ރާއްޖޭގެ އިގްތިސޯދީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އިގްތިސާދު

ސަރުކާރުގެ ހަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑުކުރަން ތާއީދެއް ނުކުރަން: އަމީރު

އަމީރު ވިދާޅުވީ އޭނާގެ މިނިސްޓަރު ކަމުގެ ދަށުން އޭރު ޓެކްސް ބޮޑުކުރީ ވަރަށް ބޮޑަށް ދިރާސާކޮށް، އައިއޭއެމްއެފް އާއި ވޯލްޑް ބޭންކު ފަދަ ތަންތަނާ އެކު މަސައްކަތްކޮށްގެން ހޯދުނު ތަފާސްހިސާބުތަކެއްގެ މައްޗަށް ކަމަށް

މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުގެ ތެރެއިން ގެންނަން ޖެހޭ ރިފޯމުތައް ނުގެނެސް، "ރައްޔިތުންގެ ޖީބަށް އަތް ބާނައި"، ޓެކްސް ބޮޑުކުރަން ތާއީދުނުކުރާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން، އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާންމުން ގަންނަ ތަކެއްޗާއި ހޯދާ ހިދުމަތްތަކުން ނަގާ ޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ނިންމާފައިވެ އެވެ.

އާމްދަނީ އިތުރުކުރަން މި ސަރުކާރުން އަޅަމުންދާ އަދި އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން އިއްޔެ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ފާޑުވިދާޅުވެފަ އެވެ. ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ސުވާލުކުރުމުން އަމީރު ވިދާޅުވީ، މި ވަގުތު ޓެކްސް ބޮޑުކުރުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

ބުނީ ކީކޭ؟ - އަމީރުގެ ފިނޭންސް މިނިސްޓަރު ކަމުގެ ދަށުން ވެސް ޓެކްސް ބޮޑުކޮށްފައި ވާއިރު، މިހާރު އެކަމަށް ތާއީދުނުކުރައްވަނީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އޭރު ޓެކްސް ބޮޑުކުރީ ވަރަށް ބޮޑަށް ދިރާސާކޮށް، އައިއެމްއެފް އާއި ވޯލްޑް ބޭންކު ފަދަ ތަންތަނާ އެކު މަސައްކަތްކޮށްގެން ހޯދުނު ތަފާސްހިސާބުތަކުގެ މައްޗަށް ކަމަށެވެ.

މިއަދުގެ ސަރުކާރުން ވެސް ދައުލަތުގެ މާލީ ކަންކަން މެނޭޖުކުރަމުން، މި އަހަރުގެ ބަޖެޓުގައި ފާހަގަކޮށްފައިވާ ކަންކަން އެގޮތަށް ކުރަމުންދިޔަ ނަމަ މިއަދުގެ ހާލަތަށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މި ރިފޯމުތައް ނުގެނެސް އެބޭފުޅުންގެ ނާގާބިލުކަމުން އުފެދުނު މައްސަލައެއް އަނެއްކާ މުޅި އެތި ކީއްކުރަންހޭ ރައްޔިތުންގެ ބޮލަށް ޖަހަންވީ. އަޅުގަނޑު ގޮވާލަނީ ފުރަތަމަ އެ ރިފޯމުތައް ގެންނާށޭ. އެ ރިފޯމުތަކުގެ ތެރެއިން ދެން އޭގެ ތެރެއިން އެބޭފުޅުންނަށް ދިރާސާކޮށްގެން ކުރިއަށް ގެންދެވިދާނެ،" އަމީރު ވިދާޅުވި އެވެ.

ޓެކްސް ބޮޑުކުރުމުގެ ކުރިން މާލީ ގޮންޖެހުންތައް މެނޭޖުކުރުން މި ސަރުކާރުން ގެންނަން ޖެހޭ ރިފޯމުތަކާއި ކުރަންޖެހޭ ކަންކަން ވެސް އޭނާ ވިދާޅުވެދެއްވި އެވެ. އެގޮތުން، އަމީރު ވިދާޅުވީ:

  • މާލީ ހާލަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުން

  • މި އަހަރުގެ ބަޖެޓުގައި ހިމެނޭ އިސްލާހީ ފިޔަވަޅުތައް، ބަޖެޓުގައިވާ ގޮތަށް ކުރިއަށްގެންދިއުން

  • ގައުމީ ތަރައްގީގެ ޕްލޭނެއް ހަދައި އާންމުކުރުން

  • ފުރަތަމަ ރައްޔިތުންގެ ޖީބަށް "އަތް ބޭނުމުގެ" ބަދަލުގައި ސަރުކާރުގެ ހަރަދުތައް މަދުކުރުން އަދި އެކަމަށްޓަކައި ސިޔާސީ މަގާމުތައް މަދުކުރުން

އެނގުން މުހިންމު - މިދިޔަ ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ، ކެބިނެޓުން ފާސްކޮށްފައިވާ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓު އާންމުކޮށްފަ އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އާމްދަނީ އިތުރުކުރުމުގެ ގޮތުން މިއަހަރު ނިމުމުގެ ކުރިން އަޅާނޭ ފިޔަވަޅުތަކަކީ:

  • އެއާޕޯޓް ބޭނުން ކުރާ މީހުންގެ އަތުން މިހާރު ނަގަމުން އަންނަ ފީތަކާއި ޓެކްސްތައް ބޮޑުކުރުން؛ އެނގިފައިވާ ގޮތުގައި އެއާޕޯޓް ޑިވަލޮޕްމަންޓް ފީ ޑަބަލް ކުރަން ރާވާފައިވޭ

  • މިހާރު އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ދީފައިވާ ބައެއް ޑިއުޓީގެ ލުއިތައް މުރާޖައާކުރުން؛ އެ ސިޔާސަތުގެ ދަށުން ސަރަހައްދީ ޕޯޓްތަކަށް އެތެރެ ކުރާ މުދަލަށް ދީފައިވާ ޑިއުޓީ ލުއިތައް ނިމުމަކަށް ގެންނާނެކަން ވަނީ އެނގިފައި

ކޮމެންޓް (1)

ސައިމާ

30 ޖޫން 2024
އަމީރުގެ ލަދެއްނެތީތަ؟ ކަލޭމެން ވެރިކަންކުރިއިރު ހޭވިހަޑިތަކުން ގައުމުގެ ކުރިމަގު އިންތިހާއަށް ބަނަވެފައިމިއޮތީ. އެއިރުގެ ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އަމީރުގެ ބޮލުގައި އެޅޭ ޒިންމާ ކުޑައެއްނޫނޭ. އިގްތިސާދާއި ފައިނޭންސް ޚަރާބުކޮށްފައި، ޚަޒާނާއާއި، އެސްޑީއެފްގައި ރައްކާކުރިހައި ފައިސާތައް ތަޅާބުރުވާލައިފައި ކޮން ދިރާސާއެކޭ ތިޔާކިޔަނީ؟ ތިޔާދެއްކޭވާހަކަޔާއި، ކުރެވެނުކަންތައް ހަނދާންވޭތަ؟
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް