އާ ސީޕްލޭން ޓާމިނަލްގެ 'ނީރި' ކޮމަން ލައުންޖު: މި ޓާމިނަލް ބޭނުންކުރަން ފެށިތާ އަދި ތިން އަހަރު ނުވޭ (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

55 މިލިއަން ޑޮލަރުގެ ސީޕްލޭން ޓާމިނަލް 'ކުންޏަށް' ހަދާލަނީތަ؟

ވީއައިއޭގެ ތަރައްގީގެ އާ ފިޔަވަހީގެ ނަމުގައި ސަރުކާރުން އިއުލާންކުރި ބިޔަ މަޝްރޫއުގެ ވާހަކަ އިވިފައި ލިބޭނީ ސިހުން. އުފެދޭނީ ހުސް ސުވާލު
7 ޖެނުއަރީ 2024
9

"އަހަންނަށް ނޭނގިގެން މި އުޅެނީ ސައީދު ރައީސްގެ ބޮލަށް އެރުނު ގޮތެއް،" ރާއްޖޭގައި ހިންގި ބޮޑެތި މަޝްރޫއުތަކެއްގައި އިސް ޒިންމާތަކެއް ނެންގެވި ބޭފުޅަކު، މިދިއަ ހުކުރު ވިލޭރޭ ދަރުބާރުގޭގައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ ދެ ވަނަ ފިޔަވަހި އިއުލާންކުރުމުގެ ހަފުލާ ބެއްލެވުމަށް ފަހު ވިދާޅުވި އެވެ.

އޭނާ އެ މާނަކުރެއްވީ ވީއައިއޭގެ އާ މަޝްރޫއު ރާއްޖޭގެ މިހާރުގެ އިގުތިސާދީ ހާލަތާ ވެސް ނުބައްދަލު ފެންވަރެއްގައި ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ނަމަވެސް، އެ ހިޔާލުތަކުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބާރު އެޅުންތަކެއް އޮންނާނެ ކަމަށް ގަބޫލުކުރައްވައި، އެ ވާހަކަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވީއައިއޭގެ ތަރައްގީއަށް ހިންގި އަދި މިހާރު ވެސް މުޅިން ނިންމާ ނުލެވޭ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ މަޝްރޫއުތަކުގައި ވެސް އޭރު އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން ސައީދު ޒިންމާތަކެއް ނެންގެވި އެވެ. އޭރު ވެސް މޮނޮރޭލް ފަދަ ބައިތައް ލައިގެން އެއާޕޯޓް ތަރައްގީކުރަން އޭނާ އެކި ފަހަރު ހިޔާލު ފާޅުކުރެއްވި ކަމަށް ވެ އެވެ. ނަމަވެސް ރާއްޖޭގެ މައި އެއާޕޯޓަށް އެންމެ އަވަހަށް ބޭނުންވާ ކަންކަމުގެ ތެރޭގައި އެ ބައި ހިމަނަން އެހެން ބޭފުޅުން ބޭނުމެއް ނުވި އެވެ. އެހެންކަމުން ސައީދުގެ 'ހިޔާލީފޮލާ' ވައިގައި ނުހިފައި އޮތީ ކަމަށް، މައުލޫމާތު އެނގި ތިބި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލްއަކީ ވީއައިއޭގެ އެންމެ ރީތި އެއް އިމާރާތް (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

ނަމަވެސް ރައީސް މުއިއްޒު އިއުލާންކުރެއްވި އާ މަޝްރޫއުގައި މޮނޮރޭލްގެ ބައި ވެސް ހިމެނެ އެވެ. ހުޅުލެ އާއި މޮނޮރޭލް ގުޅުވާލަނީ، މިހާރު ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް ހިންގާ ފުރަނަފުއްޓާ އެވެ. ވީއައިއޭގެ ފަޅުތެރޭގައި މިހާރު އޮޕަރޭޓްކުރަމުން އަންނަ ސީޕްލޭންގެ ދަތުރުތަކާއި ސީޕްލޭން ޓާމިނަލް ވެސް ބަދަލުކުރަން، އާ މަޝްރޫއުގައި އޮތީ، ފުރަނަފުއްޓަށެވެ.

