑިވެލޮޕްމެންޓު ފީ ވަނީ ބޮޑުކޮށްފަ އެވެ.

މީގެ އިތުރުން، އަންނަ މަހުން ފެށިގެން ގްރީން ޓެކްސް ބޮޑުކުރާއިރު، އަންނަ ޖުލައިން ފެށިގެން ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކުން ނަގާ ޓީޖީއެސްޓީ ވެސް %16 އިން %17އަށް ބޮޑުކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް