ދަނޑު ހެއްދުމުގެ ބޮޑު މަޝްރޫއު ޔޫޓީއެފުން ފުށިދިއްގަރު ފަޅަށް ބަދަލުކޮށްފި
ޗައިނާގެ މާލީ އެހީގައި އުތުރުތިލަފަޅުގައި ހިންގަން އުޅުނު ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއު ފުށިދިއްގަރު ފަޅަށް ބަދަލުކޮށް އެ ފަޅުން ބައެއް ހިއްކައިގެން ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެނގުން މުހިންމު - އެސްޓީއޯ، އެމްއޭސީއެލް، އެމްޕީއެލް، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެން މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ޖޫން މަސް ތެރޭ އެމްއޯޔޫއެއްގައި ސޮއިކުރީ އުތުރުތިލަފަޅުން 200 ހެކްޓަރުގެ ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގުމަށެވެ.
ވީ ކިހިނެއް؟ - 'ދައުރު'އަށް މިދިޔަ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި އެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެ މަޝްރޫއު ފެށުމަށް ރޭވި މުއްދަތަށް ވުރެ ލަސްވެފައި ވަނީ މަޝްރޫއު ހިންގުމަށް ބޭނުންވާ ތަން ނުލިބިގެން ކަމަށެވެ.
އެހެން ނަމަވެސް މިހާރު އެ މަޝްރޫއު ހިންގާނޭ ތަން ރަސްމީކޮށް ކަނޑައަޅައި ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޝިމާދު ވިދާޅުވީ:
-
ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގާނީ ފުށިދިއްގަރު ފަޅު ހިއްކައިގެން
-
ފަޅެއް ހިއްކައިގެން އެ މަޝްރޫއު ހިންގަނީ ރަށަކަށް ވުރެ ބޮޑު ސަރަހައްދެއް އެ މަޝްރޫއަށް ބޭނުން ވާތީ
-
މާލެ ކައިރި ސަރަހައްދެއްގައި މަޝްރޫއު ހިންގަނީ ދަނޑުވެރިކަމުގައި ހައްދާ ބާވަތްތައް މާލެ ކައިރީ ހެއްދުމުން ފަސޭހައިން އެހެން ސަރަހައްދުތަކަށް ގެންދެވޭނެތީ؛ އަދި ޑިމާންޑް ބޮޑަށް އޮތީ މާލޭ ސަރަހައްދުގައި ކަމަށްވުމުން
"ރަސްމީކޮށް މިހާރު ވަނީ ފުށިދިއްގަރު ފަޅު އެ މަޝްރޫއަށް ހަމަޖެހިފައި. ބިން ހިއްކުމާ މިކަންކަމަށް ކުރަން ޖެހޭ ފީސިބިލިޓީ އާއި އެންވަޔަރަމެންޓަލް އިންޕެކްޓް އެސެސްމަންޓް އަދި ޕްލޭނިން ސްޓޭޖުގައި މިހާރު މި އުޅެނީ... ވަރަށް އަވަހަށް މަސައްކަތްތައް ފެށޭނެ،" ޝިމާދު ވިދާޅުވި އެވެ.
ބޭރަށް މިދާ ޑޮލަރުގެ ވަރަށް ބޮޑު އެއްޗެއް އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭނެ. އެގޮތުން އަޅުގަނޑުމެން އެބަހުރި ރާއްޖެއަށް ބޭނުންވާ އަދި ރާއްޖޭގައި ހެއްދޭ ތަކެތި ފާހަގަކޮށްފައި މި މަޝްރޫއުގެ ތެރެއިން ހައްދަން. އެ މަގުސަދު ވަރަށް ބޮޑަށް ހާސިލްވާނެ
ފާހަގަކޮށްލެވޭ - ޗައިނާ ސަރުކާރުގެ ކޮންސެޝަނަލް ފައިނޭންސިން އެއްބަސްވުމެއްގެ ދަށުން ހިންގަން ރާވާފައިވާ އެ މަޝްރޫއުގައި މީގެ ކުރިން އިއުލާންކޮށްފައި ވަނީ:
-
ބިން ހިއްކުމާއި ދަނޑުވެރިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން
-
ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކެއް ތަރައްގީ ކުރުން
-
ފަސިންޖަރުންނާއި މުދާ އުފުލާ ޓާމިނަލްތައް ގާއިމުކުރަން
-
ދަނޑުވެރިކަމަށް މީހުން ތަމްރީންކުރަން ޓްރެއިނިން ސެންޓަރެއް ގާއިމްކުރަން
-
ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރެން ޑިސްޓްރިބިއުޝަން ސެންޓަރެއް ހެދުން
މަޝްރޫއުން ވާނެ ފައިދާއަކީ ކޮބާ؟
ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ ބޮޑު ބައެއް ހަރަދުވަނީ މުދާ އެތެރެކުރަންކަން ފާހަގަކުރައްވާ ޝިމާދު ވިދާޅުވީ މިހާރު ވެސް އަހަރެއްގެ މައްޗަށް ރާއްޖެއަށް ފިޔާ އެތެރެކުރަން 13 މިލިއަން ޑޮލަރު ހޭދަވާ ކަމަށެވެ. އެހެން ނަމަވެސް ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރަން ރާވާފައިވާ މި ބޮޑު މަޝްރޫއު ފެށިއްޖެ ނަމަ ރާއްޖޭގައި ހެއްދޭ އެތައް ބާވަތެއްގެ މޭވާ އަދި ތަރުކާރީ ރާއްޖެއަށް ބޭނުންވާ މިންވަރަށް ނޫނީ އޭގެ ވަރަށް ބޮޑު ބައި ރާއްޖެ އެތެރެނުކޮށް ހެއްދޭނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.
"ބޭރަށް މިދާ ޑޮލަރުގެ ވަރަށް ބޮޑު އެއްޗެއް އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭނެ. އެގޮތުން އަޅުގަނޑުމެން އެބަހުރި ރާއްޖެއަށް ބޭނުންވާ އަދި ރާއްޖޭގައި ހެއްދޭ ތަކެތި ފާހަގަކޮށްފައި މި މަޝްރޫއުގެ ތެރެއިން ހައްދަން. އެ މަގުސަދު ވަރަށް ބޮޑަށް ހާސިލްވާނެ،" ޝިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޭވާ ތަރުކާރީގެ އިތުރަށް އެ މަޝްރޫއުގެ ދަށުން ކުކުޅު ބިސް ވެސް އުފެއްދުމަަށް ނިންމާފައިވާ ކަމަށެވެ. އަދި ކުކުޅު ބިހަކީ މިހާރު ވެސް ބައެއް އަމިއްލަ ފަރާތްތަކުން ރާއްޖޭގައި އުފައްދާ އެއްޗެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ ރާއްޖެއަށް އެތެރެކުރާ ބިހަށް ވުރެ ކޮލިޓީ ރަނގަޅު އޯގެނިކް ބިސް ރާއްޖެއިން ލިބޭނޭ ގޮތަށް ހެދުން ކަމަށެވެ.
"މިހާރު މި ގެންނަ ހުދު ބިހަކީ އެންމެ ކޮލިޓީ ރަނގަޅު ބިހެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި ހަމަ ރަނގަޅު ފެންވަރަކަށް ބިސް އުފައްދައިގެން އޯގެނިކް ރަނގަޅު ކޮލިޓީ ބިސް ހެޔޮ އަގުގައި ބާޒާރަށް ނެރުން،" ޝިމާދު ވިދާޅުވި އެވެ.
ކޮމެންޓް (1)
ސިކުނޑި