"އެ އާ ޓާމިނަލް ވެސް ނަގާ ވާހަކަ އެ ދައްކަނީ. ހިތަށްއަރަނީ ކިހިނެއްހޭ އެފޯޑްކުރެވޭނީ، އެއާޕޯޓަށް ނެގި ލޯނުތައް އަދިވެސް ނުދައްކާ ހުރެ، އަނެއްކާ އަނެއް ލޯނުތައް، މިއީ ކިހިނެއް ވާނެ ކަމެއްހޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ނަން ޖަހަން ބޭނުންނުވަނީ އާ ސަރުކާރުގެ އެހާ ބޮޑު މަޝްރޫއުއަކަށް ފާޅުގައި ފާޑުވިދާޅުވެއްޖެ ނަމަ އޭނާއަށް ކުރިމަތިވެދާނެ މައްސަލަތައް ހުރުމުންނެވެ. ސަރުކާރު ހިތްހަމަނުޖެހޭ ކަހަލަ ވާހަކަތަކެއް މި ދަނޑިވަޅު ދައްކަވަން، އޭނާގެ ވަޒީފާގެ ގޮތުން ވެސް ބޭނުމެއް ނުވެ އެވެ.

ރައީސް މުއިއްޒުގެ ބޮލަށް އެރެވޭނެ ބަޔަކު ތިބެދާނެ ކަމަކަށް ނުފެނެ އެވެ. އެހެންކަމުން އާ މަޝްރޫއުގެ ފުރަތަމަ ކުރެހުންތަކަކީ ހަމައެކަނި ސައީދުގެ ހިޔާލެއް ކަމަށް ނިންމައިގެން ނުވާނެ އެވެ. އެއީ ސީދާ ރައީސް މުއިއްޒުގެ ހުއްދަ އާއި ހިތްހަމަޖެހިވަޑައިގަތުން އޮތް ނިންމުމެކެވެ.

މިހާރު ހަދާފައި ހުރި ތަންތަން ކުޑަވާން އަދި ކައިރި ވެސް ނުވޭ 

ޔާމީންގެ ވެރިކަމުގައި ވީއައިއޭގެ ތަރައްގީއަށް ހިންގަން ފެށި އެއްވެސް މަޝްރޫއުއަކާ މެދު މާ ބޮޑު ހިޔާލުތަފާތުވުމެއް، އަދި ސުވާލެއް ވެސް ނެތް މެ އެވެ. ސަބަބަކީ ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުމާ އަޅާބަލާ އިރު މުޅިން މުސްކުޅިވެފައި އޮތް އެއާޕޯޓަށް އެތައް ގޮތަކުން ބޮޑެތި ބަދަލުތަކެއް ބޭނުންވުމެވެ. އެހެންކަމުން އާ ސީޕްލޭން ޓާމިނަލް، އާ ރަންވޭ، އާ ޕެސެންޖަ ޓާމިނަލް، އާ ފިއުލް ފާމް އަދި އާ ކާގޯ ޓާމިނަލް، މިއިން ކޮންމެ ދާއިރާއަކުން ވެސް އޭރު ފެށީ މުހިންމު މަސައްކަތްތަކެކެވެ.

އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިިލިއަން ރުފިޔާ) ހޭދަކޮށްގެން އާ ސީޕްލޭން ޓާމިނަލް ހަދައި ބޭނުންކުރަން ފެށިތާ އަދި ތިން އަހަރު ނުވެ އެވެ. އެހާ ރީތި ތަނެއް ނަގާ 'ކުންޏަށް' ހަދާލަން ކައިރި ވެސް ނުވާ ކަމަށް، ކޮންމެ ދުވަހަކު ޓޫރިސްޓުން ގޮވައިގެން މައި ޓާމިނަލުން ސީ ޕްލޭން ޓާމިނަލަށް ގޮސް އުޅޭ، ބައެއް މީހުން ބުންޏެވެ. އެ މީހުންގެ ނަޒަރުގައި ޓޫރިސްޓުންނަށް އެހާ ފަސޭހަ ތަނެއް ނަގައި، އެއަށް ވުރެ މާ ދުރަށް ގެންދިއުމުގެ ބޭނުމެއް ވެސް ނެތެވެ.

"މި އުޅެނީ ތަނުގެ އޮފްކަން ވެސް އަދި ނުކެނޑިގެން،" ޓޫރިސްޓުންގެ ހިދުމަތުގައި އުޅެމުން އަންނަ އެކަކު ބުންޏެވެ.

ސުވާލުތައް އުފެދެނީ އެހާ ހިސާބުންނެވެ. ތަން ކުޑަވެގެން އުނދަގުލެއް ކުރިމަތިވާ ވަރަށް ޓޫރިސްޓުން ވެސް އަދި ނާންނަ އިރު ބޮޑު ހޭދައެއްކޮށްގެން އެހެން ތަނެއްގައި އާ ޓާމިނަލެއް ހަދަން ރައްޔިތުން އަދާކުރަން ޖެހޭ ބޮޑު އަގެވެ. ސަރުކާރުން ލޯނު ނެގިޔަސް، ނުވަތަ އާ އިންވެސްޓަރުންތަކެއް ހޯދިޔަސް އޭގައި ރައްޔިތުންގެ މިލްކުން އަދާކުރާނެ އަގުތަކެއް ހުންނާނެ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ކުރެހުންތައް ދައްކަވަން ރައީސް މުހައްމަދު މުއިއްޒު ފައްޓަވާއިރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ކަނާތް ފަރާތުގައި (ފޮޓޯ/ރައީސް އޮފީސް)

މި ސަރުކާރު ވެރިކަމަށް އައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދު "ފުނޑާލާފައި" އޮތް ކަމުގެ ވާހަކަތަކާ އެކުގަ އެވެ. ދަރަނި ބޮޑުވެ، ގައުމު ބަނގުރޫޓުވެފައި އޮތް ކަމުގެ އިންޒާރު ދެމުންނެވެ. އެ ހާލަތުގައި އޮތް ގައުމެއް ނަގާ ކޮޅަށް ޖެހުމުގެ ބަދަލުގައި ފުރަތަމަ ވެސް މި ވަގުތަށް ނުވަތަ ކުރިއަށް އޮތް 10 އަހަރަށް ވެސް ބޭނުންނުވާ ދާއިރާތަކަކަށް އެތައް މިލިއަން ޑޮލަރެއްގެ އާ ހޭދަކުރުމަކަށް މިހާރު އެ ތައްޔާރުވަނީ އެވެ.

އާ ސީޕްލޭން ޓާމިނަލް ހަދަން ޕްލޭންގައި ކަނޑައަޅާފައި އޮތީ 156 ކޮޓަރީގެ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ ޝެރަޓަން ހިންގާ ރަށުގަ އެވެ. ހުޅުމާލޭގެ އުތުރުގައި އޮތް ރަށް ސަރުކާރަށް ނަގާ ނަމަ ބަދަލުގައި ދޭން ޖެހިދާނެ މިންވަރު ވެސް، ސީޕްލޭން ޓާމިނަލެއް ހަދަން ހޭދަކުރާ އަގަށް ވުރެ ވަކި ކުޑަވާނެ ކަމަކަށެއް ނުފެނެ އެވެ.

ސީޕްލޭން ޓާމިނަލް ނަގަނީ އެ ފަޅު ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާ ޖެހެންދެން ހިއްކާށެވެ. އާ ޕްލޭންގައި ހިމެނޭ ތަރައްގީގެ ބައިތައް ހަދަން ބިން ލިބެން އޮތީ، މައި އެއާޕޯޓާ ގުޅިފައިވާ އެ ރީތި ފަޅު ގުރުބާންކޮށްގެންނެވެ.

ވީއައިއޭގައި މިހާރު ހަދަމުން އަންނަ އިންޓަނޭޝަނަލް އާ ޓާމިނަލް: މިތަން މި އަހަރުގެ ފަހުކޮޅަށް ނިންމަން ސަރުކާރުން ބޭނުންވޭ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ސީޕްލޭން ޓާމިނަލްގެ ވާހަކައަށް ފަހު ދެން އޮތީ އާ ޕަސެންޖަ ޓާމިނަލްގެ ވާހަކަ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބައެއް ތަޖުރިބާކާރުން ވިދާޅުވީ މިހާރު ނިމެމުން އަންނަ އިންޓަނޭޝަނަލް ޕެސެންޖަ ޓާމިނަލް 25 މިލިއަން މީހުންގެ ޖާގައިގެ ބޮޑު ތަނަކަށް ހަދަން މަޝްރޫއުއެއް ފަށާ ވަރާ ގާތަށް ވެސް ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ނުދާ ކަމަށާއި ކައިރި މުސްތަގުބަލެއްގައި ދިއުމުގެ ފުރުސަތު ވެސް ކުޑަ ކަމަށެވެ. 

އާ ޓާމިނަލް ހަދަނީ އަހަރަކު ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށެވެ. އެއީ އަންނަ 3.5 މިލިއަން ދަތުރުވެރިންނާއި ފުރާ 3.5 މިލިއަން ދަތުރުވެރިންނެވެ. މިދިއަ އަހަރު ރާއްޖެއަށް އައީ 1.8 މިލިއަން ޓޫރިސްޓުންނެވެ. 

ޓާމިނަލް ހުޅުވުމާ އެކު ރާއްޖެ އަންނަ އެއާލައިންތައް ގިނަވުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ޓޫރިސްޓުން އިތުރުވާން ވެސް އޮތް މަގެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އަހަރަކު ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށް އެއާޕޯޓްގެ ކެޕޭސިޓީ ފުލްވާނީ ކޮން ދުވަހަކުން ކަން ބުނަން އުނދަގުލެވެ.

"މިހާރު ޓޫރިޒަމްގެ ގްރޯތު ހުރި ވަރުން އަޅުގަނޑަކަށް ނުބުނެވޭނެ ކުރިއަށް އޮތް 10 އަހަރަށް ވެސް ޓާމިނަލް ކުޑަވެގެން އުޅެން ޖެހޭނޭ،" އެއް ތަޖުރިބާކާރު ވިދާޅުވި އެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ އާ ފިޔަވަހި އަމާޒުކޮށްފައި ވަނީ ކުރިއަށް އޮތް 20 އަހަރު ދުވަހަށެވެ. އެކަމަކު ރައީސް މުއިއްޒުގެ ވާހަކަފުޅުން ދޭހަވަނީ މި ފަސް އަހަރުގެ ތެރޭގައި ވެސް އެ މަސައްކަތުގެ އަމަލީ ބައި ފަށާނެ ކަމެވެ.

ފުރަތަމަ ބަލަންވީ އާ ޓާމިނަލް ބޭނުންކުރަން

ކޮންމެ ކަހަލަ މަޝްރޫއުތަކެއް ވެސް، ރީތި މަންޒަރުތަކާ އެކު އިއުލާންކުރެވިދާނެ އެވެ. ނަމަވެސް ރާއްޖެ މިހާރު މި އޮތް ހާލަތަށް ބަލާއިރު ކުރިއަށް އޮތް 10 އަހަރަށް ވެސް ބޭނުންނުވާނެ ފަދަ ކަންކަމުގެ ތެރެއަށް ވަދެ، ދަރަނި ބޮޑުކުރުމުގެ ބޭނުމެއް، މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅުންނަކަށް ވިސްނިވަޑައެއްނުގަންނަވަ އެވެ. އެ ބޭފުޅުންގެ ހިތުގައި އުފެދެނީ ތުހުމަތުތަކެވެ. ކޮންމެ ބޮޑު މަޝްރޫއުއަކީ އެ ވަގުތަކު ސަރުކާރުގައި އިސްކޮށް ތިއްބަވާ ބޭފުޅުންނަށް ފައިދާތަކެއް ވާ ކަމެއްކަން ރާއްޖޭގެ ތަޖުރިބާއިން އެނގޭ އެނގުމެވެ. އެއީ ބާ ސަރުކާރެއް ވިޔަސް، އާ ސަރުކާރެއް ވިޔަސް ސަލާމަތްނުވެވޭ ތުހުމަތުތަކެވެ.

"ފުރަތަމަ ކުރަން ޖެހޭނީ ފުރަތަމަ ކުރަން ޖެހޭ ކަންތައް. އެއީ އާ ޓާމިނަލް ބޭނުންކުރަން ފެށުން،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

"އެ ޓާމިނަލް ކުޑަވީމާ ނުވަތަ ކުޑަވާން ފެށީމާ ދެން އެންމެ ރަނގަޅު އެހެން ގޮތެއް ހޯދަން. އެކަމަކު މިއީ އެ ވަގުތެއް ނޫން."

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ވީއައިއޭ: މިހާރު ވެސް މި ތަނުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ އަގު 1 ބިލިއަން ޑޮލަރަށް ވުރެ މަތި (ފޮޓޯ/އެމްއޭސީއެލް)

އެ ހިޔާލާ މި ސަރުކާރުގެ ވެރިންގެ ވިސްނުން ތަފާތުވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ރައީސް މުއިއްޒު މިއަދު އެ ވަޑައިގަންނަވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށެވެ. ވީއައިއޭގެ އާ ތަރައްގީގެ ޕްލޭންތަކުގެ ކަރުދާސްތައް ގެންދެވުން ވަރަށް ކައިރި އެވެ.

ހާރިޖީ ސިޔާސަތުގައި އިންޑިއާއާ ދުރަށް ޖެހިލައި، ޗައިނާއާ ކައިރިވެލުމުގެ އަގު، އާ މަޝްރޫއުތަކެއްގެ ތެރެއިން ނުލިބޭނެއޭ ބުނެވޭކަށް ނެތެވެ. އެކަމަކު ވީއައިއޭގެ ތަރައްގީއަށް ބޮޑެތި އާ މަޝްރޫއުތަކެއް މިހާ އަވަހަށް ހިންގުމުގެ ބޭނުމެއް ނުފެނެ އެވެ. އެއީ މި ސަރުކާރުގެ ވެރިން ވިދާޅުވި "ދަރާ ބަނގުރޫޓުވެފައި" އޮތް ގައުމަކަށް އަމުދުން އެކަށީގެންވާ ކަމެއް ނޫނެވެ. 

ރާއްޖޭގެ ނިސްބަތުން 55 މިލިއަން ޑޮލަރަކީ ވަރަށް ބޮޑު އެއްޗެކެވެ. އެވަރުގެ ބޮޑު ހަރަދެއް ކޮށްފައި އޮތް ސީޕްލޭން ޓާމިނަލް، އެކަކު ބުނި ގޮތަށް، ތަނުގެ އޮފްކަން ނުކެނޑެނީސް ކުންޏަށް ހަދާލެވޭ ވަރަށް ވުރެ ރާއްޖެ ފަގީރެވެ. މި ނޫން ގޮތަކަށް ވިސްނޭ ނަމަ އެމީހަކު އެ އުޅެނީ ރާއްޖެއަކު ނޫނެވެ. ނުވަތަ އެމީހަކަށް ރާއްޖޭގެ ހާލަތެއް ނޭނގެ އެވެ.

ކޮމެންޓް (9)

މަރޯ

8 ޖެނުއަރީ 2024
ނޭގޭ ބަޔަކަށް ކިޔާދިނަސް ނޭގޭނެ ، ތަރައްގީކޮށް ލޯމައްޗަށް ފެންނަންދެން ކެތްކޮއްލާގެން ތިބެބަލަ
2 0

ސައީދުގެ ކުރީގެ ސްޓާފެއް

7 ޖެނުއަރީ 2024
މިރިޕޯޓަށް ވާހަކަ ދެއްކިމީހުން ސައީދު ކައިރީ މަސައްކަތްކުރިބާ؟ ވިލާގެ ކުރިއެރުމުގައި ސައީދުގެ ހިއްސާ އޮތްވަރު އިނގޭބާ؟ ވިލާ ކޮލެޖު، ވިލާ އެއާ ފަދަ ކަންކަމުގައި ސައީދުގެ ބައިވެރިވުމާއި ޚިޔާލާއި ދިން ލަފާ އެނގޭބާ. ތިފަދަ މީހުން މީހުން އޭރުވެސް ބުނީހީ ވިލާ ކޮލެޖު، ވިލާ އެއާ ފަދަ ތަންތަނަކީ “މިހާރު ރާއްޖެއަށް ބޭނުންނުވާ”، “ބޭކާރު”، “ރާއްޖެ ނޭނގޭ”، “ރާއްޖޭގެ ހާލަތު ނޭނގޭ” ބަޔަކު ކުރާނެ ކަމެކޭއެވެ. ޥިޝަނަރީންނަކީ ކޮންމެ ކޮންމެ މީހަކަށް ނުވެވޭ ކަމެއްކަން ނިމިދިޔަ 5 އަހަރުންވެސް ހެކިދެޔެވެ.
5 5

މިހާރުގެ ސްޓާފެއް

7 ޖެނުއަރީ 2024
@ސައީދުގެ ކުރީގެ ސްޓާފެއް ވިލާ އެއާ ފެށުނީއްސުރެ މިއަދާ ހަމައަށް އެހިންގަނީ ގެއްލުމުގައި!
3 0

މިމީހާ

7 ޖެނުއަރީ 2024
ދުރުރާސްތާ ވިސްނުމަކުން ވިސްނާއިރު އެއަރޕޯރޓް ޕްރޮޖެކްޓަކީ ރާއްޖޭގެ އިކޮނޮމީއަށް ވަރަށް ފައިދާ ބޮޑު ޕްރޮޖެކްޓަކަށް ވާނެ ކަމަށް ފެނޭ.
2 4

އިބިރަހިމާ

7 ޖެނުއަރީ 2024
@މިމީހާ ކިހާދުރު ރާސްތާ އަކަށް ތިޔަ ވިސްނާލީ؟ ވަރުގަދަކޮށް އޮއްސާ ހުރިހާ ކޮންކްރީޓަކީ ތިޔަ ހީކުރާކަހަލަ މުސްތަގްބަލަށް ފައިދާއެއް ނޫން.
2 0

ސައީދު

7 ޖެނުއަރީ 2024
ސަޢީދު ޗިޕް ޖަހަން މޮޅީ ދޯ ހަމަ
6 1

ސަސި

7 ޖެނުއަރީ 2024
މިހާރު ހީވަނީ ޔާމީނުކޮށްފަ ހުރި ހުރިހާ ކަމެއްގެ އޮފު ކަނޑުވާލަން ރާވައިގެން ކުރާ ކަމެއްހެން
11 2

ބަންބު

7 ޖެނުއަރީ 2024
@ސަސި އަސްލުވެސް. ބޭނުމަކީ ޔާމީނުގެ ލެގަސީ ފޮހެލުން. ބުރިޖުވެސް ތަޅާލާފަ އަލުން އަޅާނެ އެކަންވެސް ވާން އޮތިއްޔާ!
3 0

ނަންނުގަތި

7 ޖެނުއަރީ 2024
ދިވެހިރާއްޖެ އަކީ ރާވާ ރޫޅާ ލުމާއި މަރާމާތު ކުރުމަށް، ވަރަށްބޮޑު ޚަރަދެއް ކުރުމަށް އަންނަ ޤައުމެއް؟ މުޅި ސަރުކާރުގައިވެސް ރާވާ ރޫޅާ ލުމުގެ މަސައްކަތުގައި އަބަދުވެސް މެކުހަށް. މިހެން މިވަނީ އެެއްވެސް ޕްލޭނެްނެތުމާއެކު، ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައް ކުރުމަށް އާދަވެފައިވާތީ.
11 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް