މިދިޔަ ޖޫން 15 ގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެމްޓީސީސީ

2022 ވަނަ އަހަރުގެ ފައިދާ ބަހަން އެމްޓީސީސީ އިން ހާއްސަ ޖަލްސާއެއް ބާއްވަނީ

2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅީ މޫނުމަތީ އަގު 5ރ.ގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 4ރ، ބެހުމަށް، އެގޮތަށް ފާސްކުރަން ވޯޓަށް އެހުމުން، ފައިދާ ބަހަން ނުފެންނަ ކަމަށް 61 ހިއްސާދާރުން އަދި ފާސްކުރަން ފެންނަ ކަމަށް 54 ހިއްސާދާރުން ވޯޓު ދިން

އެމްޓީސީސީގެ ހިއްސާދާރުންނަށް 2022 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ފައިދާ ބަހަން ނުފެންނަ ކަމަށް މިދިޔަ ޖޫން 15ގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނިންމި ނިންމުން ބަދަލު ކުރަން ފެނޭތޯ ބެލުމަށް ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް (އީޖީއެމް) ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅީ މޫނުމަތީ އަގު 5ރ.ގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 4ރ، ބެހުމަށެވެ. އެކަމަކު އެގޮތަށް ފާސްކުރަން ވޯޓަށް އެހުމުން، ފައިދާ ބަހަން ނުފެންނަ ކަމަށް 61 ހިއްސާދާރުން އަދި ފާސްކުރަން ފެންނަ ކަމަށް 54 ހިއްސާދާރުން ވޯޓު ދިނެވެ. އެހެންވެ ނިމުނީ ފައިދާ ނުބަހާ ގޮތަށެވެ.

ތަފްސީލް - އެގޮތަށް ފާސްކުރި ނަމަވެސް، ބޯޑު މެންބަރުންނާ ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި، ބައެއް ހިއްސާދާރުން ވަނީ ހިއްސާގެ ފައިދާ ބަހަން ނިންމި ގޮތް، އާންމު ހިއްސާދާރުންގެ ތެރެއިން ގިނަ ބަޔަކަށް އޮޅުންނުފިލާ އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އަލުން އެޖެންޑާގެ އެ ނަންބަރަށް ވޯޓަށް އަހަން ވެސް އެދުނެވެ.

  • އެ ހުށަހެޅުމާ މެދު ގާނޫނީ ލަފާ ހޯދައި، އެމްޓީސީސީ އިން ވަނީ ބޯޑު ބައްދަލުވުމެއް ބާއްވާފައި

  • ބޯޑު ބައްދަލުވުމަށް ފަހު ނިންމީ ހިއްސާއާ މެދު ގޮތެއް ނިންމަން ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވަން

އެމްޓީސީސީ އިން މިހާރު ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އީޖީއެމް ބާއްވަން ނިންމައިފަ އެވެ. ޖަލްސާ ކުރިއަށް ގެންދަން ނިންމާފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން، ފަހިވޯޓް މެދުވެރިކޮށެވެ.

އީޖީއެމްގެ އެޖެންޑާގައި ހިއްސާ އަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމި އަދަދާ މެދު ހިއްސާދާރުން ގޮތެއް ނިންމުމުގެ އިތުރުން ދެން ހިމެނެނީ:

  • އެމްޓީސީސީގެ އަސާސީ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސް ކުރުން

  • އެމްޓީސީސީގެ ހިންގާ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުން

އެމްޓީސީސީ އިން ބުނީ 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާ ދާރުންގެ ގޮތުގައި ތިބި ހިއްސާދާރުންނަށް ކަމަށެވެ.

ފާހަގަ ކުރެވޭ - އެމްޓީސީސީގެ 2022 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ.

  • ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 229.15 މިލިއަން ރުފިޔާ ރެކޯޑު ކުރެވިފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް