2021 ވަނަ އަހަރުގެ ބަޖެޓް މަޖިލީހުން ދިރާސާކުރި ކޮމިޓީގެ މެންބަރަކު ބަޖެޓުގެ ނަމްބަރުތަކެއް ބައްލަވާ ލައްވަނީ (ދައުރު ފޮޓޯ/އަނާމް އަޒްމީލް)
ލަފާކުރިވަރާ ގާތަށް ވެސް ހިލޭ އެހީ ނުލިބުނު؛ އިތުރަށްވީ ދަށް
މިއަހަރު ލިބޭނޭ ކަމަށް ބަޖެޓުގައި ލަފާކުރިވަރާ ގާތަށް ވެސް ގްރާންޓް ނުވަތަ ހިލޭ އެހީ ނުލިބި މިދިޔަ އަހަރާ އަޅާބަލާއިރު ހިލޭ އެހީ ލިބުނު އަދަދު 83 މިލިއަން ރުފިޔާ މަދުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ސަރުކާރުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 28ގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ:
-
581 މިލިއަން ރުފިޔާ
-
އެހެން ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި 664 މިލިއަން ރުފިޔާ ލިބުނު
-
މިއީ 83 މިލިއަން ރުފިޔާ މަދު އަދަދެއް؛ %12 ދަށް އަދަދެއް
ތަފްސީލް - މިއަހަރު ބަޖެޓް ފާސްކުރި އިރު ލަފާކޮށްފައި ވަނީ މިއަހަރު ހިލޭ އެހީއަށް 1.3 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށެވެ. އެކަމަކު މިއަހަރު ނިމެން މަހެއްހާ ދުވަސް އޮތްއިރު ހިލޭ އެހީގެ ގޮތުގައި މިހާރު ލިބިފައިވާ އަދަދަކީ ލިބޭނޭ ކަމަށް ލަފާކުރި އަދަދުގެ %45 އެވެ.
ހިލޭ އެހީގެ މާޒީ އާއި 2025
ހިލޭ އެހީއަށް ލިބޭނޭ ކަމަށް ލަފާކުރި އަދަދުގެ ދެބައިކުޅައެއްބައި ވެސް މިއަހަރު ނުލިބޭނޭކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ހިލޭ އެހީއަށް އަހަރަކަށް އެވްރެޖްކޮށް ލިބިފައިވަނީ 369 މިލިއަން ރުފިޔާ އެވެ. އެންމެ ގިނައިން ލިބިފައިވަނީ 2022 ވަނަ އަހަރު 603 މިލިއަން ރުފިޔާ އެވެ.
އެހެން ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ މިހާރު މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ހިލޭ އެހީގެ އަދަދަކީ މިއަހަރު ލިބޭނޭ ކަމަށް ލަފާކޮށްފައިވާ އަދަދަ ވުރެ %77.1 ބޮޑު އަދަދެކެވެ. އެއީ:
-
ލަފާކުރާ ހިލޭ އެހީގެ ޖުމްލަ - 2.59 ބިލިއަން ރުފިޔާ
-
އެއީ ވަކި ޕްރޮޖެކްޓެއް ހިންގަން ދޭ އެހީގެ ބޭރުން 1.85 ބިލިއަން ރުފިޔާ
-
އަދި ޕްރޮޖެކްޓުތަކާ ގުޅުންހުރި 736 މިލިއަން ރުފިޔާ
އަންނަ އަހަރަށް ލަފާކުރާ ހިލޭ އެހީގެ އަދަދު ބަޖެޓުގައ ބޮޑުވުމުން ދައްކުވައި ދެނީ ރަހުމަތްތެރި ގައުމުތަކާއި ދުނިޔޭގެ އިދާރާތަކުން ހިލޭ އެހީ ލިބޭނޭ ކަމަށް ކުރާ އުންމީދު ސަރުކާރުގެ ބޮޑު ކަމެވެ. އަދި ބަޖެޓް ހަމަޖެއްސުމުގެ އެފަދަ އެހީތަކަށް ބަރޯސާވާލެއް ބޮޑުކަމެވެ.
ނަމަވެސް، މިހާތަނަށް ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު އަންނަ އަހަރަށް ލަފާކުރާ ހިލޭ އެހީގެ އަދަދު ލިބުމުގެ ފުރުސަތު ކުޑަ އެވެ.
އެނގުން މުހިންމު - މިއަހަރު މިހާތަނަށް ބަޖެޓުގެ ހުލާސާއަކީ:
-
އާމްދަނީ އާއި ހިލޭ އެހީ - 31.1 ބިލިއަން ރުފިޔާ
-
ހަރަދު - 45 ބިލިއަން ރުފިޔާ
-
ބަޖެޓް ދަރަނި - 11.7 ބިލިއަން ރުފިޔާ
މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައި ވަނީ 49.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމެންޓް (1)
ތެފައާސާ.