އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒު އެއާ އެމްބިއުލޭންސަށް އުރީދޫން ހަދިޔާކުރި ސިއްހީ ސާމާނުތައް ދައްކާލައްވަނީ: އެއާ އެމްބިއުލޭންސަށް އުރީދޫއިން 16 މިލިއަން ރުފިޔާގެ އެހީތެރިކަން ވަނީ ވެފައި (ފޮޓޯ/އުރީދޫ)
އުރީދޫން ދިވެހިންގެ ހިތްހެޔޮކަމަށް މި ދިއްކޮށްލަނީ ދީލަތި އަތެއް
މީގެ 19 އަހަރުކުރިން ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި ހިދުމަތް ދޭން ފެށި އުރީދޫ މިހާރު ވެފައި ވަނީ ދިވެހިންގެ މުވާސަލާތީ ބައިވެރިއާއަށް އެކަންޏެއް ނޫނެވެ. އުރީދޫ މިއީ އެތައް ގޮތަކުން ދިވެހިންގެ އެހީތެރިއެކެވެ. ދިވެހިންގެ ހިނިތުންވުމެކެވެ.
"އަޅުގަނޑުމެން ރާއްޖޭގައި ހިދުމަތް ދޭތާ އަންނަ އަހަރަށް 20 އަހަރު ވާއިރު ދިވެހި ރައްޔިތުން ދެމުންދާ ސަޕޯޓް އެންމެ ބޮޑު ކަމަކީ. ދިވެހި ރައްޔިތުން މި ދެއްވާ ސަޕޯޓް، އަޅުގަނޑުމެންގެ ހިނިތުންވުމަކީ ހިތްވަރަކީ. އެ ސަޕޯޓް އަޅުގަނޑުމެން މި ރިޓާން މި ކުރަނީ ރާއްޖޭގެ މުޖުތަމައަށް،" އުރީދޫއިން މުޖުތަމައުގެ ލާބަޔާއި މަންފާޔަށް ކޮށްދޭ ކަންކަން ނުވަތަ ސީއެސްއާރު ހަރަކާތްތަކަށް ދޭ އިސްކަން ކިޔައިދެއްވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ސީއެސްއާރު ހަރަކާތްތަކުގައި އެންމެ ބޮޑު ސަމާލުކަމެއް މިހާރު އަނބުރާލާފައި ވަނީ ދިވެހިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވުމަށް ކަމަށެވެ. އެގޮތުން މިފަހުން އުރީދޫއިން ވަނީ މި ސަރުކާރުން ތައާރަފްކޮށްފައިވާ އެއާ އެމްބިއުލާންސަށް ބޭނުންވާ ޒަމާނީ އާލާތްތައް ހަދިޔާކޮށްފަ އެވެ.
އެއީ 16 މިލިއަން ރުފިޔާގެ އެހީތެރިކަމެކެވެ.
"އެއާ އެމްބިއުލޭންސަށް ބޭނުންވާ އިކުއިޕްމަންޓް އަޅުގަނޑުމެން މި ގެނެސްދިނީ އެ ޒާތުގެ އެންމެ ކޮލިޓީ އެއްޗިހި ސަޕްލައިކުރާ ކުންފުނިން އޯޑަރުކޮށްގެން. އެއީ އައިލެންޑް އޭވިއޭޝަނުން ވެސް ހަމަ ރިކުއެސްޓްކުރި އެއްޗިހި. ފުރަތަމަ ފަށަން އަޅުގަނޑުމެން ވަގުތީ އިކުއިޕްމަންޓް ވެސް އޭރު ފެށީއިރު ދިނިން،" ނިޔާޒު ވިދާޅުވި އެވެ.
ދިވެހި ރައްޔިތުން މި ދެއްވާ ސަޕޯޓް، އަޅުގަނޑުމެންގެ ހިނިތުންވުމަކީ ހިތްވަރަކީ. އެ ސަޕޯޓް އަޅުގަނޑުމެން މި ރިޓާން މި ކުރަނީ ރާއްޖޭގެ މުޖުތަމައަށް
ރާއްޖެ އޮންނަ ގޮތުން ސިއްހީ ހިދުމަތް ހޯދުމަށް ކޮންމެ ދުވަހަކު ވެސް އެމެޖެންސީގައި އެތައް ބަޔަކު މާލެ ގެންނަން ޖެހެ އެވެ. އެހެންވެ، ވަޔާއި ކަނޑުގެ މަގުން ބަލި މީހުން މާލެ ސަރަހައްދަށް އުފުލަން ޖެހުމަކީ ހައްލެއް ހޯދަން ޖެހިފައި އޮންނަ ކަމެކެވެ.
