މިއަހަރުގެ ކްރިކެޓު ވޯލްޑުކަޕް ކާމިޔާބުކުރި އިންޑިއާގެ ކްރިކެޓު ޓީމު
އިންޑިއާގެ ކްރިކެޓު ޓީމުގެ ކާމިޔާބީ ފާހަގަކުރަން ރާއްޖެ އައުމަށް ދައުވަތު ދީފި
މިއަހަރުގެ ކްރިކެޓު ވޯލްޑު ކަޕް ކާމިޔާބުކުރި އިންޑިއާގެ ކްރިކެޓު ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް ރާއްޖެ ޒިޔާރަތް ކުރުމުގެ ދައުވަތު ދީފި އެވެ.
ވީ ކިހިނެއް؟ - އިންޑިއާގެ ގައުމީ ކުރިކެޓް ޓީމުން މިއަހަރު ކްރިކެޓް ވޯލްޑް ކަޕްގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރާއްޖެ އައުމުގެ ދައުވަތު އެ ޓީމަށް ދިނީ އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް ދާއިރާގެ ރިސޯޓުތައް ތަމްސީލުކުރާ ޖަމްއިއްޔާ މަޓީ އިންނެވެ.
ތަފްސީލް - އެ ޓީމަށް ފޮނުވި ރަސްމީ ދައުވަތުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމަށް ތަހުނިޔާ ކިޔައި، އެ ޓީމަށް ލިބުނު މި ފުރިހަމަ ކާމިޔާބީއަށް ތައުރީފުކޮށް، އެމްއެމްޕީއާރުސީގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރް ވަނީ ކްރިކެޓު ޓީމް ރާއްޖޭގައި ހޯސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
އެގޮތުން ހަނދާނުން ފުހެލަން ދަތި މަލަމަތިތަކާއި، ހިތްހަމަޖެހޭނެ މާހައުލެއް އަދި ޕާސަނަލައިޒްޑް މެހުމާންދާރީ އާއި ތަފާތު އެކި ތަޖުރިބާތައް ރާއްޖެއިން ލިބެންހުރިކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެ ދައުވަތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ވަރުގަދަ ސަގާފީ އަދި ކުޅިވަރުގެ ގުޅުންތައް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ އިންޑިއާ ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް ފުރިހަމަ މަންޒިލެއް ފޯރުކޮށްދީ، އިންޑިއާގެ ކްރިކެޓް ޓީމް ހޯސްޓް ކުރުމުގެ ފުރުސަތަށް އިންތިޒާރު ކުރައްވާ ކަމަށެވެ.
ފާހަގަ ކުރެވޭ - އިންޑިއާ ޓީމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ރާއްޖެ އައުމަށް ދައުވަތު ދީފައިވަނީ ރާއްޖެ އަންނަ އިންޑިއާގެ ޓޫރިސްޓުން މަދުވެފައިވާ ދަނޑިވަޅެއްގަ އެވެ. ރާއްޖޭގެ ދައުވަތު ގަބޫލުކޮށް އެ ޓީމުން ރާއްޖެ އައިސްފި ނަމަ، އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އަކީ އަނެއްކާވެސް މަގުބޫލު މަންޒިލަކަށް ވާނެ އެވެ.
ކޮމެންޓް (1)
ތެފައާސާ.