އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ އިކޮނޮމިކް ޒޯނު އޮންނާނެ ގޮތުގެ ކުރެހުމެއް

އިގްތިސާދު

އިކޮނޮމިކް ޒޯނު ތަރައްގީކުރަން 5 މަސް ތެރޭ އެއްބަސްވުމަކަށް އާދެވޭނެ: ސައީދު

ސައީދު ވިދާޅުވީ 5 އަހަރު ތެރޭ ފުނަދޫ އާއި މާލެ އަދި ހުޅުލެ އާ ގުޅާލެވޭނެ ކަމަށާއި ފުނަދޫގައި ގާއިމްކުރާ ފައިނޭންޝަލް ހަބުގެ މަސައްކަތް ނިމޭނެ ކަމަށް

ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަދި ކ. ފުނަދޫގައި ގާއިމް ކުރަން ނިންމާފައިވާ ސްޕެޝަން އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއޭއީގެ އިންޓަނޭޝަނަލް ފުރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ ދެމެދު މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށް އޮތް 4 ނޫނީ 5 މަސް ތެރޭ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިކޮނޮމިކް ޒޯނުތައް ތަރައްގީ ކުރުމުގެ އެމްއޯޔޫގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިއަދު ސޮއިކުރި އެމްއޯޔޫ އަށް ފަހު، 4 ނޫނީ 5 މަސް ތެރޭ އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.

ތަފްސީލް - މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެއްބަސްވުމުގެ ތެރެއިން، ކ. ފުނަދު އާއި އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ފައިނޭންޝަލް ސެންޓަރު އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

މިހާރު އެސްޓީއޯ އިން ތެޔޮ ރައްކާ ކުރާ ފުނަދޫ އިގްތިސޯދީ ހަބަކަށް ބަދަލު ކުރަން ނިންމައި އެކަމާ ގުޅޭ ޕްލޭން ދައްކާލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި ލޯންޗު ކުރުމަށް ބޭއްވި ހަފްލާގަ އެވެ.

ފުނަދު އާއި މާލެ އަދި ފުނަދޫ އާއި ހުޅުލެ ބުރިޖުން ގުޅާލައި، ފުނަދުއަކީ ފައިނޭންޝަލް ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ އިރު، ސައީދު ވިދާޅުވީ ތެޔޮ ރައްކާ ކުރާ ނިޒާމު ކ. މާގިރިފަޅަށް ބަދަލު ކުރަން ނިންމުމުން އެތަނުގައި އިމާރަތް ކުރަންފަށައި، ފަސް އަހަރު ތެރޭ އިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ފަސް އަހަރު ތެރޭ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ލަފާ މި ކުރަނީ ބިލްޑިން އެޅި، ފުނަދު އާއި ހުޅުލެ އާ ގުޅާލާ ބްރިޖާ އެކީ ނިމި ހަމަ އެގޮތަށް ހުޅުމާލެ އާ ވެސް ގުޅާލެވޭނެ ކަމަށް މާލެއާ އެކު. އެ މަސައްކަތަށް ފަންޑު ކުރާނީ އިފްޒާ އިން،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިހަވަންދިއްޕޮޅުގައި ހިންގާ ބޮޑު މަޝްރޫއަށް އިންވެސްޓުމެންޓް ފައިނޭންސް އަދި އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ވެސް ކުރާނީ އިފްޒާ އިން ކަމަށެވެ.

ގުޅުން ހުރި - ހޯރަފުށީ ފަޅު ހިއްކައިގެން އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ މަޝްރޫއާ ގުޅޭ ވީޑިއޯއެއް ދައްކާލައިފަ އެވެ.

އެ ވީޑިއޯ އިން ފެންނަގޮތުގައި ހޯރަފުށި ހިމެނޭހެން ތަރައްގީ ކުރާ އެ ސަރަހައްދުގައި ތަރައްގީ ކުރާނެ ވަސީލަތްތަކުގެ ތެރޭގައި:

  • ރިސާޗު އެންޑް ޑިވެލޮޕްމެންޓު ހަބް

  • ޔުނިވާސިޓީ

  • އިސްލާމިކް ފައިނޭންސް ސެންޓަރު

  • ރެޒިޑެންޝަލް ޓައުންޝިޕް

  • ސްޕޯޓްސް ހަބް

  • ފިލްމް ސިޓީ

  • ކޯވްޕޯޓް

  • ކްރޫޒް ޓާމިނަލް

  • އިންޓަނޭޝަނަލް އެއާޕޯޓު

  • ހޯރަފުށީގައި މިހާރު މީހުން އުޅޭ ސަރަހައްދު

  • ހޯރަފުށި ލައިޓް އިންޑަސްޓްރިއަލް ކްލަސްޓާ

  • އޭރޯ ސިޓީ

  • އޭރޯސިޓީ ރެޒިޑެންޝަލް ޓައުންޝިޕް

އިތުރު އާޓިކަލް

އިތުރު އާޓިކަލް