ނިޔާޒު ވިދާޅުވީ އުރީދޫއިން މީގެ ކުރިން ރާއްޖެއަށް ތިން ސީއެމްބިއުލޭންސް ދީ އެހީތެރިކަން ފޯރުކޮށް ދިނީ ވެސް ރާއްޖެ އުފެދިފައި އޮންނަ ގޮތުން އަވަސް ސިއްހީ ފަރުވާއަށް މީހުން އުފުލުމަށް ލުޔެއް ހޯދައިދިނުމަށެވެ. އެއާ އެމްބިއުލޭންސްގެ ހިދުމަތަށް ބޭނުންވާ ހުރިހާ ސާމާނެއް އުރީދޫއިން ދިނީ ވެސް ހަމަ އެ ވިސްނުމުގަ އެވެ.
"ބޮޑު ކަމެއްގައި މި ޖެހެނީ ހަމަ ބަލި މީހާ މާލެ ގެންނަން. އެއަށް ސޮލިއުޝަނެއް ހޯދައިދޭން ކުރިން ވެސް އަދި މިފަހަރު ވެސް އެހީ މިވީ. އެއީ ހަމަ ދިވެހި އާންމު ރައްޔިތު މީހާގެ ބޮޑު ނީޑެއް އޮތް ކަމެއް،" ނިޔާޒު ވިދާޅުވި އެވެ.
"ކުރިން ސީއެމްބިއުލޭންސް ދިން އިރުވެސް އޭގައި މާބަނޑު މީހުންނަށް ވިހޭނޭ ވެސް ވަސީލަތްތަކާ އެކު އަޅުގަނޑުމެން ހަދިޔާކުރީ. މިފަހަރު ވެސް ހަމަ އެހެން ކުޑަކުދިންގެ ވެންޓިލޭޓަރާއި އިންކިއުބޭޓަރާ މި ހުރިހާ އެއްޗިއްސާ އެކު ފުލް ފްލެޖް އެއާ އެމްބިއުލަންސެއް އޮޕަރޭޓް ކުރެވޭނެ އިކިއުޕްމަންޓް މިދިނީ."
މީގެ ކުރިން އުރީދޫއިން ރާއްޖެއަށް ތިން ސީއެމްބިއުލޭންސް ހުރިހާ ވަސީލަތްތަކަކާ އެކު ހަދިޔާކުރި އެވެ. އަދި ރަށްރަށުގެ ހުރިހާ ހެލްތް ސެންޓަރުތަކަށް ހެލްތް ކިޓް ހަދިޔާކުރި އެވެ. މީގެ ކުރިން ވެސް ރާއްޖެއަށް ދިމާވި ބޮޑެތި އެކި ކާރިސާތައް ކަމަށްވާ ސުނާމީ އާއި މާލެ ފެނަށް ޖެހުމުގެ ހާދިސާގައި ވެސް އާންމުންނަށް އެހީތެރިވުމުގައި އުރީދޫ ތިބީ އެންމެ ކުރީގަ އެވެ.
"ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުންފުންޏެއްގެ ހައިސިއްޔަތުން ކޮށްދެވޭނެ ކަންކަމަށް އިސްކަންދެން. އެހެން ވީމާ ދިވެހިންގެ ސިއްހީ ކަންކަމަށް މި ހާއްސަ ފޯކަސްއެއް މި ބާއްވަނީ،" ހިނިތުންވުމަކާ އެކު ނިޔާޒު ވިދާޅުވި އެވެ.
އުރީދޫގެ ހިދުމަތަށް އަންނަ އަހަރު 20 އަހަރު ފުރޭއިރު ނިޔާޒު ދެއްވި ޔަގީންކަމަކީ އުރީދޫ އަބަދުވެސް ދެމި ތިބޭނީ މުޖުތަމައުގެ އެންމެންގެ ލާބަޔަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ކަމެވެ. އުރީދޫގެ ދީލަތި އެހީތެރިކަން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަތުރާލުމަކީ އެ ކުންފުނީގެ އަމާޒެވެ.
"ފަން ރަން ވެސް އެކި އަތޮޅުތަކުގައި މަސް ރޭސް ވެސް އެކި ރަށްރަށުގައި އެބަ ބާއްވަން މިހާރު. މީގެ ބޭނުމަކީ ހަމަ ހަރަކާތްތެރި މުޖުތަމައެއް ބިނާކޮށް އުރީދޫއިން މިދޭ އެހީތެރިކަން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުން،" ނިޔާޒު ވިދާޅުވި އެވެ.
ކޮމެންޓް