ނޫވިލު ސީޕްލޭން ޓާމިނަލް (ފޮޓޯ/އެމްއޭސީއެލް)

އޭވިއޭޝަން ދާއިރާ ފުޅާކުރަން ސީޕްލޭން ޓާމިނަލް ފުލްމޫން ރިސޯޓަށް ބަދަލުކުރަން ޖެހޭ: ސައީދު

މިނިސްޓަރު ސައީދު ވިދާޅުވީ ދަތުރުފަތުރުގެ ދާއިރާ އަބަދުވެސް ބަދަލުވާ ކަމަށާއި ރާއްޖެއިން ނަމޫނާއަކަށް ބަލާ ގައުމުތަކުގައި ވެސް އެއާޕޯޓުގެ ތަރައްގީއަކީ އަންނަ ޓްރެންޑަށް ބަލައިގެން ކުރިއަށްދާ ކަމެއް ކަމަށް

އޭވިއޭޝަން ދާއިރާ ފުޅާކުރަން ސީޕްލޭން ޓާމިނަލް ފުރަނަފުއްޓަށް ބަދަލުކޮށް އެއާޕޯޓް ހިންގާ ހުޅުލޭގައި އިތުރު ހިދުމަތްތައް ގާއިމްކުރުމަކީ އެންމެ ފައިދާވާނެ ގޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ޕްލޭން ދައްކާލަން މިދިޔަ ޖެނުއަރީ މަހު ބޭއްވި ޖަލްސާގައި ސަރުކާރުން އިއުލާނުކޮށްފައިވަނީ ހުޅުލޭގައި މިހާރު ހިންގާ ސީޕްލޭން އޮޕަރޭޝަންތައް ހުޅުމާލޭ ކައިރީގައި އޮންނަ ފުލްމޫން ރިސޯޓަށް (ޝެރެޓަން) ބަދަލުކުރުމަށެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރިސޯޓާ އެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ތަފްސީލް - ސީޕްލޭން ޓާމިނަލް ބަދަލުކުރުމުގެ ފީޒިބިލިޓީއާ ގުޅޭ ގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ:

  •  ދަތުރުފަތުރުގެ ދާއިރާ އަބަދުވެސް ބަދަލުވަމުން އަންނަ ކަމަށް

  • ރާއްޖެއިން އެ ދާއިރާގައި ނަމޫނާއަކަށް ބަލާ ގައުމުތަކުގައި ވެސް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްތަކަކީ މެދުކެނޑުމެއްނެތި، ދަތުރުފަތުުރުގެ ދާއިރާއަށް އަންނަ ޓްރެންޑަށް ބަލައިގެން ކުރިއަށްދާ ކަމެއް ކަމަށް

"އަޅުގަނޑުމެން ފިލާވަޅު ނަގަމުންދާ ގައުމުތަކުގައި، ހާއްސަކޮށް ހުއްޓުމެއް ނެތި ޓޫރިޒަމް ކުރިއަރާ ފަތުުރުވެރިން އިތުރުވަމުންދާ ގައުމުތަކާ އަދި ތަރައްގީވަމުންދާ ގައުމުތަކުގެ ތެރޭގައި އަޅުގަނޑުމެން ފިލާވަޅު ނަގާ އެކި ގައުމުތައް އެބަހުރި. ރާއްޖެ ކުޑަޔަސް އެމަގުން އަޅުގަނޑުމެން ކުރިއަށް ދާން ޖެހެނީ،" ސައީދު ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުމެން އާންމު އުސޫލުން ފިލާވަޅު މި ނަގަނީ މެލޭޝިއާ، ސިންގަޕޫރު، އަބޫދާބީ، ދުބާއީ، ބަހުރައިން، ގަތަރު މިކަހަލަ ގައުމުތަކުން. ދުނިޔޭގައި ޓްރެންޑު ވެސް ވަނީ މި ގައުމުތައް، މި ގައުމުތަކުގައި ދުވަހަކު ވެސް އެއާޕޯޓަކީ މި ނިމުނީއޭ ކިޔާފައި ހުއްޓާލާ ކަމެއް ނޫން."

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ދައުރު ފޮޓޯ/އަޒްމީ އަހުމަދު)

އޭނާ ވިދާޅުވީ މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލް އިމާރާތުގެ މަސައްކަތް ނިމުމުން އެތަން މާ ބޮޑު ކަމަށް ބުނެ ފީޒިބަލް ވާނެތޯ ވެސް ސުވާލު އުފެއްދި ކަމަށެވެ.

"މިހާރު މިވަގުތު، ސީޕްލޭން ޓާމިނަލް އެހެރީ ކެޕޭސިޓީ ގާތްގަނޑަކަށް އޯވާރަން ވެފައި،" 55 މިލިއަން ޑޮލަރު، (848.1 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެޅި ނޫވިލު ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ސައީދު ވިދާޅުވި އެވެ.

ސަރުކާރުން ޕްލޭންކޮށްފައި އޮތީ މިހާރުގެ ސީޕްލޭން ޓާމިނަލަކީ ޕްރައިވެޓު ޖެޓުތަކަށް ހިދުމަތް ދޭ ޓާމިނަލަކަށް ހެދުމަށެވެ.

ސައީދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ރާއްޖޭގައި ޖެޓަށް ހިދުމަތް ދިނުމަކީ ވަކި ސިނާއަތަކަށް ހަދަން ކަމަށާއި އެ މަސައްކަތަށް ވެސް ސީޕްލޭން ޓާމިނަލް ފުލް މޫން ރިސޯޓް ހިންގާ ރަށަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

"ފުލް މޫންއަށް [ސީޕްލޭން ޓާމިނަލް] ބަދަލުކުރުން އެއީ ކުރަން ޖެހޭ ކަމެއް މިހާރު. އެއީ އެކަން ފީޒިބަލް ވާނެ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލްގެ އެތެރެ (ފޮޓޯ/އެމްއޭސީއެލް)

"ރާއްޖެއަށް މަޑުމަޑުން ޓެސްޓު ކުރަމުން މިދިޔައީ އެއާޕޯޓުގެ ތެރެއިން ފުޅާކޮށްގެން އިގްތިސޯދު ފުޅާވާނެ މޮޑެލްއަކަށް ބަލަމުން. ގެންދާއިރު އާ ރަންވޭ ހުޅުވީ. އާ ރަންވޭ ހުޅުވި އިރު ބަރާބަރަށް ފީޒިބަލް."

އާ ފަސިންޖާ ޓާމިނަލްގެ މަސައްކަތް ވެސް ކުރިއަށްދާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުން އެއާޕޯޓުގެ ކެޕޭސިޓީ އިތުރުވާނެ ކަމަށެވެ.

"އެހިސާބުން ފުލްސްޓޮޕް ޖަހާފައި ނިންމަވާކަށް ރައީސް ބޭނުންފުޅެއް ނުވޭ. އޭގެ ނޭޗާއަށް، ޓޫރިޒަމް، ޓްރެވަލް، ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ނޭޗާއަށް ބެއްޔަސް މިއީ އަބަދުވެސް ގްރޯ ވާން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ އެންމެ ފައިދާވާނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރަސްމީ ޖެޓު ޓާމިނަލެއް އަދި ރާއްޖެއަކު ނެތް. އެހެންވީމާ ރައީސްގެ ވިސްނުންފުޅުގައި ޖެޓު ޓާމިނަލެއް [ހަދައި] އެ ވިޔަފާރި ރަސްމީކޮށް ސަރުކާރުން ރާއްޖޭގައި އުފަން ކޮށްގެން ކުރިއަށް ވަޑައިގަތުމަށް ބޭނުންފުޅު ވަނީ. އެއާ އެކު އަނެއްކާ އެއާޕޯޓުގެ ކެޕޭސިޓީ ބޮޑު ކުރަން ޖެހޭ،" ސައީދު ވިދާޅުވި އެވެ.

ވީއައިއޭގައި ޕްރައިވެޓު ޖެޓުތައް ޕާކުކޮށްފައި (ފޮޓޯ/އެމްއޭސީއެލް)

އޭނާ ވިދާޅުވީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދާއިރާ ވެސް ފުޅާކުރަން ޖެހޭ ކަމަށާއި މަތިންދާބޯޓުތަކަށް ފޯރުކޮށްދޭ އިންޖިނިއަރިންގެ ހިދުމަތް ޒަމާނީކޮށް ރާއްޖެއިން އެ ހިދުމަތް ވެސް ދޭން ޖެހޭ ކަމަށެވެ.

"... ނުދީފިއްޔާ މި ދަނީ ސިލޯނަށް ނޫނީ ކައިރި އެހެން ގައުމަކަށް. ކީއްކުރަންތޯ އަޅުގަނޑުމެން ދިވެހިން އެ ފުރުސަތު އެހެން ގައުމަކަށް ދޭންވީ؟ އެހެންވީމާ ރައީސް ބޭނުންފުޅުވޭ ރާއްޖޭގައި މި ހިދުމަތްތައް ދޭން،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގައި އެ ދާއިރާއިން ތައުލީމު ހާސިލްކޮށްގެން ތިބި ގިނަ ބަޔަކު އެބަ ތިބިކަން ވެސް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ސީޕްލޭން އިންޑަސްޓްރީ އޮތީ ރާއްޖޭގައި ކަމަށާއި މިހާރު ލޭންޑިން އާއި ޓޭކް އޮފް އަދި މޫސުމަށް އަންނަ ބަދަލާއި އެއާޕޯޓް ޓްރެފިކަށް އިތުރުވާ އަދަދަށް ބަލާއިރު އޮޕަރޭޝަން ސޭފްޓީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ ސީޕްލޭން ޓާމިނަލް ބަދަލުކުރުން ކަމަށެވެ.

"ކުރިއެރުންތައް އެބަ ލިބޭ އިތުރަށް ފުޅާކޮށް ސީޕްލޭން އޮޕަރޭޝަން އެހެން ތަނަކަށް ބަދަލުކޮށްފައި މިހާރުގެ ޓާމިނަލް އިގްތިސޯދީ ގޮތުން އެންމެ ރަނގަޅު ފައިދާ ލިބޭނެ ގޮތަށް ބައްޓަން ކުރީމާ،" ސައީދު ވިދާޅުވި އެވެ.

"އެގޮތުން [ސީޕްލޭން އޮޕަރޭޝަންތައް] ފުލްމޫންއަށް ބަދަލުކޮށްފައި މިހާރުގެ ސީޕްލޭން މި ބަދަލުވަނީ ޖެޓް ޓާމިނަލްއަކަށް."

އޭނާ ވިދާޅުވީ ސީޕްލޭން ޓާމިނަލްގައި ހުރީ އެންމެ ޒަމާނީ ވަސީލަތްތައް ކަމަށާއި އެތަން ޖެޓުތަކަށް ހިދުމަތް ދޭ ތަނަކަށް ބަދަލުކުރަން މާ ބޮޑު ހަރަދެއް ވެސް ނުދާނެ ކަމަށެވެ.

މިހާރު ސީޕްލޭން ރަންވޭގެ ގޮތުގައި ބޭނުންކުރާ ސަރަހައްދު ހިއްކައި އެތަނުގައި ޑޮމެސްޓިކް ޓާމިނަލް އަޅަން ނިންމާފައިވާ އިރު މިހާރު ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ހުރި ސަރަހައްދަކީ އިންޖިނިއަރިން ހިދުމަތް ދޭ ސަރަހައްދަކަށް ހަދަން ވެސް ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް