މަގެއް ހެދުމުގައި އާރުޑީސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ: ކުންފުނިތަކަށް އިތުރު މުވައްޒަފުން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ނަގާފައިވޭ (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ސަރުކާރު ކުންފުނިތަކަށް 2،000އަށް ވުރެ ގިނަ އާ މުވައްޒަފުން ނަގައިފި
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ސަރުކާރު ކުންފުނިތަކަށް 2،000އަށް ވުރެ ގިނަ އާ މުވައްޒަފުން ނަގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އިއްޔެ އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުންފުނިތަކުގެ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ނިމުނު އިރު ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަކީ 30،739 އެވެ. އެގޮތުން:
-
މި އަހަރު ފުރަތަމަ ތިން މަސް ނިމުނު އިރު ސަރުކާރު ކުންފުނިތަކުގައި 33،284 މުވައްޒަފުން އެބަތިބި
-
އެއީ 2،545 މުވައްޒަފުން އިތުރު އަދަދެއް
-
ސީދާ ބަޖެޓުން ހަރަދުކުރާ ކުންފުނިތަކަށް 794 މުވައްޒަފުން ވަނީ އިތުރުވެފައި
ތަފްސީލް - ކުންފުނިތަކުގެ މުވައްޒަފުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރު ތެރޭ އެންމެ ގިނަ މުވައްޒަފުން ވައްދާފައި ވަނީ ވެމްކޯއަށެވެ. އެ ކުންފުންޏަށް އިތުރު 528 މުވައްޒަފުން ވަނީ ވައްދައިފަ އެވެ. އެގޮތުން:
-
ވެމްކޯއިން މުސާރަތަކަށް 22.87 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭ
-
އެ ކުންފުނީގެ އާމްދަނީގެ %25އަށް ވުރެ ބޮޑު ހަރަދެއް ދަނީ މުސާރަތަކަށް
ދެން އެންމެ ގިނަ މުވައްޒަފުން ވައްދާފައި ވަނީ އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ އަދި އެޗްޑީއަށެވެ. އެގޮތުން:
-
އެމްޕީއެލްއަށް 399 އާ މުވައްޒަފުން ވައްދާފައިވޭ
-
ސްޓެލްކޯއަށް 387 އާ މުވައްޒަފުން ވައްދާފައިވޭ
-
އާރުޑީސީއަށް 221 އާ މުވައްޒަފުން ވައްދާފައިވޭ
މީގެ އިތުރަށް، 2022 ވަނަ އަހަރާ އަޅާބަލާއިރު ފެނަކައަށް ވެސް 93 އާ މުވައްޒަފުން ވައްދާފައިވެ އެވެ. އަދި ރީޖަނަލް އެއާޕޯޓްސްއަށް ވެސް 83 އާ މުވައްޒަފުން އަހަރުގެ ފުރަތަމަ ތިން މަހު ވައްދާފައިވެ އެވެ.
ފާހަގަކޮށްލެވޭ - ސަރުކާރު ކުންފުނިތަކުން އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ އެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށް 1.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ މަހަކަށް 513.6 މިލިއަން ރުފިޔާ ޖެހޭ ވަރުގެ އަދަދެކެވެ.
ކޮމެންޓް (3)
ކައްޒާބުބެ
އާދަނުގޯތީ ކަމަނަ
ހަބޭސް