2024 ވަނަ އަހަރުގެ ބަޖެޓް ފޮތް: ބަޖެޓުން ކުންފުނިތަކަށް ބޮޑު އަދަދެއް ހަރަދުކުރަން ޖެހޭ (ފޮޓޯ/ދައުރު)
ކުންފުނިތަކަށް ފުރަތަމަ 3 މަހު ވެސް 1 ބިލިއަން ރުފިޔާ ހަރަދުކޮށްފި
މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ސަރުކާރުގެ ކުންފުނިތަކަށް ބަޖެޓުން 1.33 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން، ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ޕީސީބީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ އެސްއޯއީ ރިޕޯޓުގައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރުގެ ކުންފުނިތަކަށް ވަނީ ބަޖެޓުން 1.33 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ ކުއާޓާގައި ސަރުކާރު ކުންފުނިތަކަށް ދޫކޮށްފައި ވަނީ 1.34 ބިލިއަން ރުފިޔާ އެވެ. އެއީ:
-
12 މިލިއަން ރުފިޔާ ނުވަތަ %1 ދަށް އަދަދެއް
-
މި އަހަރު ފުރަތަމަ ކުއާޓާގައި މަހަކަށް 443 މިލިއަން ރުފިޔާ ކުންފުނިތަކަށް ދޭން ޖެހިފައިވޭ
ތަފްސީލް - ރިޕޯޓުގައި ހުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ސަރުކާރު ކުންފުނިތަކަށް ބަޖެޓުން އެންމެ ގިނައިން ފައިސާ ދޭން ޖެހިފައި ވަނީ ސަބްސިޑީގެ ގޮތުގަ އެވެ. ދެން އެންމެ ގިނައިން ފައިސާ ދޭން ޖެހިފައި ވަނީ ކެޕިޓަލްގެ ގޮތުގަ އާއި ގްރާންޓުގެ ގޮތުގަ އެވެ. އެގޮތުން:
-
ސަބްސިޑީ - 1.2 ބިލިއަން ރުފިޔާ؛ މިއީ %2ގެ އިތުރުވުމެއް
-
ކެޕިޓަލް - 164.9 މިލިއަން ރުފިޔާ؛ މިއީ %9 އިތުރުވުމެއް
-
އެހީ - 60.5 މިލިއަން ރުފިޔާ؛ މިއީ %3ގެ އިތުރުވުމެއް
ބަޖެޓުން އެންމެ ބޮޑު އަދަދެއް އެޗްޑީސީއަށް
ޕީސީބީގެ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބަޖެޓުން އެންމެ ބޮޑު އަދަދެއް ދޭން ޖެހުނީ ހުޅުމާލެ ބަލަހައްޓާ އެޗްޑީސީއަށެވެ. އެ ކުންފުންޏަށް ބަޖެޓުން ވަނީ 484.8 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އޭގެ ތެރެއިން 84.8 މިލިއަން ރުފިޔާ ދޫކުރީ ހިންގުމުުގެ ހަރަދަށް ކަމަށް ރިޕޯޓުގައިވެ އެވެ.
ދެން ބަޖެޓުން އެންމެ ގިނައިން ފައިސާ ދޫކުރި ކުންފުނިތަކަކީ:
-
އެސްޓީއޯ - 359.33 މިލިއަން ރުފިޔާ؛ ކާޑާއި ތެލުގެ ސަބްސިޑީއަށް
-
ފެނަކަ - 249.9 މިލިއަން ރުފިޔާ؛ ކަރަންޓް ބިލް އަގުހެޔޮކުރަން ސަބްސިޑީއަށް
-
އެމްއެމްޕީއާރުސީ - 38.55 މިލިއަން ރުފިޔާ؛ ރާއްޖެ ޕްރޮމޯޓް ކުރަން އެހީގެ ގޮތުގައި
-
އެސްޑީއެފްސީ - 30 މިލިއަން ރުފިޔާ
-
ފަންޑް މެނޭޖްމަންޑް ކޯޕަރޭޝަން - 28.13 މިލިއަން ރުފިޔާ؛ ހިންގުމުގެ ހަރަދަށް
-
ރީޖަނަލް އެއާޕޯޓްސް - 24.90 މިލިއަން ރުފިޔާ؛ ހިންގުމުގެ ހަރަދަށް
-
އައްޑޫ އެއާޕޯޓް - 22.67 މިލިއަން ރުފިޔާ؛ ހިންގުމުގެ ހަރަދަށް
-
ޕީއެސްއެމް - 21.9 މިލިއަން ރުފިޔާ؛ ގްރާންޓުގެ ގޮތުގައި
-
ވެމްކޯއަށް 17.2 މިލިއަން ރުފިޔާ؛ ސަބްސިޑީ އާއި ހިންގުމުގެ ހަރަދަށް
މީގެ އިތުރަށް ޕޯސްޓް އޮފީސް، ބީސީސީ، ޓްރޭޑްނެޓް އަދި ފަހި ދިރިއުޅުން ކުންފުންޏަށް 19.4 މިލިއަން ރުފިޔާ ވަނީ ހިންގުމަށް ދޫކޮށްފަ އެވެ.
މި އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 50 ބިލިއަން ރުފިޔާގެ ބަޖެޓުގެ %3އަށް ވުރެ ބޮޑު އަދަދެއް އޮތީ ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފަ އެވެ. އެ އަދަދަށް ވުރެ އިތުރަށް ކޮންމެ އަހަރަކު ވެސް އިތުރަށް ބިލިއަނެއްހާ ރުފިޔާ ކުންފުނިތަކަށް ދޭން ޖެހެ އެވެ.
ކޮމެންޓް (1)
މަހުވެއި