މަންޓާ އެއާގެ ބޯޓެއް. (ދައުރު ފައިލް ފޮޓޯ/މުހައްމަދު އަމާން)
މަންޓާ އެއާއިން މަޑިވަރު އެއާޕޯޓަށް މި މަހު 17ގައި ދަތުރުތައް ފަށަނީ
ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންސް އިން ތަރައްގީކުރި އެއާޕޯޓަށް ދަތުރުތައް ކުރުމަށް މަންޓާ އެއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެނގުން މުހިންމު - ޅ. އަތޮޅުގައި އެންމެ ގިނަ ރިސޯޓު ހިންގާ ޗަމްޕާ އާއިލާގެ ކުރެއްދޫ ހޯލްޑިންސް އިން މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓު ހުޅުވީ 2021ގަ އެވެ. އެ އެއާޕޯޓަށް މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ދަތުރު ކުރަމުން އައީ ގައުމީ އެއާލައިނުން އެކަންޏެވެ.
ނަމަވެސް، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އާ އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ކުރެއްދޫ ހޯލްޑިންސް އިން ނިންމި އެވެ.
ވީ ކިހިނެއް؟ - މަންޓާ އެއާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުރެއްދޫ ހޯލްޑިންސް ކުންފުނިން ވެސް ހިމެނޭ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު)އާ އެކު މަޑިވަރު އެއާޕޯޓަށް ދަތުރުތައް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމާ އެކު، އެ އެއާޕޯޓަށް ދެން ދަތުރުކުރާނީ މަންޓާ އެއާ އެކަންޏެވެ.
ތަފްސީލް - މި އެއްބަސްވުމުގެ ދަށުން:
-
މި މަހުގެ 17 އިން ފެށިގެން މަޑިވަރު އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރާނެ
-
މި ދަތުރުތަކުގައި ބޭނުންކުރާނީ އޭޓީއާރު 72-600 މަރުކާގެ ބޯޓުތައް
-
މި ދަތުރުތަކަށް، ޓޫރިޒަމްގެ އޮފް ސީޒަނާއި އެންމެ ގިނައިން ފަތުރުވެރިން އަންނަ ސީޒަނަށް ޝެޑިއުލް އާންމުކުރާނެ
-
މި ދަތުރުތަކުގެ ސަބަބުން، އެ އަތޮޅުގައި ސީސީއާރުން ހިންގާ ކުރެއްދޫ، ކޮމަންޑޫ، ހުރަވަޅި، ކުޑަދޫ އަދި ޖަވަކަރަ ރިސޯޓުތަަކަށް ފަތުރުވެރިން ގެންދާނެ
ބުނީ ކީކޭ؟ - "ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއާ އެކު މަންޓާ އެއާ އިން ބައިވެރިވުމަކީ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގައި ހާސިލުކުރެވުނު މުހިންމު މަރުހަލާއެއް،" މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވި އެވެ.
"ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ބައިވެރިއެއްގެ ގޮތުގައި މަންޓާ އެއާ ހޮވުމަކީ އަޅުގަނޑުމެންނަށް ލިބުނު ނުހަނު ބޮޑު ޝަރަފެއް. ސީސީއާރުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، އެއްވެސް ތަފާތުކުރުމެއް ނެތި، އަރާމާއި ފަސޭހަކަމާ އެކު އިތުބާރުހުރި ހިދުމަތެއް ފޯރުކޮށްދޭނަން."
ފަސްމަންޒަރު - މަންޓާ އެއާ އިން މީގެ ކުރިން ދަތުރުކުރަމުން އައީ އެ ކުންފުނިން ދ. ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ 'ދާލު އެއާޕޯޓް'ގެ އިތުރުން، ރ. އިފުރު އަދި ބ. ދަރަވަންދޫ އެއާޕޯޓަށެވެ. މަންޓާ އެއާ އިން ރިސޯޓުތަކަށް ސީޕްލޭންގެ ހިދުމަތް ވެސް ދެ އެވެ.
ކޮމެންޓް (3)
ދެއްތޯ
ކަމަކު ނުދޭ
ޙަޖީ