2024 ވަނަ އަހަރަށް ސަރުކާރުން އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް (ދައުރު ފޮޓޯ)

ބަޖެޓް 2024

މަޝްރޫއުތައް މަޑުޖައްސާލާފައި އޮތަސް ހަރަދުތައްވީ ބޮޑު

ހަރަދުތަކަށް 756 މިލިއަން ރުފިޔާ ބޮޑުވީއިރު މުސާރަތަކަށް ކުރި ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރު
4 ޑިސެމްބަރު 2024
2

މާލީ ތާށިކަމާ ހުރެ މިއަހަރު ހިންގާ ބައެއް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީގެ މަޝްރޫއުތައް މަޑުޖައްސާލާފައި އޮތް ނަމަވެސް ނޮވެމްބަރުގެ ނިޔަލަށް ސަރުކާރުން ކުރި ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 756 މިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި މިދިޔަ މަހުގެ 28އާ ހަމައަށް ނެރެފައިވާ ސަރުކާރުގެ ހަރަދާއި އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި: 

  • އެ މުއްދަތާ ހަމައަށް 45 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފައި 

  • މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަރުކާރުން ހަރަދުކުރީ 44 ބިލިއަން ރުފިޔާ

  • އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 756 މިލިއަން އިތުރު އަަދަދެއް 

ތަފްސީލް - ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މަޝްރޫއުތަކަށް ހަރަދުކުރި އަދަދުން ވަނީ 1.4 ބިލިއަން ރުފިޔާ ކުޑަވެފަ އެެވެ. ސަރުކާރުން މިއަހަރު ފެށުނުއިރު އިއުލާންކޮށްފައިވާ ގޮތުގައި މާލީ މައްސަލަތަކާ ހުރެ މަޝްރޫއުތައް މަޑުޖައްސާލައި އަދި ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންދަން ވަނީ ނިންމައިފަ އެވެ. މީގެ އިތުރަށް: 

  • މިދިޔަ އަހަރާ އަޅާބަލާއިރު ލޯނު ދެއްކުމަށް ކުރި ހަރަދަށް 82 މިލިއަން ރުފިޔާ އިތުރުވެފައިވޭ

  • ކެޕިޓަލް ކަންކަމަށް ކުރި ހަރަދުތަކުން 456 މިލިއަން ރުފިޔާ ކުޑަވެފައިވޭ 

  • އެކަމަކު، ރިކަރަންޓް ހަރަދު ނުވަތަ ދުވަހުން ދުވަހަށް ސަރުކާރު ހިންގުމަށް ކުރާ ހަރަދަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރުވެފައި

ވެލާނާގެއަށް ސަރުކާރުގެ މުވައްޒަފުންތަކެއް ވަންނަނީ: މުވައްޒަފުންނަށް ކުރާ ހަރަދު އަހަރުން އަރަށް ދަނީ މައްޗަށް (ފޮޓޯ/ދައުރު)

ފާހަގަކޮށްލެވޭ - މިހާތަނަށް ބަޖެޓުގެ ދަރަނި ނުވަތަ ޑެފިސިޓް ވަނީ 11.7 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެހެން ނަމަވެސް، ލިބޭ އާމްދަނީއަކުން ރިކަރަންޓް ހަރަދުތައް މިހާތަނަށް ވަނީ ފޫބެއްދިފަ އެވެ. އެގޮތުން: 

  • އާމްދަނީ އާއި ހިލޭ އެހީއަށް ލިބިފައި ވަނީ 31.1 ބިލިއަން ރުފިޔާ

  • ރިކަރަންޓް ހަރަދަކީ 30 ބިލިއަން ރުފިޔާ 

މުސާރަތަކުގެ ހަރަދު އިތުރުވެފައި

ހިސާބުތަކަށް ބަލާއިރު ރިކަރަންޓް ހަރަދު އެންމެ ބޮޑަށް މައްޗަށް ޖެހި ހަރަދު އިތުރުވި ސަބަބަކީ މުސާރަތަކާއި އެލަވަންސަށް ކުރާ ހަރަދުތައް އިތުރުވުމުންނެވެ. އެގޮތުން: 

  • މިއަހަރު 12.3 ބިލިއަން ރުފިޔާ މުސާރަތަކަށް ހަރަދުކޮށްފި

  • މިދިޔަ އަހަރު އެ ހަރަދު އުޅެނީ 10.9 ބިލިއަން ރުފިޔާގައި 

އެހެންކަމުން މިދިޔަ އަހަރާ އަޅާބަލާއިރު މުސާރަތަކަށް މި ވަނީ 1.4 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. 

އާމްދަނީ އިތުރުވި ވަރަށް ވުރެ ހަރަދު ބޮޑު

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރު 28ގެ ނިޔަލަށް ސަރުކާރުގެ އާމްދަނީއަށް ލިބުނީ 31.1 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އަދަދަށް ވުރެ 709 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެހެން ނަމަވެސް ހަރަދަށް ވަނީ 756 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. 

އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓެކްސްގެ އާމްދަނީ އިތުރުވުމެވެ. 

މިއަހަރަށް މަޖިލީހުން ފާސްކޮށްދީފައި ވަނީ 49.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރު ނިމެން އަދި ދުވަސްކޮޅެއް އޮތް އިރު އެ ބަޖެޓުން 45 ބިލިއަން ރުފިޔާ މިހާރު ވަނީ ހަރަދުވެފަ އެވެ. 

ކޮމެންޓް (2)

profile-image-placeholder

آب އބ

5 ޑިސެމްބަރު 2024
ތަނެއްގަ ކަތުރުފަނި އެޅީމަ ދެންވާނީކިހިނެއްތޯ؟

ތެފައާސާ.

5 ޑިސެމްބަރު 2024
"....އެކަމަކު، ރިކަރަންޓް ހަރަދު ނުވަތަ ދުވަހުން ދުވަހަށް ސަރުކާރު ހިންގުމަށް ކުރާ ހަރަދަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ...." އެހެންވީމާ ސިޔާސީ މީހުންގެ ނަމާއި މަގާމުވެސް ދައުލަތުގެ ބޮޑު ސިއްރަކަށް ހަދައިގެން ސިފައިންގޭގެ ބޮޑު ތިޖޫރީގެ ވަތަށް ލައިގެން މި އުޅޭ އުޅުމާއިމެދު ހައިރާންވާކަށް ނުޖެހެއެއްނު؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް