ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އަމީރު ވާހަކަދެއްކީ ހަގީގަތް އޮޅޭ ގޮތަށް؛ ކުރީ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ: ފިނޭންސް މިނިސްޓްރީ

އެ މިނިސްޓްރީން ބުނީ ކޮވިޑުގެ ހާލަތުން އަރައިގަނެ، މާލީ ހިރާސްތައް ކުޑަކުރަން ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް މިދިޔަ ސަރުކާރު ނިމުނު އިރު ވެސް ތަންފީޒުނުކުރާ ކަމަށް

ރާއްޖޭގެ މާލިއްޔަތަށް ވާރުތަަވެފައިވާ ދަތި އުނދަގޫތަކުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދެއްކެވީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މިދިޔަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ވަޒީރު، ދައުލަތުގެ މާލީ ހާލަތާއި ރާއްޖެއަށް ކުރިމަތިވެފައިވާ ފިސްކަލް ހިރާސްތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވީ ހަގީގަތް އޮޅޭހެން އަދި ފިނޭންސް މިނިސްޓްރީ ބަދުނާމުވާ ގޮތަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ތަފްސީލް - ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނީ، ރާއްޖޭގެ އިގްތިސޯދަކީ ކޮވިޑަށް ފަހު އެންމެ އަވަހަށް އިއާދަވި އެއް އިގްތިސޯދު ކަމަށާއި، މި އަހަރާއި މެދު ރާސްތާގައި ވެސް ރާއްޖޭގެ އިގްތިސޯދު ހަލުވިކަމާ އެކު ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މިހާރު ވެސް އަދި ކުރިން ވެސް ދައުލަތުގެ މާލިއްޔަތަށް ހިރާސްތަކެއް ހުރިކަން 2022 އާއި 2023ގައި ވެސް ފިނޭންސް މިނިސްޓްރީން ފާހަގަކޮށް، މާލީ ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފިސްކަލް ސްޓްރެޓެޖީ ބަޔާންތަކާއި ބަޖެޓު ފޮތްތަކުގައި ވެސް ލިޔެފައިވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިދިޔަ އަހަރުގެ ތެރޭ ޖީއެސްޓީ ރޭޓުތަކަށް ގެނައި ބަދަލުތަކަކީ ހާލަތާ އެކަށީގެންވާ ރަނގަޅު ބަދަލުތަކެއްކަން ފާހަގަކޮށް ފިނޭންސް އިން ބުނީ ކޮވިޑުގެ ހާލަތުން އަރައިގަނެ، ފިސްކަލް ހިރާސްތައް ކުޑަކުރަން އަޅަން ޖެހުނު އެންމެ މުހިއްމު ފިޔަވަޅުކަމަށްވާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް މިދިޔަ ސަރުކާރު ނިމުނު އިރު ވެސް ތަންފީޒުނުކުރާ ކަމަށެވެ.

"ފާއިތުވި އަހަރުތަކުގައި މިގޮތަށް އަމަލުކުރުމުގެ ނަތީޖާއަކަށް ވެފައިވަނީ ދައުލަތުގެ ހަރަދުތައް އާމްދަނީ އާ ނުބައްދަލު މިންވަރަށް އިތުރުވެ، މި ޑެފިސިޓު ފޫބެއްދުމަށް ކޮންމެ އަހަރަކު ވެސް ނަގަން ޖެހޭ ދަރަނީގެ އަދަދު އިތުރުވުމެވެ،" ފިނޭންސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ:

  • ނަތީޖާއެއްގެ ގޮތުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވޭ

  • މެދުރާސްތާގައި ދަރަނި އަދާނުކުރެވުމުގެ ހިރާސް ބޮޑުވެފައިވޭ

  • އެކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ދިޔުމުގެ ސަބަބުން މިދިޔަ މަހުގެ 26ގައި ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި

"2024 ވަނަ އަހަރު ބަޖެޓު ފޮތުގައި އަހަރުގެ މެދު ތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށް، ހަރަދުތައް ކުޑަ ކުރާނެ ކަމަށް ބަޔާންކޮށް ކޮންސެޕްޗުއަލް ފްރޭމްވޯކެއް ތައްޔާރުކޮށްފައި އޮތް ނަމަވެސް 17 ނޮވެމްބަރު 2023 ވަނަ ދުވަހާ ހަމައަށް ވެސް އެކަން ކުރާނެ ގޮތުގެ ތަފްސީލީ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައެއް ނެތެވެ،" މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރީ ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާކަން ފާހަގަކޮށް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އެ އިސްލާހާ ގުޅޭ ތަފްސީލީ، ޓެކްނިކަލް މަސައްކަތްތައް ނިންމައި ހަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ތަންފީޒު ކުުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ އިސްލާހީ މަސައްކަތްތަކަކީ ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ، މުސްތަގުބަލާ ގުޅުން ހުރި ކަމެއް ކަމަށާއި އެކަމާ ގުޅުން ހުރި މަސައްކަތްތަކުގައި ހުރިހާ އެންމެންގެެ އެއްބާރުލުމަށް އެދޭ ކަމަށް ވެސް ފިނޭންސްގެ ބަޔާނުގައި ބުންޏެވެ.

ގުޅުން ހުރި ކަމެއް - މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުގެ ތެރެއިން ގެންނަން ޖެހޭ ރިފޯމުތައް ނުގެނެސް، "ރައްޔިތުންގެ ޖީބަށް އަތް ބާނައި،" ޓެކްސް ބޮޑުކުރަން ތާއީދުނުކުރާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ، މިދިޔަ ސަރުކާރުގައި ކޮވިޑާ އެކު އެޅީ އަވަސް ރަނގަޅު ފިޔަވަޅުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު މިހާރު މި އޮތީ ރަނގަޅު ހާލަތެއްގައި ކަމަށެވެ. މިހާރު ޖެހިގެން މިއުޅޭ މައްސަލައަކީ ސަރުކާރަށް މާލީ ގޮންޖެހުންތައް މެނޭޖު ކުރަން ނޭނގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ރުމާލު 2

1 ޖުލައި 2024
އަމީރު ދެއްކި ވާހަކަ ރަނގަޅު. މައްސަލައަކީ މިހާރުގެ ސަރުކާރުން ކުރިން ރާވާފަ ހުރި ފިޔަވަޅުތައްވެސް ލަސްކުރަމުން، ޚަރަދު ބޮޑުކުރަމުން ދާތީ. ނޫސްބަޔާން ނުލިޔެ، އަމަލު ގިނަ ކުރަންވީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް