29/6/2024؛ ރާއްޖޭގެ އިގްތިސޯދީ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު(ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ރާއްޖޭގެ އިގްތިސޯދު އޮތީ ރަނގަޅަށް، މިއުޅެނީ މެނޭޖުކުރަން ނޭނގިގެން: އަމީރު

އަމީރު ވިދާޅުވީ ދަރަނި ރީސްޓަކްޗަރިންނަށް ދާން އަދި ގާތް ވެސް ނުވާ ކަމަށާއި ކުރަންޖެހޭ ކަމަކީ މާލީ ގޮންޖެހުންތައް މެނޭޖުކުރަން ސަރުކާރުގެ ޓްރެކް ބަދަލުކޮށް އިސްލާހުވުން ކަމަށް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ، މިދިޔަ ސަރުކާރުގައި ކޮވިޑާ އެކު އެޅީ އަވަސް ރަނގަޅު ފިޔަވަޅުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު މިހާރު މި އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި މިހާރު ޖެހިގެން މިއުޅޭ މައްސަލައަކީ ސަރުކާރަށް މާލީ ގޮންޖެހުންތައް މެނޭޖު ކުރަން ނޭނގުން ކަމަށް މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ޥީ ކިހިނެއް؟ - ރާއްޖޭގެ މާލީ އަދި އިގްތިސޯދީ ހާލަތާ ގުޅިގެން ކަންބޮޑުވުންތައް ފާޅުކުރުމަށް އެމްޑީޕީން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު އޮތް ގޮތާއި، ހައްލުުކުރުމަށް ކުރެވިދާނެ ކަންކަމާއި އަމީރުގެ ފިނޭންސް މިނިސްޓަރު ކަމުގެ ދަށުން އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތް ގޮތާބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ

 އިގްތިސޯދު މިއޮތީ ރަނގަޅު ހާލަތެއްގައި. މިބޭފުޅުންނަށް މިއުޅެނީ މާލީ ގޮންޖެހުންތައް މެނޭޖު ނުކުރެވިގެން

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ތަފްސީލް - އަމީރު ވިދާޅުވީ ސަސްޕެންޝަނުގައި ތިއްބަވައިގެން މި ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ "ދޮގު ވާހަކަތަކު"ގެ ސަބަބުން ރާއްޖޭގެ މުޅި ޓޫރިޒަމް ސިނާއަތަށް 2.3 ބިލިއަން ރުފިޔާގެ ގެއްލުމެއްވެ، ޓެކްސް ރެވެނިއު ވެސް ގެއްލިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ މީސްމީހުންގެ ފަރާތުން ރާއްޖޭގެ ދައުލަތަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުންތަައް ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖެ ޑެޓް-ރީސްޓަރަކްޗަރިންގެ ހާލަތަށް ދާން ގާތްނުވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ވެސް އޮތީ 2019 ވަނަ އަހަރާ ބަލާއިރު ރަނގަޅު ހާލަތެއްގައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދު މިހާރު ވެސް ދުޅަހެޔޮކޮށް އޮތީ ކޮވިޑުގެ ތެރޭ ރައީސް ސޯލިހްގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން ކަމަށެވެ. އެގޮތުން އަމީރު ވިދާޅުވީ އެފިޔަވަޅުތައް އޭރު އެޅީ ހިސާބުޖެހުމަށް ފަހު ކަމަށާއި ފަހުން ކުރަންޖެހޭ ކަންކަން ވެސް އެނގި ތިބެގެން ކަމަށެވެ. އަދި އޭރު އެ ފިޔަވަޅުތައް އެޅިއިރު ރާއްޖޭގެ ވެރިކަމަށް ދެން އަަންނާނީ "ނާގާބިލު" އެ މަސައްކަތް ކުރަން ނޭނގޭ ބައެއް ކަމަށް ބަލައިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އިގްތިސޯދު މިއޮތީ ރަނގަޅު ހާލަތެއްގައި. ތިޔަ ބޭފުޅުންނަށް މިއުޅެނީ މާލީ ގޮންޖެހުންތައް މެނޭޖު ނުކުރެވިގެން،" އަމީރު ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށް ފަހު ހެއްދެވި ކަމަށް އަމީރަށް ފެނިވަޑައިގަންނަވާ ބައެއް ގޯސްތައް އޭނާ ފާހަގަ ކުރެެއްވި އެވެ. އެގޮތުން؛

  • އަވަށްޓެރި ގައުމުތަކަށް ސަރުކާރުގެ ވެރިން ރައްދުކުރަމުން ދިޔަ ބަސްމަގާއި، ހެދި މިސްޓޭކްތަކުގެ ސަބަބުން ހިލޭ އެހީދޭ ގައުމުތަކާ ގުޅުން ހީނަރުވި

  • ބަޖެޓު ފައިނޭންސް ކުރަން ނޭނގުން؛ ސަރުކާރުން ދެށީ ބަޖެޓު ފައިނޭންސް ކުރުމަކީ ވަރަށް ފަސޭހަކަމެއް ކަމަށް

  • ފައިސާ ހަމަޖެހިފައި ހުރި ކަމުގެ ސިގްނަލްތައް ދިން ނަމަވެސް، މިހާތަނަށް ފެންނަނީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގައި "ނުކުޅެދިފައިވާތަން"

  • މުސާރަ އާއި ދަތުރުފަތުރު، އަދި ސިޔާސީ މުވައްޒަފުން ގިނަކުރުމާއި ރިކަރަންޓް ހަރަދު ބޮޑުވެ ކޭޝްފުލޯ މެނޭޖު ނުކުރެވުން

އެހެންކަމުން އަމީރު ވިދާޅުވީ މި ސަރުކާރުން ކުރަންވީ ކަމަކީ މާލީ ގޮންޖެހުންތައް މެނޭޖުކުރުން ކަމަށެވެ. އެގޮތުން ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ވިދާޅުވީ:

  • ފިސްކަލްގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުން

  • 2024 ވަނަ ބަޖެޓުގައި ޕްލޭންކޮށްފައިވާ ރިފޯމްތައް ޕްލޭންކޮށްފައިވާ ގޮތަށް ގެނައުން

  • ގައުމީ ތަރައްގީގެ ޕްލޭނެއް ހަދައި އާންމުކުރުން

  • ފުރަތަމަ ރައްޔިތުންގެ ޖީބަށް "އަތްބޭނުމުގެ" ބަދަލުގައި ސަރުކާރުގެ ހަރަދުތައް މަދުކުރުން، އަދި އެކަމަށްޓަކައި ސިޔާސީ މަގާމުތައް މަދުކުރުން

"އެހެންވީމާ ޑެޓް ރީސްޓަކްޗަރިންނަށް ދާކަށް އަދި ގާތެއް ވެސް ނުވޭ. މިބޭފުޅުން އެބަ ޖެހޭ މާލީ ގޮންޖެހުންތައް މެނޭޖުކުރަން އެބޭފުޅުންގެ ޓްރެކް ބަދަލުކުރަން. އެބޭފުޅުން އިސްލާހުވާން," އަމީރު ވިދާޅުވި އެވެ.

ކޮމެންޓް (3)

ކުނިގޮންޱު

30 ޖޫން 2024
ކުރީގަ ފިނޭންސް މިނިސްޓަރުކަން ކުރި މީހެއްގެ ހައިސިއްޔަތުން އަދި ތަޖުރިބާކާރެއްކަމުގަ ދައުވާކުރާނަމަ އެބަޖެހޭ އަމިއްލަ ހައިސިއްޔަތުންވެސް މިހާރުގެ ފިނޭންސް މިނިސްޓަރ އާއި ބައްދަލުކޮށް ގުޅިގެން މިޤައުމުގެ ކުރިމަގަށް ހެޔޮގޮތްތަކެއް ނިންމަން. ހަނދާންކުރާތި ތިޔަދައްކާވާކައިގެ ދޮހެއްވާނަމަ ރައްޔިތުން ތިޔަފަރާކަށް މާފެއްނުކުރާނެ. ދޮގާއި ތެދު ވާކަން ހަނދާކުރާތި.
0 0

އަނެއްކާ

30 ޖޫން 2024
އަނޭއްއްއްކާ ، މީ ހާދަ މޮޅު ގޮލައެކޭ. ލާރިތަކަށް ހެދިގޮތެއް ފުރަތަމަ ބުނެދީ. ކަލޭ ދިވެހީންގެ ހިތާކުޅެފައި މިހާރު ކޯޗެކޭ ތިގޮވަނީ.
0 0

ނޭވާހޮޅި

29 ޖޫން 2024
ކަލޯ ތިޔަހާ މޮޅިއްޔާ ބުނެދީފާނަންތަ ދިވެހީންގެ ނޭވާހޮޅިއަށް ހެދިގޮތެއް. މިހާރު މީހުން ނުގޮވާ ކޮވިޱެކޭވެސް ވީމާއެލާރިކޮޅައް އެކޮއެމެން ހެދިގޮތެއްބަލަން ބުނެދީފާނަންތަ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް