ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ފިޗުން ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފި
ރާއްޖޭން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބުނެ ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ރޭޓިން 'ސީސީސީ ޕްލަސް' އިން 'ސީސީ'އަށް މިއަދު ދަށްކޮށްފި އެވެ.
ވީ ކިހިނެއް - ފިޗުުން އެންމެ ފަހުން ރާއްޖޭގެ ރޭޓިން ދަށްކުރީ މިދިޔަ ޖޫން މަހު އެވެ. އެފަހަރު ރޭޓިން ދަށްކުރީ 'ބީ މައިނަސް' އިން 'ސީސީސީ ޕްލަސް' އަށެވެ. އެއަށް ފަހު، މިއަދު ވަނީ 'ސީސީ'އަށް ބަދަލުކޮށްފަ އެވެ.
-
'ސީސީސީ ޕްލަސް' އިން 'ސީސީ'އަށް ރޭޓިން ދަށްކުރި އިރު، އޭގެ މާނައަކީ ދަރަނީގެ ހާލަތު ވަރަށް ބޮޑުކަން
ތަފްސީލް - ފިޗުން މިއަދު ނެރުނު ބަޔާނުގައި ބުނީ ރޭޓިން ދަށްކުރީ ދަރަނީގެ ހަލަތު ގޯސްވެ، ދަރަނި ނުދެއްކިދާނެ ފަދަ ހާލަތަކަށް ދިއުމުގެ ފުރުސަތު ބޮޑުކަމުން ކަމަށެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަށްވެ، ދަރަނި ދެއްކުން ދަތިވެފައިވާކަން ފާހަގަކޮށް ފިޗުން ބުނީ:
-
މިދިޔަ މެއި މަހުން ފެށިގެން ޖުލައި މަހާ ހަމައަށް ބޭރު ފައިސާގެ ރިޒާވު %20 ދަށްވެފައިވޭ
-
މެއި މަހު ބޭރު ފައިސާގެ ރިޒާވުގައި ހުރީ 492 މިލިއަން ޑޮލަރު؛ މިދިޔަ މަސް ނިމުނު އިރު އެ އަދަދު ވަނީ 395 މިލިއަން ޑޮލަރަށް ވެއްޓިފައި
-
މިއީ 2016ގެ ފަހުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު އެންމެ ދަށްވި ފަހަރު
ފިޗުން ބުނީ މި އަހަރުގެ ފަހު ކުއާޓަރުގައި އަދާކުރަން ޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަންޏެއް އެބައޮތް ކަމަށާއި 64 މިލިއަން ޑޮލަރުގެ ޕަބްލިކް ގެރެންޓީ އެއްވެސް އެބައޮތް ކަމަށެވެ. އެގޮތުން:
-
ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާ ނުހިމަނައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގައި ހުރި ފައިސާ އެ ދަރަނި އަދާކުރަން ބޭނުން ކުރެވިދާނެ
ކުރު މުއްދަތާއި މެދު ރާސްތާއާ ދެމެދު ރާއްޖޭގެ ކަރަންޓު އެކައުންޓް ޑެފިސިޓު ވަރަށް ބޮޑުވާނެ ކަމަށް ފިޗުން ބުންޏެވެ. ހާއްސަކޮށް ރާއްޖެ އަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވެފައި ބޭރު ފައިސާ ލިބުމުގައި އޮތް ދަތިކަން އިތުރުވުމަކީ ވެސް ގޮންޖެހުމެއް ކަމަށް އެ ތަނުން ބުނެފައިވެ އެވެ.
ފިޗުން ވަނީ ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު ނިމޭއިރު 557 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. އަދި 2026 ވަނަ އަހަރު އެ އަދަދު 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ވެސް ހިމެނޭ ކަމަށް ވެސް އެ ތަނުން ފާހަގަކުރި އެވެ.
ޓޫރިޒަމާ ގުޅުން ހުރި ދާއިރާތަކުން ބޭރު ފައިސާ ހޯދުމަށް ސަރުކާރުން ރާވާފައިވާ ކަންތައްތަކާ އެކު ވެސް، 2026 ނިމޭއިރު ދައްކަން ޖެހޭ 200 މިލިއަން ޑޮލަރު ހޯދަން ވެސް އުނދަގޫވާނެކަން ފިޗުން ފާހަގަކޮށްފައިވެ އެވެ.
ކޮމެންޓް (5)
ދަދު
ޖޭމުގޭ އަހައްމާދީ
އެރަހީމްބެ
ތެފައާސާ.
އައްޑާ