ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އެމްޓީސީސީ

އެމްޓީސީސީގެ ހިއްސާގެ ފައިދާ ބަހަން ފާހެއް ނުވި

ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅީ މޫނުމަތީ އަގު 5ރ ގެ ހިއްސާއަކަށް 4ރ ބަހަން، އެކަމަކު އާންމު ހިއްސާދާރުން ވޯޓު ލީ އެއާ ދެކޮޅަށް

އެމްޓީސީސީގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 4ރ ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް މިރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާ ދާރުންގެ ވޯޓުން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން މޫނުމަތީ އަގު 5ރގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 4ރ ބެހުމަށެވެ.

ތަފްސީލް - ކުރުނބާ މޯލްޑިވްސްގައި މިރޭ އޮތް އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް 61 ހިއްސާދާރުން ވޯޓު ދިން އިރު، ފާސްކުރަން ފެންނަ ކަމަށް ވޯޓުދިނީ 54 ހިއްސާދާރުންނެވެ.

މިގޮތަށް ފާސްކުރުމާ އެކު މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް އެއްވެސް އެއްޗެއް ނުލިބޭނެ އެވެ.

އެމްޓީސީސީގެ 2022 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 2.47 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ.

  • ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 229.15 މިލިއަން ރުފިޔާ ރެކޯޑު ކުރެވިފައިވޭ

  • ސާފު ފައިދާގެ ގޮތުގައި ލިބުނީ 196 މިލިއަން ރުފިޔާ. އެކަމަކު މިއީ މިދިޔަ އަހަރަށް ވުރެ މަދު އަދަދެއް. އޭގެ ސަބަބަކީ މުދަލުގެ އަގު އުފުލުމާ އެކު އެ ކުންފުނީގެ އެކި ޕްރޮޖެކްޓުތަކަށް ބޭނުންވާ މުދާ ހޯދަން ހޭދަކުރި މިންވަރު މަތިވުން

އަހަރީ އާންމު ޖަލްސާގެ ބައެއް އުސް އަލިތައް

މިރޭގެ އަހަރީ އާންމު ޖަލްސާގައި 2021ގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރި އެވެ.

މީގެ އިތުރުން؛

  • ކުންފުނީގެ ހިންގާ ގަވައިދަށް ހުށަހެޅި އިސްލާހު ވެސް ފާސްކުރި. ކުންފުނީގެ ހިންގާ ގަވައިދުގެ ހަ ވަނަ މާއްދާގެ 6.1 އަދި 6.2 އުނިކުރީ ރެގިއުލޭޓަރުގެ އިރުޝާދުގެ މަތިން ކުންފުންޏާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) އާ އެއްގޮތަށް އިސްލާހު ކުރުމަށް 

މިއާ އެކު؛

  • ސީދާ ގޮތުން އަދި ނުސީދާ ގޮތުން ނަމަވެސް އަމިއްލަ ފަރުދަކަށް ނުވަތަ އަމިއްލަ ފަރުދެއް ހިއްސާވާ ގާނޫނީ ޝަހުސަކަށް އެންމެ ގިނަވެގެން މިލްކުކުރެވޭނީ އެ ކުންފުނީގެ ހިއްސާގެ ރައުސްމާލުގެ %5 ކަމަށް ބުނާ މާއްދާ އާއި އެއްވެސް އިރެއްގައި އަމިއްލަ ފަރުދުންނަށް ދޫކޮށްފައިވާ އަދި ކުރިއަށް އޮތް ތަނުގައި ދޫކުރާ ހިއްސާގެ ތެރެއިން އެއްވެސް ވަރެއް ސަރުކާރު ކުންފުންޏަކުން ނުވަތަ ސަރުކާރުގެ %51 ހިއްސާ އޮންނަ ޝަހުސެއްގެ ނަމުގައި އޮވެގެން ނުވާނެ ކަމަށް ބުނާ މާއްދާ ވަނީ އުނިކޮށްފައި

  •  ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާޒް (ޕީޑަބްލިއުސީ) ހަމަޖައްސަން ވެސް ފާސްކުރި.

އެނގުން މުހިއްމު - އެމްޓީސީސީއަކީ ސަރުކާރުގެ %64.20 ހިއްސާ އާއި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ %4.65 ހިއްސާ އަދި އާންމުންގެ %31.15 ހިއްސާ އޮންނަ ކުންފުންޏެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް