އެސްޓީއޯއިން ސުޕަމާކެޓުން މީހަކު ވިޔަފާރި ކުރަނީ: އަންނަ އަހަރުން ފެށިގެން ޖީއެސްޓީ ބޮޑުކުރަން ވަނީ ނިންމާފައި (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
ޖީއެސްޓީ، އިމްޕޯޓް ޑިއުޓީ އަދި ގްރީޓް ޓެކްސް ބޮޑުކުރަން ނިންމައިފި
އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާންމުން ގަންނަ ތަކެއްޗާއި ހޯދާ ހިދުމަތްތަކުން ނަގާ ޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ މިހާރު ނަގާ އަދަދުތައް މުރާޖައާކުރަން ނުވަތަ ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެކަން ހާމަވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކެބިނެޓުން ފާސްކޮށް މިއަދު ފިނޭންސް މިނިސްޓްރީން އާންމުކުރި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓުންނެވެ.
ތަފްސީލް - އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އާމްދަނީ އިތުރުކުރުމުގެ ގޮތުން މިއަހަރު ނިމުމުގެ ކުރިން އަޅާނޭ ފިޔަވަޅުތަކަކީ:
-
އެއާޕޯޓް ބޭނުން ކުރާ މީހުންގެ އަތުން މިހާރު ނަގަމުން އަންނަ ފީތަކާއި ޓެކްސްތައް ބޮޑުކުރުން؛ އެނގިފައިވާ ގޮތުގައި އެއާޕޯޓް ޑިވަލޮޕްމަންޓް ފީ ޑަބަލް ކުރަން ރާވާފައިވޭ
-
އެކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ޓިކެޓް ގަންނަން ލިބޭ އަގުތައް ބޮޑުވާނެ
-
ދެން އަޅާނޭ ފިޔަވަޅަކީ މިހާރު އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ދީފައިވާ ބައެއް ޑިއުޓީގެ ލުއިތައް މުރާޖައާކުރުން؛ އެ ސިޔާސަތުގެ ދަށުން ސަރަހައްދީ ޕޯޓްތަކަށް އެތެރެ ކުރާ މުދަލަށް ދީފައިވާ ޑިއުޓީ ލުއިތައް ނިމުމަކަށް ގެންނާނެކަން ވަނީ އެނގިފައި
އާމްދަނީ އިތުރުކުރަން އެންމެ ގިނަ ފިޔަވަޅުތައް ތަންފީޒު ކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން އެ ރިޕޯޓްގައިވާ ގޮތުގައި އަންނަ އަހަރު ތެރޭ އަޅާނޭ ފިޔަވަޅުތަކަކީ:
-
ގްރީން ޓެކްސް ބޮޑުކުރުން
-
ޖީއެސްޓީ ނަގާ ތަކެތި ނުވަތަ ހިދުމަތްތައް އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުން
-
އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުން
-
ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުން
-
ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ނަގާ ގޮތަށް ބަދަލު ގެނައުން
-
ރަލާއި، ދުންފަތް، އޫރުމަސް އަދި އެނާޖީ ޑްރިންކް ފަދަ ސިއްހަތަށް ނުރައްކާ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެފަދަ ތަކެތިން ޓެކްސް ނަގާ ސިޔާސަތުތަކަށް ބަދަލުތަކެއް ގެނައުން
އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ވަރަށް ގިނަ ފިޔަވަޅުތައް އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ނުވަތަ ކުއާޓަރުގައި އަޅަން ފަށާނެ އެވެ.
މީގެ އިތުރުން 2026، 2027 އަދި 2028 ގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ:
-
ކާބަން ކްރިޑިޓް ބޭރުގެ މާކެޓްތަކުގައި ވިއްކައިންގެން އާމްދަނީ ހޯދުން
-
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސްގެ އިދާރީ ބުރަ ކުޑަކުރުން
-
އިންކަމް ޓެކްސް ނަގާ އާމްދަނީ ދަށްކުރުން
-
ބްރިޖް ފަދަ ތަންތަނުން ފީ ނެގޭނޭ ސިޔާސަތެއް އެކުލަވާލުން
-
ޕްރޮޕަޓީ ޓެކްސް ނިޒާމެއް ތައާރަފްކުރުން
މެދު ރާސްތާގެ އާމްދަނީގެ ސިޔާސަތުގައި ހުރި ކަންކަން ތަންފީޒުކުރާނެ ގޮތާއި ތަންފީޒު ކުރާނެ މިންވަރު ކަނޑައަޅާނީ ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ނިންމާ ގޮތްތަކެއްގެ މައްޗަށް ކަމަށް ވެސް އެ ސިޔާސަތުގައި ލިޔެފައިވެ އެވެ.
ފާހަގަކޮށްލެވޭ - މެދު ރާސްތާގެ އާމްދަނީގެ ސިޔާސަތުގައި ބުނެފައިވާ ގޮތުގައި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް އަޅަނީ ދައުލަތުގެ ހަރަދުތަައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވާވުން ކުޑަކުރުމަށެވެ. މީގެ އިތުރަށް:
-
ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމާއި ދަރަނި ދެއްކުމުގެ ބުރަ ލުއިކުރުން
-
ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ދޭ އިޖުތިމާއީ ރައްކާތެރިކަން އެގޮތުގައި ދެމެހެއްޓުން
-
ހަމަހަމަ ވަށާ ޖެހޭ ޓެކްސް ނިޒާމެއް ގާއިމްކުރުން
އެ ރިޕޯޓްގައި އަދި ބުނީ މެދު ރާސްތާގެ އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ %35.5 އިތުރުވާނޭ ކަމަށެވެ. މިހާރު ޓެކްސް އާމްދަނީއަކީ ޖީޑީޕީގެ ނިސްބަތުން %32.5 އެވެ.
ކޮމެންޓް (5)
ގަމީހެއް
ޓެކްސް ދަ ރިޗް
ހުވަދޫ އަހައްމަދޭ
ޯރޯނޭ
އަހުމަދު ކާމިލު