އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑް ޑިރެކްޓަރުން (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އެމްޓީސީސީ

އެމްޓީސީސީގެ ހިއްސާ ބަހަން ހާއްސަ ގޮތުން އާންމު ޖަލްސާއެއް ބާއްވަނީ

މިރޭ އޮތް އަހަރީ ޖަލްސާގައި ގިނަ ހިއްސާދާރުން ވޯޓު ދިނީ މިދިއަ އަހަރުގެ ފައިދާއިން ފައިސާ ނުބަހާ ގޮތަށް

އެމްޓީސީސީއަށް މިދިއަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ބަހަން ބޯޑުން ހުށަހެޅި ހުށަހެޅުން ފާސް ކުރަން ނުފެންނަ ކަމަށް މިރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނިންމާފައިވަނިކޮށް އެ ނިންމުން ބަދަލުކުރަން ބައެއް ހިއްސާދާރުން އެދިފައިވާތީ އެކަމާ މެދު ގޮތެއް ނިންމުމަށް ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ އަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅީ މޫނުމަތީ އަގު 5ރ.ގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 4ރ، ބެހުމަށެވެ.

އެކަމަކު އެގޮތަށް ފާސްކުރަން ވޯޓަށް އެހުމުން، ފައިދާ ބަހަން ނުފެންނަ ކަމަށް 61 ހިއްސާދާރުން އަދި ފާސްކުރަން ފެންނަ ކަމަށް 54 ހިއްސާދާރުން ވޯޓު ދިނެވެ. އެހެންވެ ނިމުނީ ފައިދާ ނުބަހާ ގޮތަށެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ޑިރެކްޓަރުން. ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާގެ ފައިދާ ނުބަހަން ވަނީ ނިންމާފައި (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ތަފްސީލް - އެގޮތަށް ފާސްކުރި ނަމަވެސް، ބޯޑު މެންބަރުންނާ ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި، ބައެއް ހިއްސާދާރުން ވަނީ ހިއްސާގެ ފައިދާ ބަހަން ނިންމި ގޮތް، އާންމު ހިއްސާދާރުންގެ ތެރެއިން ގިނަ ބަޔަކަށް އޮޅުންނުފިލާ އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އަލުން އެޖެންޑާގެ އެ ނަންބަރަށް ވޯޓަށް އަހަން ވެސް އެދުނެވެ.

  • އެ ހުށަހެޅުމާ މެދު ގާނޫނީ ލަފާ ހޯދައި، އެމްޓީސީސީ އިން ވަނީ ބޯޑު ބައްދަލުވުމެއް ބާއްވާފައި

  • ބޯޑު ބައްދަލުވުމަށް ފަހު ނިންމީ ހިއްސާއާ މެދު ގޮތެއް ނިންމަން ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވަން

  • އެ ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ

އެމްޓީސީސީގެ 2022 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ.

  • ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 229.15 މިލިއަން ރުފިޔާ ރެކޯޑު ކުރެވިފައިވޭ

  • ސާފު ފައިދާގެ ގޮތުގައި ލިބުނީ 196 މިލިއަން ރުފިޔާ. އެކަމަކު މިއީ މިދިޔަ އަހަރަށް ވުރެ މަދު އަދަދެއް. އޭގެ ސަބަބަކީ މުދަލުގެ އަގު އުފުލުމާ އެކު އެ ކުންފުނީގެ އެކި ޕްރޮޖެކްޓުތަކަށް ބޭނުންވާ މުދާ ހޯދަން ހޭދަކުރި މިންވަރު މަތިވުން

އަހަރީ އާންމު ޖަލްސާގެ ބައެއް އުސް އަލިތައް

މިރޭގެ އަހަރީ އާންމު ޖަލްސާގައި 2021ގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރި އެވެ.

މީގެ އިތުރުން؛

  • ކުންފުނީގެ ހިންގާ ގަވައިދަށް ހުށަހެޅި އިސްލާހު ވެސް ފާސްކުރި. ކުންފުނީގެ ހިންގާ ގަވައިދުގެ ހަ ވަނަ މާއްދާގެ 6.1 އަދި 6.2 އުނިކުރީ ރެގިއުލޭޓަރުގެ އިރުޝާދުގެ މަތިން ކުންފުންޏާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) އާ އެއްގޮތަށް އިސްލާހު ކުރުމަށް 

މިއާ އެކު؛

  • ސީދާ ގޮތުން އަދި ނުސީދާ ގޮތުން ނަމަވެސް އަމިއްލަ ފަރުދަކަށް ނުވަތަ އަމިއްލަ ފަރުދެއް ހިއްސާވާ ގާނޫނީ ޝަހުސަކަށް އެންމެ ގިނަވެގެން މިލްކުކުރެވޭނީ އެ ކުންފުނީގެ ހިއްސާގެ ރައުސްމާލުގެ %5 ކަމަށް ބުނާ މާއްދާ އާއި އެއްވެސް އިރެއްގައި އަމިއްލަ ފަރުދުންނަށް ދޫކޮށްފައިވާ އަދި ކުރިއަށް އޮތް ތަނުގައި ދޫކުރާ ހިއްސާގެ ތެރެއިން އެއްވެސް ވަރެއް ސަރުކާރު ކުންފުންޏަކުން ނުވަތަ ސަރުކާރުގެ %51 ހިއްސާ އޮންނަ ޝަހުސެއްގެ ނަމުގައި އޮވެގެން ނުވާނެ ކަމަށް ބުނާ މާއްދާ ވަނީ އުނިކޮށްފައި

  •  ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާޒް (ޕީޑަބްލިއުސީ) ހަމަޖައްސަން ވެސް ފާސްކުރި.

އެނގުން މުހިއްމު - އެމްޓީސީސީއަކީ ސަރުކާރުގެ %64.20 ހިއްސާ އާއި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ %4.65 ހިއްސާ އަދި އާންމުންގެ %31.15 ހިއްސާ އޮންނަ ކުންފުންޏެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް